މީކާއިލްއާ ގުޅޭ ޕޯސްޓު ޑިލީޓުކުރަން އެޑިއުކޭޝަނުން މަޖުބޫރުކުރުން އެމްޑީޕީން ކުށްވެރިކޮށްފި މީކާއިލްއާ ގުޅޭ ޕޯސްޓު ޑިލީޓުކުރަން އެޑިއުކޭޝަނުން މަޖުބޫރުކުރުން އެމްޑީޕީން ކުށްވެރިކޮށްފި

ޖަމާލުއްދީން ސްކޫލުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއާ ގުޅޭ ގޮތުން ކުރި ޕޯސްޓް ޑިލީޓްކުރަން އެޑިއުކޭޝަން މިނިސްޓްރީން މަޖުބޫރުކުރި ކަމަށް ބުނެ އެކަން، އޭނާ ނިސްބަތްވާ އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
ޖަމާލުއްދީން ސްކޫލުން އަންނަނީ އެ ސްކޫލުގެ 40 ވަނަ އަަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން ތައުލީމު ހާސިލުކުރި 40 އިސްދަރިވަރެއްގެ ކާމިޔާބީ ގެނެސްދެމުންނެވެ. އެ ސްކޫލުގެ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު އެއް އިސްދަރިވަރުގެ މައުލޫމާތު އަންނަނީ ހާމަކުރަމުންނެވެ.
އެގޮތުން މީކާއިލް އާ ގުޅޭގޮތުން ކުރި ޕޯސްޓު ޑިލީޓުކުރީ އިއްޔެ އެވެ. ސްކޫލުން ދޮގުކުރި ނަމަވެސް މީކާއިލް އަދި އެމްޑީޕީންވެސް ބުނީ އެކަންކުރީ އެޑިއުކޭޝަނުން އަންގައިގެން ކަމަށެވެ. އެފަދަ މައުލޫމާތެއް މި ނޫހަށްވެސް ލިބިފައިވެ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ސްކޫލުން އެކަން ކުރީ އެޑިއުކޭޝަނުން މަޖުބޫރުކޮށްގެން ކަމަށާއި އެ އަމަލު ދިފާއުކޮށް ރޭ މެންދަމު ސްކޫލުން ބަޔާނެއް ނެރުން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
"މިނިސްޓްރީއިން މަޖުބޫރު ކުރުމުން، އެކަން ބެލެނިވެރިންގެ ބޮލުގައި އަޅުވައި، އެ ޕްރޮފައިލް ނެގުމަށްފަހު 6 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތާ ކައިރިވެފައިވަނިކޮށް ނެރެފައިވާ ބަޔާން މި ޕާޓީއިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން،"
ޖަމާލުއްދީން ސްކޫލުގެ މި އަމަލު އެމްޑީޕީން ސިފަކުރީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގަ އެވެ.
އަދި، މީކާއިލް އަކީ ކާމިޔާބު ސްކޫލު ދައުރެއް ހޭދަކޮށް ދުނިޔޭގެ އެންމެ މަތީ ޔުނިވަރސިޓީއަކުން ދަސްވެނިވެފައިވާ ނަމޫނާ ބޭފުޅެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޑިމޮކްރެސީގެ އެންމެ މުހިންމު އެއްބަޔަކީ ރައްޔިތުން ތަމްސީލުކުރާ މަންދޫބުން ކަމުގައި ވީހިނދު، އެ މަސައްކަތަކީ ހުތުރު މަސައްކަތެއްގެ ގޮތުގައި ސިފަކުރުމަށް ތައުލީމު ފޯރުކޮށްދޭ މިފަދަ މުއައްސަސާ އަކަށް މަޖުބޫރުކުރުވުމަކީ ކަންބޮޑުވާކަމެއް،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މީކާއިލްގެ ޕޯސްޓު ޑިލީޓުކުރުން ސަބަބުވެރިކޮށް ޖަމާލުއްދީނުން ރޭ ބަޔާނެއް ނެރުނީ މެންދަމު 12:00 ހާއިރު އެވެ. އެ ސްކޫލުން ބުނީ ޕޯސްޓު ޑިލީޓުކުރީ މީކާއިލްގެ އަހުލާގީ މިންގަނޑު ކަމުނުގޮސްގެން ބެލެނިވެރިން ޝަކުވާ ކުރުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް، އެމްޑީޕީން ބުނީ އެ ބަޔާނުން ދޭހަވަނީ ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ނުރައްކާތެރި މިންވަރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ