19 ފެބުރުއަރީގެ ބަޔާ ގުޅޭ
ހަމްރާއު ނިކުމެގެން ދިޔައީ ކޮންފަދަ ޖާދޫއެއް ހަދާފައި ހެއްޔެވެ؟ ވަގުތުން
ކައިވެންޏާ ހަމައަށް ބައްޕަ ހިތުން ރުހުމުން ދިއުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟
ހޫރައިން އިނީ ސުވާލު އުފެދިފަ އެވެ. އެއިރު އެތެރެ އެތެރެއިން އޭނަގެ ހިތް ފުމެ
ނަގަނީ އެވެ. ނުތަނަވަސްކަމާއި އުފާވެރިކަން އައިސް އޭނަ ވަށާލައިފި އެވެ. އެތައް
ދުވަހެއްގެ އިންތިޒާރުގެ ފޮނި މޭވާ ލިބެނީ ހެއްޔެވެ؟ ނޫނީ މީ އޭނައަށް ފެންނަ
ހުވަފެނެއް ހެއްޔެވެ؟
***
"ރެއިން ރެއިން ގޯ އަވޭ. ކަމް އަގެއިން އެނަދާ ޑޭ. ލިޓްލް ހަނޫ ވޯންޓްސް ޓު ޕްލޭ. ރެއިން ރެއިން ގޯ އަވޭ،" ހަނާންގެ ތުއްތު އަޑުން ލަވަ ކިޔަމުންދިޔަ
އެވެ.
ހަނާން އިނީ ބުދެއް ހިފައިގެން އޭގެ އިސްތަށިގަނޑުގައި
ފުނާއަޅާށެވެ. ކައިރީގައި ކުދި ހެދުންކޮޅުތަކާއި މޭކަޕްކުރާ ސާމާނު ހުއްޓެވެ.
ކޮޓަރިތެރޭގައި ހަނާން ފެންނަ ހިސާބުގައި ހޫރައިން އިނީ ރީތިވާ މޭޒު
ކުރިމަތީގަ އެވެ. ހަނާންގެ އެ ލަވައާ ގުޅިގެން ހޫރައިންގެ ހަނދާންތައް
ދަތުރުކޮށްފައި ދިޔައީ އަހަރުތަކެއް ކުރިއަށެވެ.
ބޯކޮށް ވާރޭވެހެމުންދިޔަ ދުވަހެކެވެ. ހޫރައިން އާއި ރީޝްއަށް ގެއަށް އާދެވުނީ
ތެމިގެންނެވެ. ރީޝް ހުރީ ގެއަށް ވަންއިރު ވެސް ރުޅިއައިސްފަ އެވެ.
"ތިވަރަށް ފޮނިނުދެއްކިއަސް ވެދާނެ ހޫރު. އަހަންނަށް އިނގޭ ހޫރު
ހުންނަނީ އައިޒިކް ފަހަތުން އުޅޭތީ ފޮނިވެފަކަން. އެހެންވެ ގަދަކުރަންވެގެން
ރުޅިއަންނަކަމަށް ހެދެނީ. އެކަމަކު އޭގަ ވެސް ހައްދެއް އޮންނާނެ ދޯ؟ އޭނަގެ ކާރަށް
އެރި ނަމަ ގައިމު ތެމިގެން އަންނާކަށް ނުޖެހުނީސް،" ރީޝް ކުދި ކިޔަމުން ގޮސް
ހޫރައިންއަށްވުރެ ކުރިން ފާހާނާއަށް ވަދެ ތަޅުލި އެވެ.
ރީޝްގެ އިންތިޒާރުގައި ހޫރައިން ގޮސް މަޑުކޮށްލީ ކުޑަދޮރު ކައިރީގަ އެވެ.
ލައިގެން ހުރި ޔުނީފޯމުގެ ފަސްބައިން ތިރިއަށް ފެންތިކި ތަޅަމުން ދިޔަ އެވެ.
ހޫރައިން ހުރީ ހީކަރުވައިގެންފަ އެވެ. ދެދަތްޕިލަ ތުރުތުރުލަ އެވެ. ފޮތިގަނޑު
ކަހާލައިފައި ހުރިއިރު ބޭރުން ގޯތިތެރެ ފެންނަމުންދިޔަ އެވެ. އެއީ ގޭގެ ފަހަތުގައި
އޮންނަ ހުސް ތަނެވެ.
ހޫރައިންގެ ސަމާލުކަން އަތުލީ ހަމްރާއުގެ ކުޑަކުޑަ އާއިލާ އެވެ. ތެމިފޯވެގެން
ހަމްރާއު އާއި ރަނާ ގަސް އިންދަނީ އެވެ. ކުޑައެއް ހިފައިގެން ރައިނާ ހުއްޓެވެ.
އެންމެންގެ މޫނުމަތީގައި ވެސް ހަމަޖެހުމާއި އުފާވެރިކަމެވެ. ރަނާ އިރުއިރުކޮޅާ
އަނގަމައްޗަށް ޖަހާފައި ހީގަނެ އެވެ. ހަމްރާއު ދޭތެރެއަކުން ރަނާ އުރާލައިފައި
މައްޗަށް އެއްލާ އަނބުރާލާ އެ ޒާތުގެ ކޮންމެވެސް ސަކަރާތެއް ޖަހަ އެވެ.
"އަހަރެން ފޮނިދައްކަނީއެއް ނޫން ރީޝް. އަހަރެން އައިޒިކްއަކާ
ގަޔައެއްނުވޭ. އަހަރެން ބޭނުންވަނީ އައިޒިކް ކަހަލަ މީހެއް ނޫން އަހަރެންގެ
ދިރިއުޅުމަށް ގެންނަން. ސަމްވަން ލައިކް ހަމްރާއު، ހަމްރާއު ހޫ ޓްރީޓްސް ހިޒް
ވައިފް ލައިކް އެ ކުއީން، ހިޒް ޑޯޓާ، އަ ޕްރިންސެސް. އަހަރެންގެ ދުއާއަކީ އެއީ،" ހޫރައިން ހިތާއިހިތުން ކިޔާލި އެވެ.
އަދި ހަމަކުއްލިއަކަށް ހަނދާންވެގެން ދެ އަތް ނަގާފައި އެކަމަށް ހެދި ހިތުގެ
ފުނުން ދުއާކޮށްލި އެވެ. ވާރޭ ވެހޭ ވަގުތަކީ ދުއާ އިޖާބަ ކުރައްވާ ވަގުތެއްކަން
އޭނަ އަބަދުވެސް ހަނދާނުގައި ބަހައްޓަ އެވެ.
***
ކައިވެނީގެ ވާހަކަ ދައްކާފައި ހަމްރާއު ނިކުމެގެން ދިޔަ ފަހުން ހޫރައިންގެ
ހިތަށް އެތަކެއް ފަހަރު ޝައްކުތައް ވަނެވެ. ކޮންމެވެސް ގޮތެއް މެދުވެރިވެގެން
އޭނަ އާއި ހަމްރާއުގެ ކައިވެންޏަށް ހުރަސްއެޅިދާނެކަމުގައި އެ ހިތް ބުނަމުންދިޔަ އެވެ.
ދުވަސްތައް ދިގުވެ ސިކުނޑި ހާސްވަމުން ދިޔަ އެވެ. އެންމެ ބޮޑު ނުތަނަވަސްކަމަކީ
ހަމްރާއުގެ ހަބަރެއް ނުވުމެވެ. ކައިވެނީގެ ތައްޔާރީތައް ކުރިއަށް ދިޔައީ އޭނަގެ
މައިންބަފައިންނާ ގުޅިގެންނެވެ.
އެންމެފަހުން ހޫރައިންގެ އެތައް ދުވަހެއް ވީ ހުވަފެނުގައި ކުލަޖެހިއްޖެ އެވެ.
ލޯބިވާގެ އަތްނބަކަށް އޭނަ ވީ ވަގުތު އައިސް ޖެހުނީ އެވެ.
"އަނބި ގަބޫލުކޮށްފިން،" އެ ޖުމްލަ ކިޔާލައިފައި ހަމްރާއު އޭނަގެ
މޫނަށް ބަލައިލި ލޯބިވެތި ނަޒަރު އެކަނި ވެސް ހޫރައިންގެ ހިތަށް ފިނިކަން
ގެނެސްދިނެވެ. އެ ހިތުގެ ހުރިހާ ޝަކުވާއެއް ފިލައިފި އެވެ.
ގޭގައި ބޭއްވި ކުޑަ ސައިގެ ހަފްލާއަށް ފަހު ދައުވަތު ދެވުނު މެހުމާނުން ގޮސް
ނިމުމުން ވަދާއު ކިއުމުގެ ވަގުތު އަތުވެއްޖެ އެވެ. ހޫރައިންއާ އެކު ތިބީ އޭނަގެ ތިން
އެކުވެރިންނެވެ. ދެން ބައްޕަ އާއި ދޮންމަންމަ އެވެ. ހަނާން ދައްތައާ ވަކިނުވާންވެގެން
ރޮނީ އެވެ. އެ ކުއްޖާ މަސަލަސް ކުރަންވެގެން ސާއިމްއަށް ޖެހުނީ ކޮންމެވެސް އުޒުރެއް
ދައްކާފައި އެތަނުން ދާށެވެ.
"މަންމަ ދިން ނަސޭހަތުގައި ހިފާތި!" ދޮންމަންމައެއްގެ މަގާމުގައި
ހުއްޓަސް މަންމައެއް ފަދައިން ހިތި ނަބީލާ ހޫރައިންގެ ދަތްދޮޅީގައި ހިފާލައިފައި
ހަތަރުކަޅި ހަމަކޮށްލަމުން ހަނދާންކޮށްދިނެވެ.
ހޫރައިން ބޯޖަހައިލި އެވެ.
ބައްޕަ ނިކުންނަމުން ހޫރައިންގެ ކޮނޑުގައި އަތްޖައްސާލީ އެކުގައި ދާން
އިރުޝާދުދެމުންނެވެ. ހޫރައިން ބައްޕަގެ ފަހަތުން ނިކުތެވެ. ތިރީގައި ހަމްރާއު
ހުރީ ހޫރައިންމެން ނިކުންނަންދެން އިންތިޒާރުގަ އެވެ. ހޫރައިންގެ ފޮށި
ޑިކީއަށްލައި ލައްޕާފައި ޑްރައިވަރު ގޮސް ކުރިއަށް އަރައިފި އެވެ. ހަމްރާއު
ދޮރުފަތް ހުޅުވާލަދިނުމުން ހޫރައިން އެރީ ފަހަތަށެވެ. ބައްޕައާ ސަލާމްކޮށްލާފައި
އެ ބުނި އެއްޗެއް ބުނުމަށް ފަހު ހަމްރާއު ވެސް އަރައި ހޫރައިންގެ ކައިރީ
އިށީނދެއްޖެ އެވެ.
ހަމްރާއު އޭނަގެ އަތުގައި ހިފާލުމާއެކު ހޫރައިންއަށް ސިހިފައި
ބަލައިލެވުނެވެ. ހަމްރާއު އިނީ ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެންނެވެ.
ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އޭނަވެސް އަނެއް ފަރާތުން ބޭރު
ބަލަން ފެށި އެވެ.
"ހަނދާންކުރާތި ދައްތަ މިދޭ ނަސޭހަތް. ހޫރައިން ތީ ހަމްރާއުގެ ދެވަނަ
އަނބިމީހާ. އުމުރުން ހަގުވިއަސް ހޫރައިން ވާން ވާނީ ވިސްނުންތެރި އަނބިމީހާއަށް.
ތާކުންތާކު ނުޖެހޭ ކަންކަމާ ޒުވާބުކޮށް ގޮތްދޫނުކޮށް އުޅެގެން ނުވާނެ.
އެއްވެސް ކަމަކާ އޭނަގެ ފުރަތަމަ އަނބިމީހާއާ އަޅުވާ މައްސަލަ ނުޖައްސާތި.
ރައިނާ އަކީ ހަމްރާއުގެ ފުރަތަމަ އަނބިމީހާކަން ހަނދާން ބަހައްޓާތި.
އަންހެންކުއްޖަކު އަލަށް ކައިވެނި ކުރާއިރު އެތަކެއް ހުވެފެން ދެކޭނެ. އެކީ
ދަރިން ލިބި، މުސްކުޅިވުމާއި ހަމައަށް މުސްތަގްބަލް ރާވާނެ. ރައިނާއަކީ އެފަދައިން
ހިޔާލުތައް ގެންގުޅޭނެ ކުއްޖެއް. އަދި މިއަދު އޭނަގެ ދިރިއުޅުމަށް އައި ބަދަލަކީ
އޭނަ ކުޑަކޮށް ވެސް އުންމީދުނުކުރާ ބަދަލަކަށް ވެދާނެ. އިތުރު މީހުންނާ ކައިވެނި
ކުރުމަކީ ގޯހެއް ނޫން. އެކަމަކު ރާއްޖޭގެ ސަގާފަތް އޮންނަ ގޮތުން ގޯސްވެފަ
އޮންނަނީ. ގިނަ މީހުންނަށް އިންސާފުވެރި ވެސް ނުވެވެނީ. އެކަމަކު ހަމްރާއުއަކީ
ރަނގަޅު ޒުވާނެއް. އޭނައަށް އިންސާފުވެރި ވެވިދާނެ ކަމަށް ދައްތައަށް ގަބޫލުކުރެވެނީ.
އެންމެ ފުރަތަމަކޮޅު ރައިނާގެ ފުށުން ހިތްހަމަނުޖެހޭ ކަންކަން ވެސް ފެނިދާނެ.
ހޫރައިން ވާނެ ރައިނާއަށް މާފުކުރަން. ރައިނާގެ އުނިކަންކަން ނުފެންނަ ކަންކަމަށް
ހަދަން. އެހީވެވެން އޮންނަ ވަގުތު އެހީވާން. ދެ މީހުން ހަމަހަމަކުރަން ހަމްރާއުއަށް
އެއްބާރުލުން ދޭން. އިންޝާﷲ ފުރަތަމަ އުނދަގޫ ކަމެއް ވިއަސް ފަހުން ހަމަޖެހޭނެ.
އަބަދުވެސް ދުއާކުރަންވާނެ ކައިވެނީގައި ބަރަކާތް ލެއްވުމަށް އެދި." ނަބީލާ
ދެއްކި ވާހަކަތައް ހޫރައިންގެ ހަނދާނަށް އަ އެވެ.
ހަމްރާއު ހޫރައިން ގެންދިޔައީ އޭނައަށްޓަކައި ހަމްރާއު
ހާއްސަކުރި މުޅިން އާ އެޕާޓްމެންޓަކަށެވެ. ހަގީގަތުގައި ހޫރައިން ހުރީ ހަމްރާއު އޭނަ ރައިނާގެ ގެއަށް ގެންދިޔަސް އެކަމަށް ވެސް ތައްޔާރުވެގެންނެވެ.
"މީ އަހަރުމެންގެ ގެ. އަން، މި އޮތީ ތަޅުދަނޑި،"
ގެއަށް ވަދެފައި ތަޅުދަނޑި ދިއްކޮށްލަމުން ހަމްރާއު ބުނެލި އެވެ.
ހޫރައިންއަށް ފުރަތަމަ ބަލާލެވުނީ އެ މޫނަށެވެ. ހަމްރާއުގެ
ތުންފަތުގައި ހިނިތުންވުމެއްވި އެވެ. އެވަގުތު ހޫރައިންއަށް ވެސް
ހިނިތުންވެލެވުނެވެ. އޭނަ އަތްދިއްކޮށްލާފައި ތަޅުދަނޑީގައި ހިފި އެވެ.
ހަމްރާއު އޭނަގެ ފޮށީގެ އަތްގަނޑުގައި ހިފާފައި
ގޮސް ކޮޓަރިއަކަށް ވަންތަން ފެނުނެވެ. ހޫރައިން ތަންކޮޅެއް ފަހަތުގައި ހުރީ
ވަށައިގެން ހޯދާ ބެލުމުގަ އެވެ.
ހުދު ފާރުތައް ފަޅުފިލުވާލާފައި ހުރީ ހަރުކޮށްފައިވާ
ދެތިން ކުރެހުމުންނެވެ. ސިޓިންރޫމްގައި ބަހައްޓާފައި ހުރި ގަދަ މުށިކުލައިގެ ސޯފާ ސެޓާއި
ފައިދަށުގައި ކްރީމްކުލައިގެ ކާޕެޓެއް އޮތެވެ. ސޯފާގައި އިންނައިރު ބެލޭނެހެން
އަނެއްފަރާތު ފާރުގައި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. ސޯފާތަކުގެ މެދުގައި ހުރި
ކުޑަ މޭޒެއްގެ މަތީ ރިމޯޓްތަކާ އެކު ބައެއް ފޮތްތައް ބަރިއަކަށް ބަހައްޓާފައި
ހުއްޓެވެ. ދުރުން ބަދިގެއަށް ނަޒަރެއް ދީފައި ހޫރައިން ދިޔައީ ހަމްރާއު ދިޔަ
ދިމާއަށެވެ.
ހުޅުވާފައި ހުރި ދޮރުން ވަންއިރު ހަމްރާއު ފެންނާކަށް
ނެތެވެ. އެކަމަކު އޭނަގެ ފޮށި ފާރު ކައިރީ ހުއްޓެވެ.
ކޮޓަރީގެ އެނދާ ދިމާ ފާރުގައި ހުރީ ގަދަ ނޫކުލަ އެވެ.
ދެން އެހެން ހުރިހާ ތަނެއްގައި ހުދެވެ. ތަންމަތި އަޅާފައި އޮތްއިރު އެނދުމަތީގައި
މަލުން ހިތެއް ޑިޒައިންކޮށްލާފައި އޮތެވެ. ހޫރައިން ގޮސް ރީތިވާ މޭޒު ކައިރިއަށް
ހުއްޓުނެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރެއް ދީފައި އެތާ ހުރި ޓިޝޫ ފޮށިން
ޓިޝޫއެއް ނަގައި މޫނުގައި ހުރި ދާތިކިތައް ހިއްކައިލި އެވެ. އެވަގުތު ހަމްރާއު
ފާހާނާއިން ނިކުތް އަޑަށް ކުޑަކޮށް ސިހިފައި ޓިޝޫ އަތުތެތެރެއަށް ބޮނޑިކޮށްލަމުން
އެދިމާއަށް އެނބުރެވުނެވެ.
"ހޫރައިން،" ހަމްރާއު ތުވާލިކޮޅުން މޫނު
ފުހެލާފައި އެދިމާއަށް އަންނަމުން ގޮވާލި އެވެ.
ތުވާލިކޮޅު އެތާ ހުރި ގޮނޑިމައްޗަށް އެއްލާލާފައި އޭނަ
ހޫރައިންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދާފައި ކައިރީގައި އިށީނދެލި
އެވެ.
"އަލްހަމްދުﷲ ފައިނަލީ ޔޫ އާ މައި ވައިފް،"
ހަމްރާއު ހޫރައިންގެ އަތުން ދޫކޮށްނުލާ އިނދެފައި އަނެއް އަތުން ދަތްދޮޅީގައި ހިފާ
ކުޑަކޮށް އުފުލާލައިފައި ހަތަރުކަޅި ހަމަކޮށްލަމުން ވާހަކަދެއްކި އެވެ.
"އަލްހަމްދުﷲ...ފައިނަލީ،" ހޫރައިން ލުއި
ހިނިތުންވުމަކާ އެކު އެއްބަސްވި އެވެ.
ހަމްރާއު އަތް ތިރިކޮށްލާފައި ހޫރައިންގެ އަތްތިލަ ގެނެސް އޭނަގެ
ކަކޫމަތީ ބާއްވާލައިގެން އިނގިލިތައް ދިރާސާކުރަން ފެށި ކަހަލަ އެވެ. ހޫރައިންއަށް
އިނދެވުނީ ހަމްރާއު މިކުރާ ކަމެއް ނޭނގިގެން އެދިމާއަށް ބަލަހައްޓައިގެންނެވެ.
"ދޭ ހެދުން ބަދަލުކޮށްގެން އަންނަން. އަހަރެން
މަޑުކުރާނަން،" ހަމްރާއު އިނދެ އިނދެފައި އިރުކޮޅަކުން ބުނެލި އެވެ.
އެހިސާބުން އޭނަގެ އަތުން ވެސް ދޫކޮށްލައިފައި ތެދުވެއްޖެ އެވެ.
ހޫރައިން ބޯޖަހާލައިފައި ގޮސް ފޮށީގައި ހިފާފައި އެނދާ ދިމާއަށް ގެންދަން ފެށި އެވެ. ހަމްރާއުއަށް އެތަން ފެނިގެން ފޮށި ނަގައިދީފައި
އެނދުމަތީގައި ބާއްވައި ހުޅުވައިދިނެވެ. ހޫރައިން އެއިން އަންނައުނު ނަގަން
ފެށުމުން އޭނަ ނިކުތީ ފެން ފުޅިއެއް ގެންނާށޭ ކިޔާފައި ބޭރަށެވެ.
ހޫރައިންގެ ސިކުނޑީގައި ސުވާލެއް އެނބުރެމުން ދިޔަ އެވެ.
އެކަމަކު އޭނަ ހުރީ އެއަށް އަޑެއް ދޭން ތައްޔާރަކަށް ނޫނެވެ. ފާހާނާގައި
އުޅުނުއިރު ވެސް އަދި ނިކުތްއިރު ވެސް ސިކުނޑިން އެކަމެއް ފިލައިގެނެއް ނުދިޔަ އެވެ.
"ކިހިނެއްވީ؟ އެއްޗެއް އަހަން ބޭނުންވީތަ؟"
ހޫރައިން ނިކުތް ގަޑީގައި ހަމްރާއު ވާހަކަދެއްކީ އަލަމާރި ކައިރީ ހުރެފަ އެވެ.
ބޮލަށް ޓީޝާޓެއް މަހަމުން އޭނަ އައިސް އެނދުގެ އަރިމަތީ
އިށީނެވެ. ހޫރައިން ދެކޮޅުހަދަން ބޭނުންވެފައި ކަހަލަ ގޮތަކަށް ބަލަން ހުރެލާފައި
ތިރީ ތުންފަތުގައި ދަތް އަޅައިލި އެވެ.
"ކަމަކާ ވިސްނާތީ މިހެން ތި ހުންނަނީ،" ހަމްރާއު
ތެދުވެފައި ހޫރައިންގެ ދެ ބުމަ ދޭތެރެއަށް އަރާފައިވާ ރޫތައް އިނގިލިން
ރީތިކޮށްލަދިނެވެ.
ދެން ކުޑަކޮށް މޫނު ތިރިކޮށްލާފައި އެ މޫނަށް ރަނގަޅަށް
ބަލާލައިފި އެވެ. ހޫރައިންއަށް ހަދާނެ ގޮތެއް ނޭނގިގެން ލޯމަތީ އަތްއަޅައިލެވުނެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ހަމްރާއުގެ ދެއަތުތެރޭ އޭނަ ހައްޔަރުވިކަން އިހްސާސްވި އެވެ.
އެ ހަށިގަނޑުގެ ހޫނާއި އެ ޖިސްމުން ދުވާ މީރު ވަސް އެހާ ގާތުން ފުރަތަމަ ފަހަރަށް
ތަޖުރިބާކޮށްލަން ލިބުނީ އެވެ.
"ހަނީމޫނަށް ކޮންތާކަށް ދާން ބޭނުންވަނީ؟"
ހަމްރާއު އެ ހުރި ގޮތަށް ހުރެގެން އެހި އެވެ.
"ހަނީމޫނަށް ދެވޭތަ އަހަރުމެނަށް؟" ހޫރައިންއަށް
މިފަހަރު އެ ސުވާލު ހިފަހައްޓައިގެން ނުހުރެވުނެވެ.
އޭނަ އަތް ތިރިކޮށްލާފައި ހަމްރާއުގެ ކޮނޑުގައި ހިފައިލީ
އަންނަން އޮތް ޖަވާބަކަށް ތައްޔާރުވުމުގެ ގޮތުން ކަހަލަ އެވެ.
"ކީއްވެ ތިހެން ތިބުނީ؟" ހަމްރާއު
ދުރަށްޖެހިލައި ހޫރައިންގެ މޫނަށް ބަލައިލި އެވެ. އަނެއްކާވެސް ގެންގޮސް އެނދުގައި
ބައިންދާފައި އިށީނދެލީ އޭނައާ ކުރިމަތިލައިގެން ކައިރީގަ އެވެ.
"އެއިރުން ފެމެލީ؟" ހޫރައިން އޮޅުންފިލުވަން
ބޭނުންވި އެވެ.
"ތިވެސް އަހަރެންގެ ފެމެލީއެއްނު. ރަނާ ހުންނާނެ އޭނަ
މަންމަ ކައިރީ،" ހަމްރާއު ހީވީ އާދައިގެ ވާހަކައެއް ބުނެލިހެންނެވެ.
"ޝީ ވިލް ބީ ސޭޑް. ރަނާގެ މަންމަ..." ހޫރައިން
ކަންބޮޑުވެގެން އިސްޖެހި އެވެ.
"ޝީ ވިލް ބީ ފައިން،" ހަމްރާއު ޔަގީންކަން
ދިނެވެ.
"އަހަންނަކަށް ނުކިޔައިދޭނަންތަ އޭނަ އެއްބަސްކުރުވި ގޮތެއް؟"
ހޫރައިން އެ މޫނަށް ބަލާލައިފައި އަވަހަށް އަނެއްކާވެސް ނަޒަރު ވަކިކޮށްލި އެވެ.
"ކާކު ބުނީ އޭނަ އެއްބަސްވެގެން ވީ ކަމެކޭ މީ؟"
ހަމްރާއުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެލާފައި ފިލި އެވެ.
ދެން؟" ހޫރައިންއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނަ ހުރީ
އެއްފަހަރާ އެތައް ސުވާލެއް ކުރަން ތައްޔާރަށެވެ. އެކަމަށް ހުރަސްއެޅީ ހަމްރާއު ދެން
ބުނި ވާހަކަ އެވެ.
"އެހެން ވަގުތަކަށް ތި ވާހަކަ ބައްވާ!" ހަމްރާއު
ހޫރައިންގެ އަތުގައި ހިފާލައިފައި ގެނެސް އިނގިލިތަކުގައި ބޮސްދިނެވެ.
(ނުނިމޭ)
ވާހަކަ: މިތުރާ މަގޭ - އަށާރަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ