ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުން ކުރަމުންގެންދާ ސުވާލުތަކަށް ޖަވާބު ނުލިބެނީސް ތަހުޤީޤު ހުއްޓާނުލާނަން: ވަޒީރު

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުން ކުރަމުންގެންދާ ސުވާލުތަކަށް ގަބޫލުކުރެވޭ ފެންވަރުގެ ޖަވާބުތަކެއް ނުލިބެނީސް ތަޙުޤީޤު ހުއްޓާނުލާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
މިހެން ވަޒީރު ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ނ. ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ދަތުރުފުޅުގައި ވަޒީރާއެކު ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، "މި މައްސަލައިގައި މީގެ ކުރިންވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ފަންނުވެރިއެއް ޒަކިއްޔާގެ ހަށިގަނޑު ބަލާފައިވޭ. ނަމަވެސް އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން."
އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަށް ފުލުހުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އަދި އެދުވަހު ޒަކިއްޔާގެ އޮޓޯޕްސީ ހަދަން ފޮނުވިނަމަ، މިއަދު މިވާހަކަތައް ދައްކަން ނުޖެހުނީސް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ފާއިތުވި އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ޒަޚަމްތަކަކާއެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ގަބޫލުކުރެވޭ ފެންވަރުގެ ޖަވާބުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ