މެޑްރިޑް (ފެބްރުއަރީ 7) - ފެރާން ޓޮރޭސްގެ ހެޓްރިކާ އެކު، 5-0 އިން ވެލެންސިއާ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި މެޗުގެ 11 ދުވަސް ކުރިން، ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގުގެ މެޗެއްގައި، 7-1 އިން ވެލެންސިއާ ބަލިކޮށްފަ އެވެ. ރޭ ސްޕެނިޝް ކަޕްގައި ކުޅުނު މެޗުގައި، ވެސް ބާސެލޯނާ އިން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ، ރަނގަޅު ފަރަގަކުން މޮޅުވެފަ އެެވެ.
ތިރީސް އެއް ފަހަރު ސްޕެނިޝް ކަޕް ކާމިޔާބުކޮށް، ރެކޯޑެއް ހަދާފައިވާ ބާސެލޯނާ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ، ކުރިން ވެލެންސިއާ އަށް ކުޅުނު ޓޮރޭސްގެ އިތުރުން، ފާމިން ލޮޕޭޒް އާއި ލަމީން ޔަމާލް އެވެ.
މި މެޗަކީ، ބާސެލޯނާ އިން އެ ޓީމުގެ އެއް ވަނަ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އަށް އަރާމްކުރަން ފުރުސަތު ދީފައި، ޓޮރޭސް ލައްވައި ޓީމުގެ އެޓޭކް ލީޑުކުރުވި މެޗެކެވެ. މެޗަށް ފަހު، ޓޮރޭސްގެ ކުޅުމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ތައުރީފުކޮށްފައިވެ އެވެ.
ރެއާލް ސޮސިއެޑާޑުން ވެސް ވަނީ އޮސަސޫނާ 2-0 އިން ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެެވެ. ސެމީ ފައިނަލުގައި ކުޅޭނީ ބާސެލޯނާ އާއި ސޮސިއެޑާޑްގެ އިތުރުން، މެޑްރިޑްގެ ދެ ޓީމު ކަމަށްވާ، ރެއާލް އާއި އެތުލެޓިކޯ އެވެ. ސެމީ ފައިނަލް ގުރުއަތުލުން އޮތީ މި މަހު 12 ވަނަ ދުވަހު އެވެ.
ޓޮރޭސްގެ ހެޓްރިކާ އެކު ބާސެލޯނާ ސްޕެނިޝް ކަޕް ސެމީ އަށް ޓޮރޭސްގެ ހެޓްރިކާ އެކު ބާސެލޯނާ ސްޕެނިޝް ކަޕް ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ