އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ސައްތާރު އެކަނި އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ސައްތާރު އެކަނި

އަންނަ މަހު ބާއްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިިމަތިލެއްވީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ކަމަށް އޮލިމްޕިކް ކޮމިޓީން އިއުލާނުކޮށްފި އެވެ.
އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރު، 2025-2029 އަށް ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުުމަށް ހުޅުވާލީ އޭޕްރީލް 22 އިން ފެށިގެންނެވެ. މެއި ހަތް ވަނަ ދުވަހުގެ ނިޔަަލަށް އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ހުޅުވާލި، މުއްދަތު ހަމަވިއިރު، އަންނަ މަހު ދެ ވަނަ ދުވަހު އޮތް އިންތިހާބުގައި ރައީސަކަށް ވާދަކުރަންވަން ކެނޑިޑެސީ ހުށަހެޅީ ސައްތާރު އެކަންޏެވެ. އެހެންކަމުން، އެ މަގާމަށް ލާނީ ފެންނަ ނުފެންނަ ވޯޓެކެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ، އިންތިހާބަށް 18 އެޕްލިކޭޝަނެއް ލިބިގެންދިޔަ ކަމަށާއި އެހެން ނަމަވެސް، ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން، އެއް އެޕްލިކޭޝަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އެންމެ ފަހުން ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރުގަ އެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ މޫސާ ނާޝިދު (މޫސަ) އާ ވާދަކޮށެވެ.
އެ އިންތިހާބު، ޗަމްޕީ، ކާމިޔާބު ކުރެއްވީ 18 މެމްބަރު އެސޯސިއޭޝަނުގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ. ޗަމްޕީއާ ވާދަކުރެއްވި އޭރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އަށް ލިބުނީ ހަތް ވޯޓެވެ. އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެފްއޭއެމްގެ ކުރީގެ ސީނިއާ ނައިބު ރައީސް އަލީ އުމަަރު (އައްޔަ) ވަނީ އިންތިހާބުގެ އެއް ދުވަސް ކުރިން ނަން ނަންގަވައިފަ އެވެ.
އެމްއޯސީ ހިންގާ ކޮމިޓީގައި ޖުމްލަ 13 ފަރާތަކުން ތިބޭނެ އެވެ. އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުން، ހަ އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް، ދެ ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް އަދި އަންހެން ދެ މެމްބަރުންނެވެ.
ނައިބު ރައީސްގެ މަގާމަށް މި ފަހަރު ކުރިމަތިލާފައިވަނީ، ހޭންޑްބޯލް މޯލްޑިވްސް އިން ނަން ހުށަހެޅުވި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަދި އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ވެސް ނައިބު ރައީސް، އަހުމަދު އިސްމާއިލް، އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ހުށަހެޅި އެ ޖަމިއްޔާގެ ރައީސް، މުސްތަފާ މުހައްމަދު (މުސްތޮ)ގެ އިތުރުން، ޗެސް އެސޯސިއޭޝަން އިން ހުށަހެޅި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސަކަށް މި ވަގުތު ވެސް ހުންނެވި، އަހުމަދު މުންތަގިމް (މުންތޭ) އެވެ.
އެންމެ ފަހުން ބޭއްވި، އޮލިމްޕިކް ކޮމިޓީ އިންތިހާބުގައި ނައިބަކަށް އިންތިހާބުވީ އަހުމަދު އިސްމާއިލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ އޭރުގެ ރައީސް މުހައްމަދު ތޮލާލް އެވެ. ތޮލާލް އަށް 15 ވޯޓު ލިބުނުއިރު، އަހުމަދަށް ވަނީ 14 ވޯޓު ލިބިފަ އެވެ. ދެން ވާދަކުރެއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް އަށް ލިބުނީ ހަ ވޯޓެވެ.
މުންތަގިމް، އޮލިމްޕިކް ކޮމިޓީގެ ނައިބަކަށް އިންތިހާބުކުރީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގަ އެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސެއްގެ މަގާމު އޭރު ހުސްވީ، މި ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، އޮލިމްޕިކް ކޮޮމިޓީގެ ނައިބަކަށް ހުންނެވި، ތޮލާލް އައްޔަނު ކުރެއްވުމުންނެވެ.
އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމީޓީން އެ މަގާމަށް މުންތަގިމް ހޮވިއިރު، މި މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީ ވެސް މުންތަގިމް ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ އޭރު މައުލޫމާތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ