ސ. ގަމުން މުހައްމަދު ސައީދު މޫސާ ވަޖުދީ އަދި އަހުމަދު އަދްޝަން
އައްޑު އަތޮޅު ގަމުގައި ގާއިމުކޮށްފައިވާ ރާއްޖޭގެ ދެވަނަ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ރަސްމީކޮށް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
މިއަދު މެންދުރު ފަހު އެކެއް ޖެހިއިރު ގަމުގެ ވައިގެ ބަނދަރުގެ ރައީސް ހުޅުއްވައި ދެއްވީ ޓާމިނަލުގެ ކުރިމަތީގައި ހަދައިފައިވާ ޕްލާކެއްގެ ފޮތިގަނޑު ކައްސަވާ ދެއްވައިގެންނެވެ.
ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ޓާމިނަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި އައްޑު އަތޮޅު މިއަދު ދެކެމުން މިދާ ތަރައްގީ އާއި ކުރިއެރުމަށް، މިއަދު މިހުޅުވުނު ވައިގެ ބަނދަރުގެ ސަބަބުން އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ގަމުގެ ވައިގެ ބަނދަރަކީ ރާއްޖޭގެ ދެކުނުގައި ދިރިއުޅޭ މީހުންނަށާއި ދެކުނުގެ ތަރައްގީ އަށް ހުޅުވާލެވުނު ވަރަށް ބޮޑު ދޮރަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ގަމުގެ ވައިގެ ބަނދަރަށް މިހާރު ޖައްސަނީ ބޮއިން 767 ގެ މަތިންދާ ބޯޓް ކަމަށް ވިޔަސް ދެކުނުގެ އަތޮޅުތަކަށް ޓޫރިޒަމް ފުޅާވެގެން އަންނައިރު މިއަށް ވުރެ ބޮޑެތި ބޯޓުފަހަރު ގަމަށް ޖައްސަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ގަމުގެ އެއާޕޯޓް މިހާރު އޮތް ފެންވަރުން ބޮޑެތި ބޯޓްފަހަރުތަކަށް ނުޖެއްސޭނެތީ ބޮއިން 777 ގެ މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ގަމުގެ އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ހަމަޖައްސަވައިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.
ބައިނަލްއަގްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި 2003 ވަނަ އަހަރު ތަރައްގީ ކުރި ގަން އެއާޕޯޓަކީ ބޮއިން 767 މަރުކާގެ ބޯޓުފަހަރު ޖެއްސޭ ފެންވަރަށް، އެއްފަހަރާ 600 ވުރެ ގިނަ ޕަސެންޖަރުންނަށް އެއް ފަހަރާ ހިދުމަތް ދެވޭ ގޮތަށް 17.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އަދި މިމަޝްރޫއުގެ މަސައްކަތް ނިމި އެތެރޭގެ އުދުހުންތަކަށް ގަން އެއާޕޯޓް ބޭނުންކުރަން ފަށައިފައި ވަނީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ގަމުގެ ވައިގެ ބަނދަރު ތަރައްގީީކޮށް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ފުލައިޓެއް ޖައްސައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެގޮތުން މި އަތޮޅުގައި ތަރައްގީކޮށް ހިދުމަތަށް ހުޅުވައިފައިވާ ހެރަތެރަ އައިލެންޑް ރިސޯޓަށް އަންނަ ޓޫރިސްޓުން ގޮވައިގެން ކޮންމެ ހަފުތާއެއްގެ ދަ ދުވަހު ގަމަށް ބައިނަލްއަގްވާމީ ދެ އެއާލައިނަލުން ގެންދަނީ ބޯޓް ޖައްސަމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ގަމުގައި އެއާޕޯޓް ހަދައިފައި ވަނީ 1956 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު އެ މީހުން އެއާޕޯޓް ބޭނުން ކުރަމުން އައިސްފައި ވަނީ އިނގިރޭސި ސިފައިންގެ ރޯޔަލް އެއާ ބޭހެއްގެ ގޮތުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ގަން އެއާޕޯޓަށް އެންމެ ފުރަތަމަ ބޯޓެއް ޖައްސައިފައި ވަނީ 1959 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.
ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓް ރަަސްމީ ގޮތުން ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކައިގައި އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުގެ ތަފުސީލާއި އެ މަސައްކަތުގައި އުޅުއްވި ފަރާތްތަކަށް ޝުކުރު ދެންނެވި އެވެ.
މި ޖަލްސާގައި އައްޑު އަތޮޅުވެރިޔާ ސައުދު އަބްދުއްﷲ ވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ދެއްކެވި ވާހަކައިގައި ގަމުގެ ވައިގެ ބަނދަރުގެ ސަބަބުން އަތޮޅުގެ އިގުތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
55: 13
ސ. ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ގަމުގެ ވައިގެ ބަނދަރުގެ ޓާމިނަލްގައި ބޭއްވި ޖަލްސާ ނިމިއްޖެ އެވެ. މި ވައިގެ ބަނދަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު މެންދުރު 00: 1 ޖެހިއިރު ރައީސް މައުމޫން އެވެ.
47: 13
ރައީސް މައުމޫން ވާހަކަފުޅު ދައްކަވާ ނިމުމާ އެކު، ޝުކުރު ދެންނެވުމުގެ ގޮތުން މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ، އައްޑު އަތޮޅު އަތޮޅުވެރިޔާ، ސައުދު އަބްދުﷲ އެވެ.
29: 13
އައްޑު އަތޮޅު ގަމުގައި ތިބި އިނގިރޭސި ކަނޑުގެ ސިފައިން ހެދި މި ވައިގެ ބަނދަރު، 1976 ވަނަ އަހަރާ ހަމައަށް އޮތީ އިނގިރޭސި ސިފައިންގެ ބާރުގެ ދަށުގަ އެވެ. އެ އަހަރު ގަމުން އިނގިރޭސި ސިފައިން ފައިބައިގެން ދިޔަ ފަހުން، އެ އެއާޕޯޓްގެ އެއްވެސް ބޭނުމެއް ނުކުރެ އެވެ.
އެއަށް ފަހު ގަމުގެ އެއާޕޯޓް އެތެރޭގެ އުދުހުންތަކަށް ފުރަތަމަ ހުޅުވައިލީ 1 ޖޫން 1981 ގައެވެ. އަދި 1984 ގައި ގަމުގެ ވައިގެ ބަނދަރުގެ އާބާތުރަ ފިލުވުމުގެ މަޝްރޫއެއް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުން އައި ސ. ގަމުގެ ވައިގެ ބަނދަރު ބައިނަލް އަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމެވީ 1998 ޖުލައި މަހުގެ ތެރޭގަ އެވެ. އެއީ އެ އަތޮޅު ވިލިނގިލީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.
އެ ނިންމެވުމާ އެކު މި އެއާޕޯޓް މިހާރު އޮތް ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުނީ 2003 ވަނަ އަހަރުގެ ތެރޭގަ އެވެ. ބައިނަލްއަގުވާމީ ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ލިބުމަށް ފަހު، ފުރަތަމަ ބައިނަލްއަގުވާމީ ފްލައިޓެއް ޖައްސާފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު އެވެ.
އައްޑު އަތޮޅު ގަމުގައި މިއަދު ރަސްމީކޮށް ހުޅުވުނު ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ ރާއްޖޭގައި ހުޅުވުނު ބައިނަލްއަގުވާމީ ދެ ވަނަ ވައިގެ ބަނދަރެވެ. ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ހުޅުވުނީ ހުޅުލޭގައި ގާއިމުކޮށްފައިވާ މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރެވެ. އެ ވައިގެ ބަނދަރު ހުޅުވުނީ 1981 ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.
26: 13
ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ރަސްމީކޮށް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އެވެ.
17: 13
މަރުހަބާ ދެންނެވުމުގެ ގޮތުން މިހާރު ވާހަކަފުޅު ދައްކަވަމުން ދަނީ ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން މުހައްމަދު ސައީދު އެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ގަމުގެ އެއާޕޯޓް އުފެދުނީއްސުރެ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރުމާ ހަމައަށް ގަމުގެ އެއާޕޯޓްގެ ތާރީޚަށް ބައްލަވާލެއްވި އެވެ.
09: 13
ސ. ގަމުގެ ވައިގެ ބަނދަރު ރަސްމީ ގޮތުން އިފްތިތާހުކުރެވުނީ އެއާ ޕޯޓްގެ ޓާމިނަލްގެ ބޭރުގައި ހަރުކޮށްފައިވާ ޕްލާކްގައި ފަރުދާ، ރައީސް މައުމޫން ކައްސަވާލަދެއްވުމުންނެވެ. މިހާރު ގަމުގެ ވައިގެ ބަނދަރުގައި ކުރިއަށް ދަނީ މި ކަމާ ގުޅޭ ގޮތުން ބާއްވާ ރަސްމީ ޖަލްސާ އެވެ.
މި ޖަލްސާގައި ރައީސް މައުމޫންގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު އާއި އައްޑު އަތޮޅު އަތޮޅުވެރިޔާ ސައުދު އަބްދުﷲ ވާހަކަފުޅު ދެއްެކެވުން އޮންނާނެ އެވެ.
ސަރަހައްދީ ވައިގެ ބަނދަރެއްގެ ގޮތުގައި ބޭނުންކުރަމުން އައި އައްޑު އަތޮޅު ގަމުގެ ވައިގެ ބަނދަރަށް ބައިނަލްއަގުވާމީ ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ 2007 ޑިސެމްބަރު 23 ވަނަ ދުވަހު އެވެ. އެއީ އެ އަތޮޅުގައި ހުޅުވި ފުރަތަމަ ޓޫރިސްޓް ރިސޯޓް ކަމަށްވާ ހެރަތެރެ އަށް 71 ޓޫރިސްޓުންނާ އެކު އިޓަލީގެ މިލާނުން ފުރައިގެން ސީދާ ގަމަށް ދަތުރުކުރި، ބްލޫ ޕެނޮރާމާގެ މަތިންދާބޯޓެކެވެ.
އެއަށް ފަހު ބައިނަލްއަގުވާމީ ދެ ވަނަ އެއާލައިނެއްގެ ދަތުރުތައް އައްޑު އަށް ފެށީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ ޖަރުމަން ވިލާތުގެ ކޮންޑޯ އެއާލައިން އެވެ.
00: 13
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ސ. ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފި އެވެ.
(އިތުރު ތަފްސީލު އަންނަނީ...)
ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ރަސްމީކޮށް ރައީސް މައުމޫން ހުޅުއްވައި ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ