ރައީސް މުއިއްޒުއާއި މިސަރުކާރުގެ ވަޒީރުން ރަށްރަށަށް އެރުމުން, “ކައްޒާބު”ގެ ލަގަބުން މުޚާތަބުކޮށް އިސްތިއުފާއަށް ގޮވާތީ, އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ, މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭ ލަޤަބުތަކުން ގޮވުމަކީ މާތް الله ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައެވެ.
މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުމާއި ގުޅޭ ގޮތުން މިއަދު އިއްވުނު ހުކުރު ޚުތުބާގައި ބުނީ، އިސްލާމްދީނަކީ އުޚުއްވަތްތެރިކަމާ، އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީން ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫން ކަމަށެވެ.
ޚުތުބާގައި ބުނި ގޮތުގައި މި ރިވެތި އުޞޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއްނޫނެވެ. އެހެނީ މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއްނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ އެއްބައިވަންތަ ކަމަށް ބާރުއެޅުމުގެ އިތުރުން، އެކަމަށް ހުރަސް އެޅޭ ކަންކަން ކަމުގައިވާ އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މާތް الله މަނާ ކުރައްވާފައިވާ ކަމަށެވެ.
މާތް الله ވަހީ ކުރައްވާފައިވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުނަށް ވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ބަޔަކުކަމުގައި ވެދާނެއެވެ.”
ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ކަން މިހެން ހުރުމުން، ހާމަ ވެގެންދަނީ އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށްކަން ޚުތުބާގައި ބުނެފައިވެއެވެ.
މުއިއްޒުއަށް “ކައްޒާބު” އިސްތިއުފާއަށް ގޮވާތީ, އެކަކު އަނެކަކަށް ވަނަމުން މުޚާތަބު ނުކުރުމަށް ޚުޠުބާގައި އިލްތިމާސް ކޮށްފައިވާއިރު, މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ހުކުރު ޚުޠުބާތައް ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ދީނީ ކަންކަން ސިޔާސީ ކަންކަމާއި ގުޅުވައިގެން ސިޔާސީ މަގުސަދު ހާސިލްކުރުމަށް އެކަނި އަމާޒުކޮށް ހުކުރު ޚުޠުބާތަކުގައި, ނަސޭހަތުގެ ނަމުގައި ސިޔާސީ ވާހަކަތައް ގެންނަމުންދާކަން ފާހަގަ ކޮށްލެވެއެވެ.
އަދި ރައީސް މުއިއްޒުއަށް “ކައްޒާބު”ގެ ނަމުން މުޚާތަބް ކުރަން ފަށާފައިވަނީ ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެން, އެއަށްފަހުވެސް ބޮޑެތި ދޮގުތައް ހައްދަވަމުން ގެންދަވާތީކަންވެސް ފާހަގަ ކޮށްލެވެއެވެ.
މުއިއްޒުއާއި ވަޒީރުން ރަށްރަށަށް އެރުމުން, “ކައްޒާބު”ގެ ލަގަބުން މުޚާތަބުކޮށް އިސްތިއުފާއަށް ގޮވާތީ, އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވުމަށް ޚުޠުބާގައި އިލްތިމާސްކޮށްފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ