އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ: ފަސްޓްލޭޑީ
އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ އޯޓިޒަމް ކުދިންނަށް "ޚާއްސަ ފަރުވާއެއް ދީގެން ރަނގަޅުކުރުމަށް" ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާގޮތް ތަފާތުވުމުގެ ސަބަބުން އުފެދޭ، ތަފާތު ވިސްނުމާ އުޅުން ބަދަލުކުރަންޖެހޭކަމަށް، އާންމު މުޖުތަމަޢު ދެކޭ ދެކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެހެންކަމުން މިފަދަ ކުށް ހީތައް ފިލުވައިލެވޭތޯ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުރި ތަފާތުކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭކަމަށެވެ. އަދި މިކަމުގައި މުޖްތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު، އެކުދިންނަށް ލިބިދޭ ފަދަ މާޙައުލެއް ޤާއިމްކުކޮށްދީ، ތަހުޒީބު މުޖުތަމަޢަކަށް ދިވެހި މުޖްތަމަޢު ބަދަލުކުރުމަށްޓަކައި އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ޝުކުރުވެރިކަމާއެކު އެކަމަނާ ފާހަގަކުރެއްވި އެވެ.ފަސްޓްލޭޑީ ސާޖިދާގެ ވާހަކަފުޅުގައި މި ދާއިރާގެ ބޭރު ދުނިޔޭގެ ހާލަތަށް އަލިއަޅުވާލައްވައި އޯޓިޒަމްގެ އެކި މައްސަލަތަކާ އެކުވެސް ދިރިއުޅުން ކާމިޔާބު ކުރި އަދި މިހާރު ވެސް ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދާ އެތައް ޝަޚްޞިއްޔަތެއް ފާހަގަކުރެވޭކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ޤާބިލުކަމެއް ދެނެގަނެ، އަދި އެ ރޮނގުން އޭނާއަށް ވީހާ ވެސް ގިނަ ފުރުޞަތުތަކެއް މަގުފަހިކޮށްދެއްވުމަށް އެކަމަނާ ބާރުއެޅުއްވި އެވެ.ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސަރުކާރުގެ އިޖުތިމާއީ ޢަދުލުގެ ސިޔާސަތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ވަރަށް އިސްކަންދެއްވާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީފާގެ މާހައުލުން ވެސް މި ފަދަ ޙާލަތްތަކުގެ ކުދީންނަށް ޖާގަ ފަހިކޮށްދޭން ޖެހޭނެކަމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން އެކަމަނާ ފާހަގަކުރެއްވި އެވެ.އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ