ދިވެހި ރައްޔިތުން އެދުނު ގޮތަށް ކުރިއަށް އޮތް ފަސް އަހަރު އެއްބައިވަންތަ ސަރުކާރެއްގެ ޚިދުމަތް ލިބޭނެ ކަަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ އިސް މެމްބަރު އަދި ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށް ލިބުނު އެންމެ ބޮޑު ބާރަކީ ރައްޔިތުން ކަމަށާއި އިއްތިހާދުގެ ކެންޑިޑޭޓަކު ނެރުމަށް ބޭނުންވީ ވެސް ރައްޔިތުން ކަަމަށެވެ. މިގޮތުން ސަރުކާރާ މެދު ހިތްހަމަނުޖެހި ތިބި ހުރިހާ ރައްޔިތުން ވެސް އެދެމުންދިޔައީ އިއްތިހާދުގެ ކެންޑިޑޭޓަކަށް ކަމަށެވެ.
އެމަނިކުފާނު އިންތިޚާބުގެ ކެމްޕޭނުގައި ވެސް ޕާޓީތަކުން މަސައްކަތް ކުރީ ވަކި ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނޫން ކަމަށާއި އެއީ ޕާޓީތަކުގެ މެދުގައި އޮތް ރޫހެއް ނޫން ކަމަށެވެ. އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ކޮމިޓީތަކުގައި ވެސް އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީއަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރު ސަރުކާރު ހިންގުމުގެ ރޫހު އޮތީ ވަކި ޕާޓީއަކަށް ބުރަވާ ގޮތަށް ނޫން ކަމަށާއި ގުޅިފައި އޮތް ސަރުކާރެއްގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށް ކަމަށެވެ.
އަބްދުﷲ ވިދާޅުވީ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ވެސް ކޯލިޝަން ސަރުކާރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެހެންކަމުން މިއީ އައު ކަމެއް ނޫން ކަމަށާއި މިފަހަރު ކުރިމަތިލީ ވޭތުވެދިޔަ ތަނުގެ ތަޖުރިބާއާ ވެސް އެކު ކަމަށެވެ. އަދި ވިދާޅުވީ މިފަހަރު ކޯލިޝަން ހަދަައި އެކުގައި އިންތިޚާބަށް ނުކުންނަން ދިމާވި ހާލަތާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި އެކަން އެއްވެސް ބަޔަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
"ރައީސް މައުމޫން ހުންނެވީ ޖަލުގައި. ރައީސް ނަޝީދު ވެސް ޖަލު ހުކުމެއްގައި. އޮނަރަބަލް ގާސިމް ވެސް ޖަލު ހުކުމެއްގައި. ޝައިޚް އިމްރާން ހުންނެވީ ޖަލު ހުކުމެއްގައި. އަދި އެނޫނަސް އެތައް ބޭފުޅުންނެއް، ކާނަލް ނާޒިމް، ފާރިސް މައުމޫން، އަބްދުﷲ ރިޔާޒު މިހެންގޮސް ދަންނަވަން ނޭގޭހާ ގިނަ ބޭފުޅުން ޖަލުގައި ތިއްބެވީ. އެބޭފުޅުންނަށް ކަނޑައެޅި ހުކުމްތަކާ ދޭތެރޭވެސް ވަރަށް ބޮޑެތި ސުވާލުތައް ހުރި ރައްޔިތުންގެ. އެކަންކަމުގެ ޖަވާބެއް ނުލިބޭ. މިހާރު އަދި ކިރިޔާ ޖަވާބު ލިބެމުން މިއަންނަނީ. އެހެންވީމަ މިތަޖުރިބާތައް ހުރިހާ ރައްޔިތުން ވެސް، ޕާޓީތަކުގެ ވެރިންވެސް، އިންތިޚާބުވެވަޑައިގަތް ރައީސް ވެސް ނައިބުރައީސް ވެސް އެބަހުރި. އެހެންވީމަ އެތަޖުރިބާތައް ފަސޭހައިން ހަނދުމަފުޅު ނެތިގެންދާނެހެން އަޅުގަނޑަކަށް ހިއެއް ނުވޭ. ވަރަށް ބޮޑު އަނިޔާ ލިބުނީ. އެތަޖުރިބާގެ އަލީގައި، ނަތީޖާގެ އަލީގައި މިކޯލިޝަން ހުރިހާ ބޭފުޅުން ވެސް ދަމަހައްޓަވާނެ" އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކުގައި ނުކުމެ ވާދަކުރުމަށް ނިންމި ނިންމުމަކީ ނެގި ވަަރަށް ބޮޑު ރިސްކެއް ކަަމަށާއި، ނަމަވެސް އެރިސްކު ނެގީ ކާމިޔާބުވުމުން ލިބޭނެ ފައިދާއާއި ކުރާ އުންމީދު ބޮޑުވުމުން ކަމަށެވެ. މާޒީވެގެންދިޔަ ކަންކަމުގެ ހިތީގެ ބޮޑުކަމުން އެހިތި ފިލުވައި ކަންކަން ރަގަޅު ކުރުމުގެ އަޒުމު ހުރިހާ ބޭފުޅުންގެ ވެސް އޮތުމުން ކަމަށެވެ. އެހެންކަމުން ކޯލިޝަން ހިފަހައްޓަން އާދަޔާ ޚިލާފު ބުރަ މަސައްކަތްތަކެއް ލީޑަރުން ކުރައްވާނެ ކަމަށެވެ. އެއްވެސް ބަޔަކަށް ވެރިކަމުގެ އޯނާޝިޕް ނުނެގޭނެ ކަަމަށާއި އަދި އެގޮތަށް ނެގުމަށް އެއްވެސް ބަޔަކު ނުވެސް އުޅޭ ކަމަށް ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހަކީ ވަރަށް ހަރުދަނާ ބޭފުޅެއް ކަަމަށާއި އެވަރުގެ ޝޮކެއް ކޯލިޝަނަށް އަންނަނަމަ އެކަން ހައްލުކުރުމުގެ ވިސްނުންފުޅާއި އަޒުމާއި ހިތްވަރު ހުންނާނެ ކަަމަށެވެ. އަދި ފައިސަލް ނަސީމަކީ ވެސް ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި ދެބޭފުޅުން އެކުގައި މަސައްކަތް ކުރައްވާއިރު އެހެން އަންނަ ޝޮކުތައް ފިލުވާލެވޭވަރުގެ ކެރުންތެރިކަން އެބޭފުޅުންގެ ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުން އެދުނު ގޮތަށް އެއްބައިވަންތަ ސަރުކާރެއްގެ ޚިދުމަތް ލިބޭނެ: އަބްދުﷲ ކަމާލުއްދީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ