އިދިކޮޅު ކެންޑިޑޭޓް އަބްރާހީމް މުޙައްމަދު ސޯލުހު (އިބޫ) އަށް ވޯޓު ދެއްވުމަށް އާދޭހާއި އެކު ދިވެހި ރައްޔިތުންގެ ކިބައިން އެދޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު މީސްމީޑިއާގައި ޢާންމުކުރި ވީޑިއޯއެއްގެ ޒަރިއްޔާއިން ގާސިމްގެ މެސެޖެއް ދިވެހިންނަށް ފޮނުއްވާފައިވާއިރު، ގާސިމް ވިދާޅުވީ އާދީއްތަ ދުވަހުގެ ހެނދުނު ނިކުމެވަޑައިގެން ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓުދެއްވުމަށްފަހު ވޯޓުގެ ނަތީޖާ އިއުލާނު ކުރުމާއި ހަމައަށް ގެއަށް އެނބުރި ވަޑައިނުގަތުމަކީ ރައްޔިތުންގެ ކިބައިން އެދޭ ކަމެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެވިފައިވާ އެއްވެސް ބޭފުޅަކު ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ވާނަމަ އަދި އާއިލާއަކުން ވެސް ވާނަމަ އަދި ރަށަކަށްވެސް ވާނަމަ އެ ހުރިހާ ބޭފުޅުން، އަޅުގަނޑު ހަމަ އާދޭހާއެކު މި ދަންނަވަނީ އިބްރާހީމް މުޙައްމަދު ސޯލިހުއަށް ވޯޓުދެއްވުމަށް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މާއްދިއްޔަތަށް ހެއްލިވަޑައިނުގަނެ ޤައުމާ ދީނާ ސަލާމަތްކުރުމަށާއި، "އަޅުގަނޑުމެންގެ" މިނިވަންކަން ހޯދުމަށްޓަކައި އާއި ދުނިޔޭގައި އެކަހެރިވަމުންދާ އެކަހެރިވުމުން ސަލާމަތްވުމަށްޓަކައި އާއި ޤާނޫނު އަސާސީ އާއި ދުސްތޫރީ ހަމަތަކާއި އިންސާފު ލިބިގަތުމަށްޓަކައި އާއި އަނިޔާއިން ސަލާމަތްވުމަށްޓަކައި "މިކަން ކުރަން" ޖެހޭ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ހަމަ ރައްބީގެ ސަލާމުން ސަލާން ޖަހާފައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެވިފަހުރި ހުރިހާ ފަރަތަކަށް އަޅުގަނޑު މި ދަންނަވަނީ އިބްރާހީމް މުޙައްމަދު ސޯލިހަށް ވޯޓު ދެއްވާށޭ. އާދެ އެއީއޭ އަޅުގަނޑުމެންނަށް ހަމައެކަނި ސަލާމަތްވެވެން އޮތް ގޮތަކީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިބްރާހީމް މުޙައްމަދު ސޯލިހަށް ވޯޓުދޭން ޖެހެނީ، "ކޮރަޕްޝަނާއި ފަސާދައާއި ދެން މިހެންގޮސް އިންސާފު ނުލިބިގެންދާ ދިއުމާއި މީހުންނަށް ލިބެމުންދާ އަނިޔާގެ ބޮޑުކަމުން" އެފަދަ ކަންކަމުން ސަލާމަތްވުމަށް ކަމަށެވެ.
އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދެކޭ އެއްފަދައިން، ގާސިމަކީ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުއްވާ ބޭފުޅެކެވެ. ޖަލު ޙުކުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނެވުމަށްފަހު، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ގާސިމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވެގެން ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ގާސިމް ޖަލުން ފިއްލެވީ ހިތުގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ އެވެ. އެއަށްފަހު ސިންގަޕޫރުގައި ފަރުވާ ހޯއްދަވައިގެން، ރާއްޖެއަށް ފްލައިޓުގައި ވަޑައިގަނެވޭވަރަށްވުރެ ހާލު ދެރަކަށް ވިދާޅުވެ ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެގެން ދިޔައިރުވެސް އެޤައުމުގައި ހުންނެވިއެވެ. މިގޮތަށް ގާސިމް ވިދާޅުވި ދުވަސްކޮޅު، ސިންގަޕޫރުގެ ބާޒާރެއްގެ ތެރޭގައި ހުންނަވަނިކޮށް މީހަކު ނަގާފައިވާ ފޮޓޯއެއްވެސް ޢާންމުވެ ގާސިމަށް ފާޑުކިއުން އަމާޒުވެގެން ދިޔައެވެ.
ދަތުރު ކުރެވޭ ވަރަށް ބަލި ހާލަތު ތަން ނުދޭކަމަށާއި، ހާލު ދެރަކަމުން ފްލައިޓުން ދަތުރުކުރުމަށް އެއާލައިނުން ހުއްދަ ނުދޭކަމަށް ވިދާޅުވެ ރާއްޖެ ވަޑައިނުގަނެވި ސިންގަޕޫރުގައި ގާސިމް ތާށިވެފައިވާ ކަމަށް ޖޭޕީން ދިޔައީ ބުނަމުންނެވެ. އެހެނަސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަމުރާއި އެކު، ފްލައިޓުގައި ދަތުރުކުރެވޭ ވަރު ވެއްޖެ ކަމަށް ވިދާޅުވެ ރާއްޖެ އައުމަށް ގާސިމް ތައްޔާރުވެވަޑައިގަތެވެ.
ނަމަވެސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެދުވަހު ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުވެގެން ދިޔަފަހުން އަނެއްކާވެސް މީސްމީޑިއާ މެދުވެރިކުރައްވާ ބަލި ހާލަތު ދެރަވެވަޑައިގެންފައިވާކަން ގާސިމް ވަނީ ހާމަކުރައްވާފައެވެ.
އިބޫއަށް ވޯޓުދެއްވުމަށް ރައްބީގެ ސަލާމުން ސަލާންޖަހައި އާދޭސްކުރަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ