ރަސްމީ ފާލަމުގެ މަސައްކަތް ނިންމާލައިފި، ބަލައިލަން ވަރަށް ހިތްގައިމު

ދިވެހިންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ ރީތި ޑިޒައިނަކަށް ހެދި މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް ނިންމާ، ހުޅުވަން ތައްޔާރުވެއްޖެއެވެ. ރަސްމީ ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއު 11.7 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 14 އޮގަސްޓް 2023ގައެވެ. މި މަސައްކަތް ހަވާލުކުރީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއު އަހަރަކާއި ހަ މަސްފަހުން ނިންމާފައި ވާއިރު، މި މަޝްރޫއު އާދަޔާ ޚިލާފަށް ގިނަ ދުވަސް ވާކަމަށް ބުނެ ބައެއް މީހުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި މަޝަރޫއުގެ ދަށުން ކުރީގެ ފާލަން ރޫޅާލައި، އައު ފާލަމުގެ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓަރަކްޗާ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. އިއްޒުއްދީން ފާލަމުގެ މަސައްކަތްވަނީ ނިންމާލާފައި: މިއީ 11.7 މިލިއަން ރުފިޔާގެ މަޝްރޫއެއް -- ސަން ފޮޓޯ/ މޫސާ ނަދީމް ޢިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާކުރީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާ ގުޅިގެންނެވެ. އޭރު ވެސް މި މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ ފަހަރު އިއްޒުއްދީން ފާލަން ފަރުމާކޮށްފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ. އިއްޒުއްދީން ފާލަމުގެ ކުރީގެ ޑިޒައިން -- ސަން ފޮޓޯ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަންވަނީ ވީރާނާވެ، އެކި ފަހަރު މަތީން މަރާމާތު ވެސް ކޮށްފައެވެ. އެމްޓީސީސީން ބުނީ، އަލުން ފާލަން ހަދާއިރު ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށް ހަދާނެ ކަމަށެވެ. ފާލަން ތަރައްގީކޮށް ނިމިފައި ވާއިރު، މިހާރު މި ފާލަން ބަލައިލަން ހިތްގައިމެވެ. ފާލަމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ހުރީ ހުދުކުލައާއި ރަން ކުލައެވެ. ރޭގަނޑު ފާލަން ދިއްލާފައި ހުންނަ އިރު، އެ ސަރަހައްދަށް އުފާވެރިކަން ގެނުވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ