ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
ބ. ކެންދޫ ގަދަގޭ އުމުރުން 45 އަހަރުގެ ހުސައިން އަބްދުﷲ، އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށް މައުލޫމާތު ލިބޭއެވެ. ރޭ ފަތިހުގެ ވަގުތެއްގައި އަވަހާރަވި ހުސައިންގެ ކަށުނަމާދު މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަވަހާރަފުޅުވީއިރު ހުސައިން ގެންދެވީ ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމު ފުރުއްވަމުން ކަމަށް މައުލޫމާތު ލިބެއެވެ.
އަދި ހުސައިން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން އަހަރެއްހާ ދުވަސް ވެފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ. ބައެއް މީޑިއާތަކުން މައުލޫމާތު ދެއްވާ ގޮތުގައި ހުސައިން އިއްޔެވެސް ވަނީ އޮފީހަށް މަސައްކަތަށް ނިކުމެވަޑައިގެންފައެވެ. އަދި ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށާއި އަވަހާރަފުޅުވީ ފަރުވާ ދެމުން އަންނަނިކޮށް ކަމަށް މައުލޫމާތު ލިބޭއެވެ.
އަވަހާރަފުޅުވިއިރު ހުސައިން ހުންނެވީ އަރަބިއްޔާ ސްކޫލްގެ ގުރޫޕް ލީޑަރެއްގެ މަގާމުގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ރާއްޖޭގައި ކެންސަރުބަލި ތަހައްމަލުކުރަމުންދާ ގިނަ ބަޔަކު އުޅޭއިރު މިހާރު ކެންސަރުބަލީގެ ފަރުވާތަކުގެ ތެރެއިން ކީމޯ ތެރަޕީ ރާއްޖެއިން ނެގެން ހުރި ނަމަވެސް ރޭޑިއޭޝަން ފަދަ ފަރުވާތައް ލިބެން ނުހުންނަކަން ފާހަގަކޮށްލެވެއެވެ.
ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ