ރައީސް މައުމޫން އައްޑު އަށް ވަޑައިގެންފި

އައްޑު އަތޮޅަށާއި ޏ. ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
ރައީސް މައުމޫން މިއަދު ހެނދުނު އައްޑު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ސ. އަތޮޅުވެރިޔާ ހުސެއިން ސައީދު މުހައްމަދާއި އަތޮޅުގެ ކުރިއަށް ތިއްބެވި އިސްވެރިންގެ އިތުރުން އަތޮޅުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނެވެ. ހަތަރު އަހަރަށް ފަހު ރައީސް މައުމޫން މި އަތޮޅަށް މިއަދު ވަޑައިގަތުމުން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ގައުމީ ދިދަ އާއި މަރުހަބާގެ ޝުއޫރުތައް ހިމެނޭ ލިޔުންތައް ހިފައިގެން ތިބި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށްޓަކައި ގަމަށް ދިޔަ އެވެ. އަދި ގަދައަވީގައި އެތުރިގެން ތިބި ގިނަ އަދަދެއްގެ މީހުންނާއި ސްކޫލު ކުދިންނާ ރައީސް މައުމޫން ސަލާން ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. ގަމުގެ މައި މަގުގެ ދެ ފަރާތުގައި އެތުރިގެން ތިބި ގިނަ އަދަދެއްގެ މީހުންނާ، ރައީސް މައުމޫން ސަލާންކުރައްވަމުން ގެންދެވިއިރު، "ރައީސް މައުމޫން ޒިންދާބާދު"ގެ އަޑު އޮތީ މުޅި އެ ސަރަހައްދުގައި ގުގުމައިފަ އެވެ. ގަމުގެ ދިގު މަގުގެ އެކި ސަރަހައްދުތަކަށް ކާރުކޮޅު ހުއްޓާލައްވައި، ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އެއްވެފައި ތިބި ވަރަށް ގިނަ މީހުންނާ އެމަނިކުފާނު ސަލާންކުރެއްވި އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި މުސްކުޅިން ވެސް ދިޔަކަން ފާހަގަ ކުރެވުނެވެ. މަރުހަބާ ދެންނެވުމަށްޓަކައި އަތޮޅުގެ ގުޅިފައިވާ ފަސް ރަށުގެ އިތުރުން ހުޅުމީދޫގެ ބައެއް މީހުންނާއި އެ ރަށުގެ ސްކޫލް ކުދިން ވެސް ގަމަށް ދިޔަ އެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން، ރައީސް މައުމޫން އައްޑު އަށް މިއަދު ވަޑައިގަތުމުން، އެމަނިކުފާނަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ތާއީދުކޮށް، މަރުހަބާ ދެންނެވިއިރު ބައެއް ފަރާތްތަކުން ވަނީ ރައީސްގެ ދަތުރުފުޅަށް ހުރަސްއެޅުމުގެ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން ރައީސް މައުމޫން އައްޑު އަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ދިދަ ހިފައިގެން ތިބި ބަޔަކު ވަނީ ސ. ފޭދޫން ގަމަށް އަރާ ލިންކް ރޯޑް ހިމެނޭ ސަރަހައްދަށް އެއްވެ، ރައީސްގެ ދަތުރުފުޅަށް ހުރަސްއަޅަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ޕިކަޕާއި އެކި ވެހިކަލްތަކުން ދިޔަ ބައެއް މީހުން ރައީސް މައުމޫން އައްޑު އަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް، ފޭދޫ އާ ގަމާ ގުޅުނު ސަރަހައްދަށް އެއްވެ، އެމަނިކުފާނު ގަމުން އެހެން ރަށްރަށަށް އެރިޔަ ނުދޭނެ ކަމަށް ބުނެ އަޑު އުފުލި އެވެ. އެހެން ނަމަވެސް އެ ސަރަހައްދުން މީހުން ދިއުމަށް ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެ މީހުން އެނބުރި ނުދިއުމުން، ޕެޕާ ސްޕްރޭ ބޭނުންކުރި މަންޒަރު ވެސް ފެނިފައި ވެ އެވެ. އަދި ފުލުހުންގެ އިތުރުން ސިފައިން ވެސް ޝީލްޑް ހިފައިގެން ނުކުމެ، ފޭދޫން ގަމަށް އަރާ ހުރިހާ ސަރަހައްދެއް ބަންދުކޮށް، އެތަނުން މީހުން ދުރަށް ޖައްސަން ފެށި އެވެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި ބައެއް މީހުން، ބިޑި އަޅުވައިގެން ފުލުހުން ގެންދިޔަ މަންޒަރު ވެސް ހަވީރުގެ ނޫސްވެރިންނަށް ފެނިފައި ވެ އެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ. މި ހަމަނުޖެހުމުގައި ބަޔަކު މީހުން ވަނީ ފުލުހުންނާއި ސިފައިންނާ ދިމާލަށް ގާ އުކައި، ފޭދޫ ލިންކްރޯޑްގައި ޓައިރުތަކަކާއި ކުނިތަކެއް ވެސް އަންދައިފަ އެވެ. ފުލުހުންގެ އެންގުމާ ހިލާފަށް އެ ސަރަހައްދުން ނުގޮސް ތިބި މީހުންނާއި ރައީސަށް ތާއީދުކުރާ ބަޔަކާ ދެމެދު ވަރުގަދަ ޒުވާބުކުރި މަންޒަރު ވެސް ފެނިފައި ވެ އެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، އެ ހިސާބުން މީހުން ފޮނުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ކާރުކޮޅުގައި ގަމުން ހިތަދުއަށް ވަޑައިގެންނެވި އެވެ. އެ ވަގުތު ވެސް ފޭދޫ ބޯޅަދަނޑު ކައިރީގައި އޮތް ޕިކަޕެއްގައި އެމްޑީޕީގެ ދިދަތައް ހިފައިގެން ތިބި އަންހެނުންތަކެއް ތިއްބެވެ. އެހެންނަމަވެސް، އެ މީހުންގެ ޝުއޫރުފާޅުކުރުމުގެ އިތުރުން އެއްވެސް ހަމަނުޖެހުމެއް އެ ވަގުތަކު ނުހިނގަ އެވެ. ގަމުން ހިތަދު އަށް ރައީސް މައުމޫން ވަޑައިގެންނެވިއިރު، ފޭދޫ ލިންކް ރޯޑްގައި ރޯކުރި އެއްޗެހި ވެސް ހުއްޓެވެ. އެމަނިކުފާނާއި އަރިހުގައި ވަޑައިގެންނެވި އެހެން ބޭފުޅުން ކާރުކޮޅުގައި ވަޑައިގެންނެވީ ބަޔަކު މީހުން އެންދި އެ ތަކެތީގެ މަތިންނެވެ. އޭގެ ތެރޭގައި ކުދިކުދި ދަގަނޑާއި ލަކުޑި ކަމަށް ބެލެވޭ ޒާތުގެ އެއްޗެހިތައް ވެސް ހުއްޓެވެ.
ރައީސް މައުމޫން އައްޑު އަށް ކުރައްވާ މި ދަތުރުފުޅާ ދިމާކޮށް ގަމުން ފެށިގެން ހިތަދުއާ ހަމައަށް ވަނީ މަރުހަބާގެ ޝުއޫރުތައް ހިމެނޭ ފޮތިތައް ދަމައިފަ އެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ޝުއޫރުތައް ފާޅުކޮށްފައިވާ ފޮތިތަކެއް ރޭ ވަރަށް ދަންވަރު ސ. މަރަދޫ ލިންކް ރޯޑްގައި ދެމި އެވެ. އެހެން ނަމަވެސް އިރުއެރިއިރު އެ ފޮތިތައް ވަނީ ނަގައިފަ އެވެ. ހަމައެގޮތަށް މަރުހަބާގެ ޝުއޫރު ލިޔެފައިވާ ބައެއް ފޮތިތައް ވެސް ރައީސް އައްޑު އަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް ބަޔަކު މީހުން ވަނީ ނަގައިފަ އެވެ.
ރައީސްގެ ދަތުރުފުޅާ ދެކޮޅު ހެދުމުގެ ގޮތުން، ގަމުން ފެށިގެން މަރަދުއާ ހަމައަށް ފާރުތަކުގައި އެމަނިކުފާނަށް ނިސްބަތްވާ ގޮތަށް ހުތުރު ބަހުން ގިނަ އަދަދެއްގެ ލިޔުންތަކެއް މީގެ ދެ ދުވަސް ކުރިން ލިޔެފައި ހުއްޓަސް، ރައީސަށް ސަޕޯޓްކުރާ ބަޔަކު ވަނީ ރޭ ފަތިހު ނުކުމެ، ބައެއް ލިޔުންތަކުގެ މަތީގައި ކުލަ ލައިފަ އެވެ. އެހެން ނަމަވެސް ރައީސް އައްޑުއަށް ވަޑައިގެންނެވި ވަގުތު ވަނީ އަލުން ބައެއް ސަރަހައްދުތަކުގައި ރައީސް މައުމޫނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ލިޔުންތައް ލިޔެފަ އެވެ. އެކަމަކު ގަމުން ހިތަދުއަށް ރައީސް ވަޑައިގެންނެވުމުގެ ކުޑައިރުކޮޅެއް ކުރިން އަލުން އެ ލިޔުންތައް ފޮހުމުގެ މަސައްކަތް ބަޔަކު ކުރި އެވެ.
ރައީސަށް އައްޑުއިން މަރުހަބާ ދެންނެވުމަށް އަތޮޅުގެ ގިނަ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެގޮތުން މަރުހަބާގެ ޝުއޫރުތަކުގެ ފޮތިތައް ދެމުގެ އިތުރުން ގައުމީ ދިދައިން ބައެއް ސަރަހައްދުތައް ވަނީ ޒީނަތްތެރިކޮށްފަ އެވެ. ރައީސްގެ މި ދަތުރުފުޅުގައި މިރޭ ސ. ހިތަދޫ މުހިއްބުއްދީން ސްކޫލުގައި އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ