ޚުޠުބާ: އެއްބައިވަންތަކަން ނެތި ނަޞްރެއް ނުލިބޭނެ! ދިރިއުޅުމުގަވެސް ކުރިއެރުމެއް ނުލިބޭނެ!

އިސްލާމްދީނަކީ އުޚުއްވަތްތެރިކަމުގެ ދީނެވެ.  އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީނެވެ.  އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫނެވެ. މި ރިވެތި އުޞޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއްނޫނެވެ. އެހެނީ އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑެވެ. މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއްނޫނެވެ. ތާރީޚުގެ ފަތްފުށްތަކުން މި ކަން އަހަރެމެންނަށް ރީތިކޮށް ފެންނާން އެބަ  ހުއްޓެވެ.  
އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންނެވެ. އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުންނެވެ. އެހެންކަމުން ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ ހަމަ މި ދެންނެވި ސަބަބުތަކާ ހުރެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި الله އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުން ނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަ ކަށަވަރުން الله ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." 
އެއްބައިވަންތަކަމާއި، އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ. އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވައިފައި ވެއެވެ. އެބައިމީހުންގެ މެދުގައި އެއްބައިވަންތަކަމާއި، އަޚުވަންތަކަން އޮންނާންވީ ގޮތް ބަޔާންކުރައްވައި، ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَثَلُ الْـمُؤْمِنِيْنَ فِيْ تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ، مَثَلُ الْـجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْـجَسَدِ بِالسَّهَرِ وَالْـحُمَّى)[1]  މާނައީ: "މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ލޯބިވެ، ރަޙުމްކޮށް، އޯގާވެރިވުމުގައި އެއުރެންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭންއަޅައިފި ނަމަ، މުޅި ހަށިގަނޑު ހޭލައި ހުރުމުންނާއި، ހުންއައުމުގައި އެ ގުނަވަނާ ބައިވެރިވެއެވެ." އަދިވެސް ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْـمُسْلِمُ أَخُو الْمُسْلِمِ)[2]  މާނައީ: "ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ." މުސްލިމެއްގެ ކިބައިގައި ހުންނަ އުނިކަންތައްތައް ފޮރުވުމާ ބެހޭ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِيْ الدُّنْيَا وَالْآخِرَةِ)[3] މާނައީ: "އަދި މުސްލިމެއްގެ ކިބައިގައި ހުންނަ އުނިކަން ފޮރުވައިފި މީހަކަށް، އެމީހެއްގެ  އުނިކަން ދުނިޔެއާއި އާޚިރަތުގައި  މާތް الله ފޮރުއްވައިދެއްވާނެތެވެ."  
އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ބަޔާންކުރެއްވި ފަދައިން އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރެއްވިއެވެ. މި ގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މަނާކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ.  --- މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުނަށް ވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ބަޔަކުކަމުގައި ވެދާނެއެވެ." އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާޠަބުކުރުން މަނާކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- [4]މާނައީ: "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބުނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށް ފަހު، ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާނުވި މީހާ ދަންނާށެވެ! ފަހެ އެއުރެންނީ ހަމަ އަނިޔާވެރީންނެވެ."  
މުޖުތަމަޢުގައި ފެތުރެމުންދާ ދޮގު ޚަބަރުތައް ޤަބޫލުކުރުމާ ބެހޭ ގޮތުން އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.  ---  މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު ބަލައި ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ ތިޔަބައިމީހުންނަށް  ބަޔަކަށް ގެއްލުން  ދެވިދާނެތީއެވެ. ފަހެ އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ." މުސްލިމުންނާ މެދު ދޮގު ވާހަކަ ދެއްކުމާއި އެ ފަދަ ވާހަކަ ފެތުރުމަކީ ވެސް މާތް الله މަނާކުރައްވައިފައިވާ ކަމެކެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ:" ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުން ދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللهގެ ޙަޟްރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ޙާލު، އެއީ ކުޑަ ކަމެއް ކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ." ތިމާގެ އަތާއި ދުލުން މުސްލިމު އަޚާއަށް ގެއްލުން ނުދިނުމަށް އަންގަވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْـمُسْلِمُ مَنْ سَلِمَ الْمُسْلِمُوْنَ مِن لِّسَانِهِ وَيَدِهِ.)[5] މާނައީ: "ފުރިހަމަ މުސްލިމަކީ ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އެހެނިހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." ޙައްޤަކާ ނުލައި މުސްލިމުންނާ ދެކޮޅަށް ހަތިޔާރު އުފުލުން މަނާކުރައްވައި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ حَمَلَ عَلَيْنَا السِّلَاحَ فَلَيْسَ مِنَّا)[6] މާނައީ: "ތިމަންމެންނާ ދެކޮޅަށް ހަތިޔާރު އުފުލައިފި މީހަކީ ތިމަންމެންގެ ތެރެއިންވާ މީހެއް ނޫނެވެ." 
އިސްވެ ދިޔަ ވާހަކަތަކަށް ވިސްނައިލާ އިރު އަހަރެމެންނަށް ހާމަ ވެގެންދަނީ އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށްކަމެވެ. އަދި ހަމަ އެހެންމެ މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމަޢަށްކަމެވެ. އެހެންކަމުން، اللهއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް ކިޔަމަންވާށެވެ! ކޮންމެ މުސްލިމަކަށް ވެސް  އެ މުސްލިމެއްގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި  ދޭށެވެ! ތިމާގެ ނަފްސަށް އެދޭ ކަންތައް ތިމާގެ މުސްލިމް އަޚާއަށް ވެސް އެދޭށެވެ! އަނިޔާވެރިކަމުގެ ނުބައި ޢަމަލުން ކޮންމެ މުސްލިމަކު ސަލާމަތްކުރުމަށް އަތާއިއަތް ގުޅުވައި މަސައްކަތްކުރާށެވެ! 
މުސްލިމް އަޚުންނޭވެ! އަޚުވަންތަކަމާއި، އެއްބައިވަންތަކަމަށް ތިމާ ވާޞިލުކޮށްދޭ ކޮންމެ ކަމެއް ކުރުމަށް ޢަޒުމުކަނޑައަޅައި އެ ކަން ކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި އަޚްވަންތަކަމާއި އެއްބައިވަންތަކަން ކެނޑިދާނެ ކޮންމެކަމަކުން ދުރުހެލި ވުމަށް ވެސް ނަސޭހަތްތެރި ވަމެވެ. 
އިސްލާމީ އުންމަތަކީ އެއް އުންމަތެކެވެ. ބައިބައިވުމަށް ފުރުޞަތުދޭ އުންމަތެއް ނޫނެވެ. އެބައިމީހުންގެ މިސާލަކީ އެއް ބިނާއެއްގެ މިސާލެވެ. މި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމީ اللهގެ ޙަޟުރަތުގައި އެބައިމީހުންގެ ދަރަޖަ މަތިވެރިވެގެންދާ ކަމެކެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.  "ހަމަކަށަވަރުން ޤިޔާމަތް ދުވަހު މާތް الله ވަޙީކުރައްވާނެތެވެ. ތިމަން اللهއަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ މީހުން ކޮބައިހެއްޔެވެ؟ ތިމަން الله ލައްވަވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ މި ދުވަހު އެބައިމީހުންނަށް ތިމަން الله ހިޔާވަހިކަން ދެއްވާހުށީމެވެ."[7] ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ ﷲއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ލައްވާނދޭވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ