އަފްރާޝީމްގެ މަރު: އަބްދުﷲ ރިޔާޒްގެ ޕްރޮމޯޝަން އިވެންޓެއް؟

ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމަކީ ފަހުގެ ތާރީޚްގައި ރާއްޖޭގެ ތާރީޚް ދުއް އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. މިގަރުނުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ދީނީ އިލްމުވެރިޔާ އަށް އަފްރާޝީމް ވާނެއެވެ. ދީނީ ކަންކަމާއި މެދު މީހުން ހޭލުންތެރި ކުރުވަން އަފްރާޝީމް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރެއްވި މަސައްކަތްތައް އެހެން އިލްމުވެރިންނަށް ވެސް މިސާލަކަށް ވާނެއެވެ. މާތްﷲ އަފްރާޝީމްގެ ފާފަ ފުއްސަވައި، އޭނާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ. އާމީން.
އަފްރާޝީމް އަވަހާރަކޮށްލެވުނު އިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ މިހާރު ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ކަމުގައި މިހުންނެވި އަބްދުﷲ ރިޔާޒެވެ.
އަފްރާޝީމްގެ މަރާއި ގުޅޭ މައުލޫމާތު އެކަމަށް އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރާނެ ކަމަށް ރިޔާޒް މިހަފްތާގައި މިވަނީ އަނެއްކާ ވެސް ވިދާޅުވެފައެވެ. މިއީ ރިޔާޒް މިހެން ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އިސްތިއުފާ ދެއްވާ ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންފައި ވެސް ރިޔާޒް އެހެން ވިދާޅުވިއެވެ. އަފްރާޝީމްގެ މަރާއި ގުޅިގެން ހާމަކުރަން ޖެހޭ ބައެއް މައުލޫމާތު އެބަހުރި ކަމަށް ރިޔާޒް ފުރަތަމަ ވިދާޅުވީ 2015 އޭޕްރީލް 21 ވަނަ ދުވަހު އެވެ.
ރިޔާޒް ވިދާޅުވި އެކަށީގެންވާ ވަގުތަކީ ކޮބައިތޯ ޓްވިޓާ މެދުވެރިކޮށް ސުވާލު ކުރުމުން 2016 ވަނަ އަހަރުގެ ޖޫން 24 ވަނަ ދުވަހު ރިޔާޒް ވަނީ އެވަގުތު މިހާރު ޖެހިއްޖެ ކަމަށް ވިދާޅުވެ އަފްރާޝީމްގެ މަރާއި ގުޅޭ ގޮތުން އެދުވަހު ފުލުފުލު ގައި ޓްވީޓް ކުރައްވާފައެވެ. އެއީ ހުމާމް މަރަން 23 ޖޫން ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ޙުކުމް ކުރުމުންނެވެ.
އަފްރާޝީމްގެ މަރާއި ގުޅޭ މައުލޫމާތު ހާމަކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެ އެދުވަހު ރިޔާޒް ވިދާޅުވީ "ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގައި ރައީސް ޔާމީން އެއްވެސް ގުޅުމެއް ވާ ކަމުގެ އެއްވެސް މައުލޫމާތެއް ތަހުގީގަށް ނުލިބޭ އަޅުގަނޑު ހުރިއިރު،"
ދެން އެދުވަހު ރިޔާޒް ވިދާޅުވީ "މައްސަލައިގެ ތަހުގީގު ހިންގީ ތަހުގީގު ޓީމަކުން. ތުހުމަތަށް ހައްޔަރު ކުރެވުނު މީހުން ތަހުގީގު ޓީމަށް ފެނިގެން ކޯޓް އަމުރުން،" ކަމަށެވެ.
"ހުމާމް ކުށަށް އިއުތިރާފުވެފައި ވަނީ ހަމައެކަނި ފުލުހުންނަކަށް ނޫން. ފަނޑިޔާރުގެ ކުރިމަތީގައި އަދި އަފްރާޝީމްގެ އާއިލާ މީހުންގެ ފަރާތުން މައާފަށް ވެސް އެދުނު،" ރިޔާޒް ހަމަ އެދުވަހު ވިދާޅުވި އެވެ.
މިހުރިހާ ވާހަކައެއް ދެއްކުމަށް ފަހު ރިޔާޒް އަނެއްކާވެސް މިވިދާޅުވަނީ އަދިވެސް އަފްރާޝީމްގެ މަރާއި ގުޅޭ މައުލޫމާތު ހާމަކުރަން އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.
އަފްރާޝީމްގެ މަރާއި ގުޅޭ ތަޙްޤީޤަށް "ނުފުރޮޅާނެ އެންމެ ގަލެއް ވެސް ނޯންނާނެ" ކަމަށް ވިދާޅުވެ ރިޔާޒް ފެއްޓެވި ތަޙްޤީޤު ނިންމާލީ އޭނާ ވިދާޅުވާ ގޮތުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭނެ 200 އައިޓަމް ހޯދާފައެވެ. އެކަން ރިޔާޒް އިއުލާން ކުރެއްވީ 2012 ވަނަ އަހަރުގެ ޑިސެމްބަރ 04 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެތެރެއިން ފުލުހުން ޕީޖީ އަށް ފޮނުވީ އެނގިފައިވާ ގޮތުގައި ވަރަށް މަދު ހެއްކެކެވެ. ކޯޓަށް ހުށަހެޅި ހެކިތަކުގެ އަދަދު އިނގިލިން ގުނާލެވޭނެއެވެ. 200 އައިޓަމް ހެކީގެ ގޮތުގައި ހޯދި ކަމަށް ވިދާޅުވެ ރިޔާޒް ހެއްދެވީ އިތުރުފުޅެއް ކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އެބައޮތެވެ.
ރިޔާޒް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ރިޓަޔާ ކުރެއްވީ 19 ނޮވެމްބަރ 2013 ގައެވެ. އަފްރާޝީމް އަަވަހާރަކޮށްލި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޕީޖީ އަށް ފޮނުވީ 2012 އޮކަޓޫބަރު 12 ވަނަ ދުވަހު ދުވަހު އެވެ. ޕީޖީ އިން އެމައްސަލަ ކޯޓަށް ހުށަހެޅީ 2013 ޖެނުއަރީ 20 ވަނަ ދުވަހުއެވެ. އެހެންކަމުން ކޯޓަށް ހުށަހަޅަން ޖެހޭ ހުރިހާ ހެއްކެތް ޕީޖީ އަށް ފޮނުވުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ރިޔާޒަށް އޮތެވެ. އެކަން ނުކުރުމަކީ ރިޔާޒް ހެދި ގޯހެކެވެ.
ފުލުހުންގެ ކޮމިޝަނަރެއްގެ ގޮތުގައި ރިޔާޒް ހުންނެވީ ކޮންމެ ފުލުހަކު ވެސް މާތްﷲ ގަންދީ ކުރަން ޖެހޭ ހުވާ ކުރައްވައިގެން އެހުވާގެ މަތީގައެވެ. އެހުވާގައި އޮންނަނީ "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ޙިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ޤައުމުގެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ޙިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ."
އެހެންކަމުން އަފްރާޝީމްގެ މަރުގެ ހަޤީޤަތް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި އިރު ރިޔާޒަށް އެނގޭނަމަ އެމައުލޫމާތުގެ މައްޗަށް ބިނާކޮށް ފިޔަވަޅު ނޭޅުމަކީ މާތްﷲ ގަންދީ ކޮށްފައިވާ ހުވައާއި ރިޔާޒު ހިލާފު ވުމެވެ. ޤާނޫނީ ވާޖިބު އަދާކުރުމުގައި ރިޔާޒް އެވަނީ ގަސްދުގައި އިހުމާލު ވެފައެވެ.
މިއަދު ރިޔާޒް ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރިއިރު އެއީ ވެސް ވަރަށް ބޮޑު ޤާނޫނީ ޒިންމާއެއް ބޮލުގައި އެޅިފައި އޮތް ވަޒީފާ އެކެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހުވާގައި އޮންނަނީ "އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރި ވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރާންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައި ކުރަމެވެ."
މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ އަދާކުރަމުންދާ ރަސްމީ މަސައްކަތައް ބަލާއިރު ވެސް އަފްރާޝީމްގެ މަރާއި ބެހޭ ގޮތުން އެނގޭ ހުރިހާ މައުލޫމާތެއް ހާމަކުރުން އެއީ ރިޔާޒްގެ މައްޗަށް އޮތް ވާޖިބެކެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފައެވެ. މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ބެހޭ ޤަވައިދު އޮތް ގޮތައް ބަލާއިރު ހުމާމްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު އެއްވެސް ހުރަހެއް ނެތެވެ. މާނައަކީ މިއަދު ވެސް ސަރުކާރުން ބޭނުން ވެއްޖެނަމަ ހުމާމްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރެވިދާނެއެވެ.
އެހެންކަމުން މިއަދު އަފްރާޝީމްގެ މަރުގެ ވާހަކަ ދައްކައިގެން ނޫސްތަކުން ޖާގަ ހޯދާ ސިޔާސީ ގޮތުން މަގުބޫލް މީހަކަށް ވުމަށް ރިޔާޒް ކުރަމުންދާ މަސައްކަތުގައި ފޮރުވިފައިވާ މާނައެއް އެބައޮތްކަން ވަރަށް ސާފެވެ.
ރިޔާޒް، އަފްރާޝީމްގެ މަރު ފުރަތަމަ ބޭނުން ކުރީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ މެޑެލް ޖަހާށެވެ. ރިޔާޒް އޭގެ ފަހުން އަފްރާޝީމްގެ މަރުގެ ބޭނުން ހިފައިގެން އިދިކޮޅު ސަޕޯޓަރުންގެ މެދުގައި މަގުބޫލް މީހަކަށް ވެއްޖެއެވެ. އިދިކޮޅު އެކްޓިވިސްޓުންގެ ސަނާ އާއި ތައުރީފް އޮހޭ މީހަކަށް ވެއްޖެއެވެ. މިއަދު އަފްރާޝީމްގެ މަރުގެ ބޭނުން ހިފައިގެން ރިޔާޒް ފަށާފައިވާ ދަތުރަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައުމަށް އޭނަ ދެކެމުން އަންނަ ހުވަފެނުގައި ކުލަ ޖެއްސުމުގެ ދަތުރެކެވެ.
ރިޔާޒުގެ ނިއަތް ތެދުވެރި ނަމަ، އަދި ނާޖާއިޒް ފައިދާ އަކާއި މަންފާއެއް އަފްރާޝީމްގެ މަރުން ހާސިލް ކުރަން ބޭނުން ނުވާނަމަ އަފްރާޝީމްގެ މަރާއި ބެހޭ ގޮތުން އެނގޭ މައުލޫމާތެއް ހާމަ ކުރުމަށް ފަސް ޖެހެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
ހިތާމަ އަކީ އަމަލީ މައިދާނުގައި ޙައްޤު ބަސް ބުނަން ނުކެރުނު ބޭފުޅަކު ސިޔާސީ މައިދާނަށް ނިކުމެ ސިޔާސީ ވާހަކަދައްކަވަން ފެށުމުން އެކަމަށް އަތް ޖަހާނީ ނިސްބަތްވާ ކުލަ އަށް ދެވިހިފައިވާ މީހުން އެކަނިކަން ރިޔާޒަށް ވިސްނިވަޑައި ނުގެންނެވީތީއެވެ.
ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ. ރިޔާޒް އެވިދާޅުވާ ދުވަހެއް ޖެހުމުގެ ކުރިން ދެރަގޮތެއް ދިމާވެ، ރިޔާޒްގެ ކިބައިން އެވިދާޅުވާ މައުލޫމާތެއް ނުލިބޭނެ ފަދަ ދާއިމީ ހާލަތެއް ދިމާވެއްޖެނަމަ ދެން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އެހެންކަމުން ރިޔާޒް ހައްޔަރުކޮށްގެން ނަމަވެސް އެވިދާޅުވާ މައުލޫމާތެއް ރިޔާޒްގެ ކިބައިން ހޯދުމަކީ މިއަދު ރާއްޖޭގެ ޤާނޫނު ތަންފީޒު ކުރާ ހުރިހާ އިދާރާ އަކުން ކުރަން ޖެހިފައި އޮތް ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ