އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ ތިން ވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވެ ރާއްޖޭން ތާރީހީ ރިހި މެޑަލަކާ އެކު މުބާރާތް ނިންމާލައިފި އެވެ.
އެންމެ ފަހުން ބޭއްވި ސާބާ މުބާރާތުން ރާއްޖެ އަށް ލިބުނީ ލޯ މެޑަލެވެ. މި ފަހަރު ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލުގެ މެދުގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭން ވަނީ މިދިޔަ ދެ ފަހަރުގެ ރަނަރަޕް ނޭޕާލް ބަލިކޮށްފަ އެވެ.
އެކަމަކު، މުޅިން އަލަށް ކުޅުނު އިންޑިއާ އިން މި ވަނީ ދެ މެޗުން ވެސް ރާއްޖެ ބަލިކޮށްފަ އެވެ.
އެ ގޮތުން، ލީގު ބުރުގައި އިއްޔެ މި ދެ ޓީމު ކުޅުނު މެޗުން އިންޑިއާ އިން ރާއްޖެ ބަލިކުރީ، 113-25 އިންނެވެ. މިރޭ ކުުޅުނު ފައިނަލުގައި އިންޑިއާ އިން ރާއްޖޭގެ މައްޗަށް ކުރިހޯދީ، 107-32 އިންނެވެ.
ފުރަތަމަ ކުއާޓަރުގައި އިންޑިއާ އިން ނިންމާލީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު، 19-10 އިންނެވެ. ދެން ކުޅުނު، ދެ ކުއާޓަރުގައި ރާއްޖޭގެ ސްކޯރިން ދަށްވިއިރު، އިންޑިއާ އިން ދިޔައީ ކުޅުމުގެ ފެންވަރު ރަނގަޅުކޮށް، ޕޮއިންޓް ސްކޯކުރަމުންނެވެ. ރާއްޖޭން ފަހު ކުއާޓަރުގައި ކުރިން ދެ ކުއާޓަރަށް ވުރެ ރަނގަަޅަށް ސްކޯކުރި އެވެ.
މުޅި މެޗަށް ބަލާއިރު، ރާއްޖޭގެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ހަތް ޕޮއިންޓް ސްކޯކުރި ރައިފާ އިބްރާހިމް އެވެ. ދެން، ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ، ފާތިމަތު އީހައު ޝަމީމް އަދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ އެވެ. މީގެތެރެއިން ކޮންމެ ކުޅުންތެރިއަކު، ހަ ޕޮއިންޓް ސްކޯކުރި އެވެ. އިންޑިއާ އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 20 ޕޮއިންޓް ސްކޯކުރި ދަރުޝިނީ އާއި 19 ޕޮއިންޓް ސްކޯކުރި ސަންޖަނާ ރަމޭޝް އެވެ.
މި ފަހަރުގެ މުބާރާތަށް ރާއްޖޭން ގައުމީ ޓީމުގެ ކޯޗަކަށް، ސާބިއާގެ ވްލަޑިމީރް ސްވެޖިޗް ގެނައި ނަމަވެސް، އޭނާ ޓީމާ ހަވާލުވީ މުބާރާތަށް ވަރަށް ކުޑަދުވަސްކޮޅަކަށްވެފައި އޮއްވައި، ކަމަށްވުމުން، ޓީމު ލީޑުކުރުމުގައި އިސް ރޯލެއް އަދާކުރީ އެސިސްޓަންޓް ކޯޗު، ގުރައިޝް އަފްރާހު (ގުރޭ) އެވެ.
މި މުބާރާތުގެ ކުރީ ދެ ފަހަރުގެ ޗެމްޕިއަން، ސްރީ ލަންކާ އިން މުބާރާތް ފަށަން މަހެއްހާ ދުވަހަށް ވެފައި އޮއްވައި، ނަން ނެގުމުން އެ ޓީމާ މެދު ސާބާ އިން ފިޔަވަޅު އެޅި އެވެ.
ރާއްޖެ އަށް ސާބާ އަންހެން މުބާރާތުން ފުރަތަމަ ރިހި މެޑަލް ރާއްޖެ އަށް ސާބާ އަންހެން މުބާރާތުން ފުރަތަމަ ރިހި މެޑަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ