އިސް ގާޒީ ހައިލަމް ފޮނުއްވި މެސެޖާ ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

އިއްޔެ ފާހަގަކުރި ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމެއް ފޮނުއްވާފައި ވާތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ މިގޮތަށް ނިންމީ މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ކަމަށާއި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ކަމަށެވެ. ހައިލަމް ފޮނުއްވި ކަމަށް ބުނާ މެސެޖަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފް އަމަލަކަށް ވާނެ ކަމަށާއި އެހެންވެ މައްސަލަ ބަލަން ކޮމިޓީއެއް ނަގާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ހައިލަމްގެ އެހެން މައްސަލައެއް ވެސް ޖޭއެސްސީން ޖުލައި މަހުން ފެށިގެން ވެސް އަންނަނީ ބަލަމުންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ހައިލަމް ވައިބާ ގުރޫޕަށް ފޮނުއްވި މެސެޖް--
ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސާއި މަޖިލީހުގެ ރައީސާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.
ހައިލަމްގެ މި މެސެޖު ލީކުވެފައި މި ވަނީ މަނީ ލޯންޑްރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަނީ ހައިލަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ