އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެންސްޕާ ހިންގާނެ އިމާރާތެއް ހޯދުމަށް އަލުން އިއުލާނު ކުރީ ފެބްރުއަރީ 11، ގައި ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށެވެ.
އެ އިއުލާނުގައި ބުނީ އެންސްޕާގެ އޮފީސް ހިންގަން އިމާރާތެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެކަމަށް ޝަރުތު ހަމަވާ ބަޔަކު ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. ބިޑަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަޖެހޭ ޝަރުތުތަކާއި އިވެލުއޭޓު ކުރާނެ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާން ކޮށްފައިވާނެ ކަމަށް ފިނޭންސުން ބުންޏެވެ.
އެންސްޕާ ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ މާދަމައިން ފެށިގެން މާޗު 6، ގެ ނިޔަލަށް ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
އެ ބީލަމާ ގުޅޭ ހުރިހާ މައުލޫމާތެއް މާދަމާއިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ ޕްރޮޖެކްޓުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 252،000ރ. ފިނޭންސް މިނިސްޓްރީއަށް ދައްކަންޖެހެ އެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ބިޑު ހުށަހަޅަންޖެހެނީ ފިނޭންސް މިނިސްޓްރީގެ ބީލަން ޕޯޓަލް މެދުވެރިކޮށް މާޗު 10، ގެ ހެނދުނު 11:00 ގެ ކުރިންނެވެ. ބިޑު ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ.
މީޑިއާ ހައުސް އާއެކު ވި އެއްބަސްވުން ބާތިލުކުރީ "އެމްއެމް ޓީވީ" ޗެނަލް ހިންގުމަށް، އެންސްޕާ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން މަހަކު ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން އެއްބަސްވެފައިވާ ކަމަށް ތުހުމަތު ކުރެވިފައި އޮއްވަ އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެންސްޕާގެ އޮފީސް އިމާރާތް ބަދަލުކުރަން، 12،000 އަކަފޫޓުގެ ތަނެއް، ހޯދަން ކުރި އިއުލާނުކުރީ ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އެ އިއުލާނާ ގުޅިގެން އިމާރާތް ކުއްޔަށް ދޭން ހުށަހެޅީ ވެސް ހަމައެކަނި މޯލްޑިވްސް މީޑިއާ ހައުސިންނެވެ.
ފަނަރަ ބުރިއަށް ހަދާފައިވާ މއ. ސީރާޒީގެއިން ހަތަރު ފަންގިފިލާއެއް އެމްއެމްޓީވީ އަށް ކުއްޔަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރެއިން އެންސްޕާއަށް ކުއްޔަށް ދިނީ ދެ ފަންގިފިލާ ކަމަށް އިތުބާރުކުރެވޭ މަސްދަރުތަކުން މައުލޫމާތު ދީފައިވެ އެވެ. ސީރާޒީގޭގެ ޖުމުލަ ބޮޑުމިނަކީ 4365 އަކަފޫޓެވެ.
އެންސްޕާއިން ބޭނުންވާ 12،000 އަކަފޫޓުގެ ޖާގަ ލިބޭނީ ސީރާޒީގޭގެ ތިން ފަންގިފިލާއިންނެވެ. ދެ ފަންގިފިލާ ކުއްޔަށް ނަގާފައި ވާނަމަ އެއީ 8730 އަކަފޫޓެވެ.
އެންސްޕާގެ އޮފީސް ހިންގަން، ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ.
މި މައްސަލަ އޭސީސީންވެސް ދަނީ ބަލަމުންނެވެ. ނަމަވެސް، މިކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް މުއިއްޒު ޑިސެމްބަރު 22، 2024 ގައި ވިދާޅުވީ މައްސަލަ އެމަނިކުފާނާ ހިސާބަށް އަދި ނާންނަ ކަމަށެވެ.
"އަޅުގަނޑާ ހަމައަށް އެކަމުގެ [އެންސްޕާގެ] އެއްވެސް މައުލޫމާތެއް އަދި ނާދޭ އެނގޭތޯ. އަޅުގަނޑާ ހަމައަށް ލިބިއްޖެއްޔާ އަޅުގަނޑު ހަމަ ކަމާބެހޭ ފަރާތްތަކަށް ދެންމެގަ ވެސް މިދެންނެވި ފަދައިން ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ