އިންޑިއާގެ ކުދި ސިޓީތަކުގައި ކްރިޕްޓޯ ވިޔަފާރި ކުރިއަރަނީ
އިންޑިއާގެ ކުދި ސިޓީތަކުގައި ކްރިޕްޓޯ ކަރަންސީގެ ވިޔަފާރިއަށް ޝައުޤުވެރިކަން އިތުރުވަމުންދާކަމަށް ރޮއިޓާސްގެ ރިޕޯޓެއްގައި ބުނެފިއެވެ. މިގޮތުން އިންޑިއާގެ އެންމެ ބޮޑެތި ހަތަރު ކްރިޕްޓޯ އެކްސްޗޭންޖްތަކުގައި ވިޔަފާރީގެ ވޮލިއުމް ދެގުނައަށް އިތުރުވެގެން ގޮސްފައިވެއެވެ. އޮކްޓޯބަރު، ޑިސެމްބަރު ތިން މަސްދުވަހުގެ ތެރޭގައި ބިޓްކޮއިން، އިތެރިއަމް، ޑޯޖްކޮއިން އަދި އެހެނިހެން ކްރިޕްޓޯ ފައިސާގެ ވިޔަފާރި އިންޑިއާގެ ބޮޑެތި ހަތަރު އެކްސްޗޭންޖްތަކުން ޖުމްލަ 1.9 ބިލިއަން ޑޮލަރަށް އަރާފައިވާކަމަށް ކޮއިންގެކޯ ޑޭޓާއިން ދައްކައެވެ. ރޮއިޓާސްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ ނަގްޕޫރުގައި މާމެލާމެލީގެ ވިޔަފާރިކުރާ 28 އަހަރުގެ އަޝިޝް ނަގޯސް ބުނީ ޢާއިލާގެ ވިޔަފާރި މަޑުޖެހޭ ދުވަސްވަރު އިތުރު އާމްދަނީއެއްގެ ގޮތުން ކްރިޕްޓޯ ވިޔަފާރިއަށް އަހުލުވެރިވަމުން އަންނަ ކަމަށެވެ. އޭނާ ފަދަ ގިނަ ޒުވާނުން މިހާރު ކްރިޕްޓޯ ވިޔަފާރިއަށް ޝައުޤުވެރިވަނީ އިންޑިއާގައި ރެގިއުލޭޓަރީ ބޮޑީތަކުން އިކުއިޓީ ޑެރިވެޓިވްސް ވިޔަފާރިކުރުމަށް ގަވާއިދުތައް ހަރުކަށިކޮށްފައިވާތީއެވެ. މުޑްރެކްސް ނަމަކަށް ކިޔާ އިންޑިއާގެ ކްރިޕްޓޯ އެކްސްޗޭންޖެއްގެ ވެރިއެއްކަމަށްވާ އެޑުލް ޕަޓެލް ބުނީ، ޚާއްޞަކޮށް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސަކަށް ހޮވުމާއި ދުނިޔޭގައި ކްރިޕްޓޯއާ ދޭތެރޭ ދެކޭގޮތް ބަދަލުވަމުން އަންނާތީ، މި ދާއިރާއަށް ގިނަ ފަރާތްތަކެއްގެ ޝައުޤުވެރިކަން ބޮޑުވެފައިވާ ކަމަށެވެ. ގްރާންޓް ތޯންޓަން ބަރަތް ކޮންސަލްޓިން ފާމްގެ ޕާޓްނަރު ކުޝް ވަދްވާ ބުނެފައިވަނީ އިންޑިއާގެ ކްރިޕްޓޯ މާކެޓް 2025 ވަނަ އަހަރުން ފެށިގެން 2035 ވަނަ އަހަރާ ހަމައަށް %18.5 ކޮމްޕައުންޑް އެނުއަލް ގްރޯތު ރޭޓެއްގައި ކުރިއަރައި، 2.5 ބިލިއަން ޑޮލަރުން 15 ބިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އިންޑިއާގައި 2024 ވަނަ އަހަރު ކްރިޕްޓޯ ޙަރަކާތްތައް އެންމެ ބޮޑަށް ކުރިއެރުވި 10 ސެންޓަރުގެ ތެރެއިން ހަތް ސެންޓަރަކީ ޖައިޕޫރު، ލަކްނޯ އަދި ޕޫނޭ ފަދަ ދަށު ފަންތީގެ ސިޓީތަކެވެ. އިންޑިއާގެ އެންމެ ބޮޑެތި ކްރިޕްޓޯ ޕްލެޓްފޯމްތަކުގެ ތެރެއިން ކޮއިންސްވިޗްގެ ވައިސް ޕްރެޒިޑެންޓް ބަލާޖީ ސްރީހަރީ ބުނެފައިވަނީ ކުރިއެރުން މިހާރު ލިބެމުންދަނީ މެޓްރޯ ސިޓީތަކުން ނޫންކަމަށެވެ. އެހެންނަމަވެސް، އިންޑިއާގެ ރެގިއުލޭޓަރީ އޮތޯރިޓީތަކުން އަދިވެސް ކްރިޕްޓޯކަރަންސީ ބޭނުންކުރުމަށް ހިތްވަރެއް ނުދެއެވެ. މިގޮތުން ބޮޑެތި ޓެކްސްތައް ނަގަމުންދާއިރު، އިންޑިއާގެ ސެންޓްރަލް ބޭންކުން ވަނީ ކްރިޕްޓޯގެ ރިސްކާއި ވޮލެޓިލިޓީއާ ދެކޮޅަށް އިންޒާރުދީފައެވެ. ޖީ-20ގެ ގިނަ ޤައުމުތަކާ ޚިލާފަށް، އިންޑިއާއިން އަދިވެސް ކްރިޕްޓޯ ކޮންޓްރޯލްކުރުމަށް އާ ގަވާއިދުތަކެއް ތަޢާރަފުކޮށްފައެއް ނުވެއެވެ. އަދި މިކަން މިހާރުގެ ސެކިއުރިޓީޒް ގަވާއިދުގެ ދަށަށް ވެސް ގެނެސްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ