ތޮއްޑޫއަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ އަޑިއަށްދާތީ މީހުން ސަލާމަތްކޮށްފި

ވެރި ރަށް މާލެއިން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އެ އުޅަނދުގައި ތިބި މީހުން ފުލުހުން ސަލާމަތްކޮށްފި އެވެ. 
މެރިން ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "ރިލެކްސް އައިޝާ" ލޯންޗުގައި 25 މީހުން ދަތުރު ކުރި ކަމަށެވެ. އެ އެންމެން ވެސް ރައްކާތެރިކަމާއެކު މިހާރު މާލެއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"މިދުވަސްވަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދަތުރު ކުރާފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރު ކުރުމަށް މި ފުރުސަތުގައި ހަނދުމަކޮށް އަރުވަން،" ފުލުހުން ބުނެފައިވެ އެވެ. 
މި ހަފުތާއަކީ އީދު ބަންދު ހަފުތާ ކަމަށްވާތީ މާލެއިން ގިނަ ބަޔަކު ދަނީ އެހެން ރަށްރަށަށް ދަތުރު ކުރަމުންނެވެ. ނަމަވެސް އީދު ބަންދު ނިމެންދެން ވެސް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ. 
މޫސުން ގޯސްވުމުގެ ސަބަބުން މެޓު އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުދު ސަމާލެއް ނެރެފަ އެވެ. އާންމު ގޮތެއްގައި މިއަދު ވައި ހުންނާނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ކަމަށް އެ އިދާރާއިން ބުނެ އެވެ. އެކަމަކު، ގަޑިއަކު 40 މޭލާ ވެސް ވައިޖެހިދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ