އީސީ އާއި އެޗްއާރުސީއެމުން ނެރުނީ ހަގީގަތެއް ނެތް ސިޔާސީ ބަޔާންތަކެއް: އެމްޑީޕީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ފަދަ މުސްގިއްލު ކޮމިޝަންތަކުން ރައީސް އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން މީހުންގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައިގެން އުޅޭ ކަމަށާއި ރާއްޖޭގައި ރަސްކަމެއް ހިންގަން މަގުފަހިކޮށްދޭން އެ ކޮމިޝަންތަކުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީއިން އަންނަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މާލޭގައި ކޮންމެ ރެއަކު ވެސް މުޒާހަރާ ކުރަމުންނެވެ.
އެ އިހުތިޖާޖުތަކުން ފާހަގަވާ ބައެއް މައްސަލަތައް ފާހަގަކޮށް އެޗުއާރުސީއެމް އާއި އީސީއިން ވަނީ ބަޔާންތަކެއް ނެރެފަ އެވެ.
ބުދަ ދުވަހުގެ ރޭގެ މުޒާހަރާގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ވާހަކަ ދެއްކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަން ކުށްވެރިކޮށްފައިވާއިރު، އެޗުއާރުސީއެމްއިން ވަނީ އެއީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ވާހަކަތަކެއްކަން ފާހަގަކޮށްފަ އެވެ.
ތަފްސީލް - އެޗުއާރުސީއެމް އާއި އީސީއިން ނެރުނީ، އެމްޑީޕީއިން ސިފަކުރާ ގޮތުގައި ކަމުގެ ދެކޮޅު ނުބަލައި، ރައީސްގެ މަސްލަހަތު ހިމާޔަތްކުރަން ސިޔާސީ ބަޔާންތަކެކެވެ.
އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ދެކެވިފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.
"އެ މުޒާހަރާގައި މި ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށް އަމިއްލައަށް ނިންމައި، އެޗުއާރުސީއެމް އާއި އީސީއިން ސިޔާސީ ބަޔާންތަކެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
"އަދި އެއީ ސިޔާސީ ބޭނުމަކަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއްގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުޑަކުއްޖަކު ފަލީހަތް ކުރުމެވެ. އެ ބަޔާންތަކަށް ފަހު ސަރުކާރު އަޑީގައި އޮވެ ރައްޔިތުންގެ ހައްގުގައި ތެދުވާ ހިތްވަރުގަދަ ދިވެހި ރައްޔިތުންނަށް ކުރަމުންދާ ފުރައްސާރަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ."
އެޗުއާރުސީއެމް އާއި އީސީއަށް ފާޑުކިޔަމުން އެމްޑީޕީއިން ބުނީ އެ ކޮމިޝަންތަކުން މަސައްކަތް ކުރަމުންދަނީ ވަކި އާއިލާއެއްގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހިކޮށްދިނުން ހުއްޓާލުމަށް ސިޔާސީ ނުފޫޒުގެ ދަށުވެފައިވާ މުސްތަގިއްލު ކޮމިޝަންތަކަށް އެމްޑީޕީއިން ގޮވާލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅައި ސިޔާސީ ޕާޓީތައް ފުހެލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީއިން ބުނީ އެ މަސައްކަތަށް އީސީއިން ވެސް އެއްބާރުލުންދީ، ރާއްޖެއަކީ އެންމެ ސިޔާސީ ފިކުރަކަށް ޖާގަ އޮތް ތަނަކަށް ހެދުމަށް ވާގިވެރިވަމުންދާ ކަމަށެވެ.
"ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެތައް ހައްގަކަށް ރައީސުލްޖުމްހޫރިއްޔާ އަރައިގަންނަމުންދާއިރު އެ އައިރުގާނޫނީ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅަން އެޗުއާރުސީއެމް ވަނީ ނުކުޅެދިފަ އެވެ. ނަމަވެސް ހައްގުތައް ހޯދުމަށް ވަކާލާތު ކުރަމުންދާ ހިތްވަރުގަދަ ރައްޔިތުންނާ ދެކޮޅަށް ބަޔާން ނެރުމަށް އަވަސްވެގަނެ، ވަކި އާއިލާއެއްގެ މަސްލަހަތު ދަނީ ހިމާޔަތް ކުރަމުންނެވެ،" އެމްޑީޕީއިން ބުނެފައިވެ އެވެ.
"ރާއްޖޭގެ މުސްތަގިއްލު ކޮމިޝަންތަކުގައި ތިއްބެވި މެމްބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއު ކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށް ވެއްޖެ އެވެ."
އެމްޑީޕީން ބުނީ އެ ޕާޓީން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުދަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ