މ.ދިއްގަރު ގައި ސަރުކާރުން ހަނދަމުން އައި ބަނދަރުގެ މަސައްކަތް، މެމްބަރު ކޮންމެ ކޮޅެއްގައި ހުންނެވި ނަމަވެސް އޮތީ ނިންމާފައި ކަމަށް މިނިސްޓަރ އޮފް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ޑރ.މުޢިއްޒު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ މ.ދިއްގަރު ބަނދަރު ހަދާ ނިންމާފައިވާ ކަމަށާއި، ދާއިރާގެ މެމްބަރު ހުރީ ސަރުކާރާއި އެއްކޮޅަށް ތޯ ނުވަތަ އިދިކޮޅަށް ތޯ ބެއްލެވުމެއް ނެތި، މިކޮށްދެއްވި ކަމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކު، ރައްޔިތުންގެ ރައީސްގެ ގޮތުގައި ރައީސް ޔާމީން ޚިދުމަތް ކުރައްވާ ކަމުގެ ލާމަސީލު ނަމޫނާ އެއް ކަމަށެވެ.
މ.ދިއްގަރު ބަނދަރު ޙަވާލު ކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، ހައުސިންގް މިނިސްޓްރީން މި މަޝްރޫޢު ޙަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީޓީސީ) އާއި އެވެ.
ދިއްގަރުގައި ހެދި މި ބަނދަރުގައި، 255 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ޖަހާ، ބަނދަރުގެ ތިލަވެފައިވާ ސަރަހައްދުތައް ކޮނެ ފުންކޮށް، ބަނދަރުގެ އެއްގަމު ތޮއްޓާއި އިންވެގެން ޕޭވްމެންޓް ހަދާ އަދި ބަނދަރު ސަރަހައްދުގައި ބައްތި ޖަހާ ވަނީ ނިންމާލާފައެވެ.
ދިއްގަރުގެ ބަނދަރު ހެދުމުގެ މަޝްރޫޢަށް ސަރުކާރުންވަނީ ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މެމްބަރު ހުންނެވި ކޮޅެއް ނުބައްލަވާ ދިއްގަރުގެ ބަނދަރުގެ މަސައްކަތް ނިންމާލައިފިން - މުޢިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ