ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ އަދި ޗާޖިން ސްޓޭޝަން ގާއިމްކުރުމަށް މާލީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ އަދި ޗާޖިން ސްޓޭޝަން ގާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި މިއަދު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.މި އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު އަމީނެވެ. އަދި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ.ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި، މި ކަންކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލްތައް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ."މިއީ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް. މާހައުލަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ. ވެހިކަލްތަކުގެ އަދަދުވެސް މަދުވެގެންދާނެ ކަމަށް މިހާތަނަށް ހެދި އެސެސްމަންޓުތަކުން ދައްކަނީ،" ވަޒީރު އަމީން ވިދާޅުވިއެވެ.ޓްރާންސްޕޯޓު މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށްޓަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމާއި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމާއި، އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތްތަކާއި އިޚްތިޔާރުތައް ފަހިކޮށްދިނުމެވެ.މި މަހުގެ ތެރޭގައި ތިމާވެށްޓާ ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އިލެކްޓްރިކް ޓެކްސީތަކާއި އެ ވެހިކަލްތައް ޗާޖުކުރުމަށް ބޭނުންވާ ސްޓޭޝަންތައް މާލެ ސަރަހައްދުގައި ޤާއިމުކުރެވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ