ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ހިދުމަތް ފުޅާކޮށްފި އެވެ.
މިއަދު އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި އޭޓީއެމް އިފްތިތާހްކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބުރާހީމާއި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
ބީއެމްއެލުން ބުނީ، ޔޫއެސް ޑޮލަރު އޭޓީއެމްއިން 24 ގަޑިއިރު ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށާއި އަދި ރައްޔިތުންނާއި ވިޔަފާރިތަކަށް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން، ބޭންކުގެ ރަސްމީ ގަޑީގެ ބޭރުން އެހެނިހެން ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެއެވެ.
މިއަދު ހުޅުވި މި ޑޮލަރު އޭޓީއެމް ހުންނާނީ ބީއެމްއެލް ކުޅުދުއްފުށީ އޮފީސް އިމާރާތުގަ އެވެ. މިހާރުވެސް ބީއެމްއެލުން ކުޅުދުއްފުށީގައި އަންނަނީ ހަތަރު އޭޓީއެމްގެ ހިދުމަތްދެމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކެވެ.
"އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ ކުރިއެރުމުގެ ބައިވެރިއެއ. އަޅުގަނޑުމެން ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި ގެންނަ ކޮންމެ ބަދަލަކީވެސް އެއް މަގުސަދަކަށްޓަކާ ކުރާކަމެއް. އެއީ ތިޔަބޭފުޅުންނަށް އިތުރަށް ހިދުމަތްކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީއަށް އެހީވެދިނުން." ޝަރީފް ވިދާޅުވި އެވެ.
ކުޅުދުއްފުށިގައި ޑޮލަރު އޭޓީއެމް އިތުރުކުރުމާއެކު، ބީއެމްއެލްއިން އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާފުށީގައި ހިދުމަތްދޭ ޑޮލަރު އޭޓީއެމްގެ ވިއުގަ މިވަނީ އިތުރަށް ފުޅާކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.
ބީއެމްއެލްއިން ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ