ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދިވެހި އެއްވެސް ރައްޔިތަކު މިހާރު މަޖިލިސްގައި ތިބި ޕީޕީއެމްގެ މެންބަރުންނަށް ވޯޓު ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެއެވެ.
އަމިއްލަފުޅަށް އަރުވާލެއްވިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށް ފަހު އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންގެ ފަރާތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ގަބޫލެއް ނުކުރަން އެއްބާރުލުން ލިބިދާނެ ކަމަކަށް. އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެން އެކަހަލަ ކަންކަމާއި ކުރިމަތިލާނީ ބުއްދުވެރިކަމާއި އެކީގައި. ހިކުމަތްތެރިކަމާއި އެކީގައި. އިރާދަ ކުރެއްވިއްޔާ ކާމިޔާބުކުރާނަން. އަޅުގަނޑުމެން އުންމީދެއް ނުކުރަން ވާދަވެރިން ނުތިބޭނެ ކަމަކަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އެކުލަވާލަން އުޅޭ ބައެއް. އެހެންމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒަކަށް ވާނެ ވާދަވެރި ރަނގަޅު ސިޔާސީ ޕާޓީއެއް އޮތުން. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް އެބޭފުޅުންނަށް ގޮނޑިއެއް ލިބިއްޖެ ނަމަ ހަރަކާތްތެރިވުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށާއި މިހާރު ޕީޕީއެމްގައި ތިއްބެވި މެންބަރުންނަށް 2019 ގައި އޮންނަ މަޖިލިސް އިންތިހާބުގައި ދިވެހި އެއްވެސް ރައްޔިތަކު ވޯޓު ނުދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑަށް ފެންނަ ގޮތުގައި ރާއްޖޭގެ ރައްޔިތުންނެއް އެފަދަ ބޭފުޅުން، މިދެންނެވީ ޕީޕީއެމްގެ އެތިއްބެވި ބައެއް ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ދެނެއް ރައްޔިތުން ގޮނޑިއެއް ނުދޭނެ. އަޅުގަނޑުވެސް ރާއްޖޭގެ ރައްޔިތުން ދަންނަން. އަދި އެބޭފުޅުން އިންތިހާބުވެފަ އެތިއްބެވި ދާއިރާތަށްވެސް އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަން. ހަޤީގަތުގައި ކޮންމެ ގެއެއްވެސް ދަންނަން. ކޮންމެ އާއިލާއެއްވެސް ދަންނަން. އަޅުގަނޑެއް އެއްގޮތަކަށްވެސް ނުދެކެން ތި ވިދާޅުވި ކަންބޮޑުވާ ފަދަ އަމަލުތަކެއް ހިންގާފާނެ ރައްޔިތުންގެ މަޖިލީހެއްގައި އެބާވަތުގެ މެންބަރަކު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބެއް ކުރާނެ ކަމަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމް އަކީ ރައީސް ޔާމީންގެ ޕާޓީއެއް ނޫން ކަމަށާއި ވާދަވެރި ސިޔާސީ ޕާޓީއަކަށް މިހާރު އޮތީ އެމްޑީއޭ އެކަނި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"ޕީޕީއެމް އަކީ ރައީސް ޔާމީންގެ ޕާޓީއެއް ނޫން. ޕީޕީއެމް އޮތީ އަޅުގަނޑުމެންނާއި އެކުގައި. އަޅުގަނޑުމެންގެ ކޯލިޝަން އާއި އެކުގައި. މިވަގުތު ވާދަވެރި ސިޔާސީ ޕާޓީއަކަށް އޮތީ އެމްޑީއޭ އެކަނި" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގަނެފައިވާއިރު އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މަޖިލީހުގައި މިހާރު ތިބި ޕީޕީއެމް މެންބަރުންނަށް ރައްޔިތުން ދެން ވޯޓެއް ނުދޭނެ - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ