ޖުމްހޫރީ ޕާޓީގެ ކޮންގްރެސް: ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ގާސިމް ހޮވައިފި

ޖުމްހޫރީ ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީގެ ނިންމުމާ އެއްގޮތަށް އެ ޕާޓީގެ ލީޑަރު ކަމަށް އެ ޕާޓީގެ މެންބަރުން ވެސް ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމް އިންތިހާބުކޮށްފި އެވެ.
ދަރުބާރުގޭގައި އިއްޔެ ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ލީޑަރަކަށް ގާސިމް ހޮވިވަޑައިގަތީ ސިއްރު ވޯޓުގައި ބައިވެރިވި 378 މެންބަރުންގެ ތެރެއިން 372 ވޯޓު ލިބިވަޑައިގެންނެވެ. ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީން ހޮވައިގެން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ގާސިމް އެކަންޏެވެ.
ޕާޓީގެ ލީޑަރުންގެ ހަތަރު ނައިބުންނަށް ހޮވިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ދ. މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި ގއ. މެންބަރު އަބްދުﷲ ޖާބިރާއި ރ. މެންބަރު އިބްރާހިމް ޝަހީދު ޒަކީ އާއި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނެވެ. އޭގެ ތެރެއިން ނާޝިދަށް ލިބިވަޑައިގަތީ 298 ވޯޓެވެ. ޖާބިރު އިންތިހާބުވީ 291 ވޯޓުން ދެވަނައަށެވެ. ޝަހީދު ޒަކީއަށް 260 ވޯޓު ލިބިވަޑައިގެންނެވި އިރު ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒުއަށް ލިބިވަޑައިގަތީ 259 ވޯޓެވެ.
ޕާޓިގެ ލީޑަރުގެ ނައިބުންނަށް ދެން ވާދަކުރެއްވީ، 144 ވޯޓު ލިބިވަޑައިގަތް ޑރ. ހުސެން ރަޝީދާއި 22 ވޯޓު ލިބުނު ހ. ދޮންއަންނާރުގޭ މުހައްމަދު ރަޝީދު އަހުމަދެވެ.
އެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލު ފާސް ކުރުމާއި މެނިފެސްޓޯ ފާސްކުރުމާއި އިލެކްޝަން ކޮމެޓީ އެންޑޯޒް ކުރުމާއި ސިއްރު ވޯޓަކުން، ޕާޓީގެ ހިންގާ ކޮމެޓީގެ މެންބަރުން ހޮވުމާއި އަންހެނުންގެ ލީގަށް މެންބަރުން ހޮވުމާއި ޒުވާނުންގެ ލީގަށް މެންބަރުން ހޮވުމާއި އިސްލާމީ ވަހުދަތު ދަމަހައްޓާ ލީގަށް މެންބަރުން ހޮވުން ވެސް އޮތެވެ.
ޖުމްހޫރީ ޕާޓީގެ ހިންގާ ކޮމެޓީ އަށް 10 މެމްބަރަކު ހޮވި އެވެ.
އަންހެނުންގެ ލީގުގެ ރައީސާއަކަށް ހޮވިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސުލް ޖުމްހޫރިއްޔާގެ ކުރީގެ މެންބަރު ފާތުމަތު ދިޔާނާ ސައީދެވެ. ދީނީ ލީގުގެ ރައީސަކަށް ހޮވުނީ އަހުމަދު ސަލީމެވެ. ޒުވާނުންގެ ލީގުގެ ރައީސަކަށް ހޮވުނީ މޫސާ އަންވަރެވެ.
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި އެ ކޮންގްރެސްގެ ދެވަނަ ސެޝަންގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ނައިބު ލީޑަރު ޖާބިރާއި ޝަހީދު ޒަކީ އާއި މުއިއްޒާއި އަންހެނުންގެ ލީގުގެ ރައީސާ ދިޔާނާ އާއި އިސްލާމީ ވަހުދަތު ދަމަހައްޓާ ލީގުގެ ރައީސް ވާހަކަ ދެއްކެވި އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަށް ހާއްސަ މެހެމާނުންގެ ގޮތުގައި އަދާލަތު ޕާޓީގެ އިސްބޭފުޅުންނާއި ސޯޝަލް ލިބެރަލް ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ