ހިތުހުރި ގޮތަކަށް މީހުން މެރުމަކީ އެއްވެސް ދީނެއް ހުއްދަކުރާ ކަމެއް ނޫން - މައުމޫން

ޝަރީއަތަކާނުލައި ހިތުހުރި ގޮތަކަށް މީހުން މެރުމާއި ގައުމުތަކުގެ އަމަން އަމާންކަން ނަގާލުމާއި މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ އެއްވެސް ދީނެއް ހުއްދަކުރާ ކަންކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
އިއްޔެ މައްކާގައި ނިމިގެން ދިޔަ ބައިނަލްއަގްވާމީ އިސްލާމީ ޖަލްސާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޓެރަރިޒަމަކީ ވަކި ދީނަކަށް ވަކި ގައުމަކަށް ނިސްބަތްކުރެވޭނެ ޙަރަކާތެއް ނޫން ކަމަށާއި، އެއީ ތަފާތު ސިޔާސީ އަދި އިގްތިޞާދީ އަދި އިޖްތިމާޢީ އަދި ދީނީ މައްސަލަތަކަކާ ގުޅިގެން މުޅި ދުނިޔޭގައި ހިނގަމުންދާ ޙަރަކާތެއް ކަމަށެވެ.
އަދި އެއްވެސް ޝަރީއަތަކާނުލައި ހިތުހުރި ގޮތަކަށް މީހުން މެރުމާއި ގައުމުތަކުގެ އަމަން އަމާންކަން ނަގާލުމާއި އެއްވެސް ދީނެއް ހުއްދަކުރާ ކަންތައްތަކެއް ނޫންކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި މިފަދަ ކަންތައްތަކަކީ ހަމަބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ނުވަތަ ބަޔަކު ޤަބޫލުކުރާނެ ކަންތައްތަކެއް ނޫން ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ފަރާތުން މައްކާގައި ބޭއްވި ހަތަރު ދުވަހުގެ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި، މި ޖަލްސާގައި ބައިވެރިވި ހުރިހާ ވަފްދުތަކުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ ސަޢޫދީ ޢަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި ސަޢޫދީ ސަރުކާރުން ޓެރަރިޒަމާއި ދެކޮޅަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
މި ޖަލްސާގައި ވަނީ، ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ ޢަމަލުތަކަކުން ރައްކާތެރިކަން ލިބިގަތުމަށްޓަކައި ހުރިހާ ގައުމުތަކެއްގެ ސަރުކާރުންނާއި ބައިނަލްއަގްވާމީ މުޖްތަމަޢު ބައިވެރިވާ ފުރިހަމަ ސްޓްރެޓެޖީއެއް ގާއިމު ކުރުމަށް ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ