އަންހެނުން ފަނޑިޔާރުކަމަށްލާން ތާއީދު ކުރައްވާކަމުގެ އިޝާރާތެއް ރައީސް މައުމޫން ކުރައްވައިފި

އަންހެނުން ފަނޑިޔާރުކަމަށްލާން ތާއީދު ކުރައްވާކަމުގެ އިޝާރާތެއް ކުރީގެ ރައީސް މައުމޫން ކުރައްވައިފިއެވެ.އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި އަންހެނުން ފަނޑިޔާރުކަން ކުރުމަށް ތާއީދު ކުރާ ކުރީގެ އިލްމުވެރިންގެ ނަންތައް ވިދާޅުވެފައެވެ. އެ ގޮތުން ރައީސް މައުމޫން ވިދާޅުވި ގޮތުގައި އަލް ތަބަރީ، އިބްން ހަޒްމް، އަދި ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދައެވެ. އޭގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ މިހާރުގެ އިލްމުވެރިންގެ ތެރެއިން ޔޫސް އަލް ޤަރްދާވީ، އަބްދުލް ކަރީމް ޒައިދާން، އަދި ސައީދް ރަމަދާން ފަދަ ބޭފުޅުންވެސް މިކަމަށް ތާއީދު ކުރައްވާކަމަށެވެ. ރައީސް މައުމޫނު އެމަނިކުފާނު ސީދާ މިކަމާއި ގުޅޭގޮތުން ދެކިވަޑައިގަންނަވާ ގޮތެއް ހާމަ ނުކުރައްވައެވެ. ނަމަވެސް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރަކު އައްޔަން ކުރެވުނީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. ނަމަވެސް މިހާތަނަށް ޖިނާއީ މައްސަލަތަކުގައި އަންހެނުން ފަނޑިޔާރުކަން ކޮށްފައި ނުވެއެވެ. އަންހެނުން ފަނޑިޔާރުންނަށް ލުމާއި ބެހޭ ބަހުސް ފެށުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޒާދާ ޒާހިރު އަދި އާއިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރެއްވުމަށް ލަފައަކަށް އެދީ ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ހުށހެޅުމާއި ގުޅިގެންނެވެ. ޖޭއެސްސީއިން ވަނީ އެ ދެބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަކަމަށް ރައީސް ސޯލިހަށް ލަފާދީފައެވެ.ނަމަވެސް ރާއްޖޭގެ ފަތުވާ މަޖްލީހުން ވަނީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ ހަރާމްކަމެއް ކަމުގައި ފަތުވާ ނެރެފައެވެ. މީގެ އިތުރުން ރާއްޖޭގެ އެހެނިހެން ބައެއް ދީނީ އިލްމުވެރިންވެސް ދަނީ އެއީ ކަނޑައެޅިގެން ހަރާމްކަމެއް ކަމުގައި ބަޔާން ކުރަމުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ