ޑި ބްރޭނާ އަށް އިންޓަ މިއާމީން ވެސް ޝައުގުވެރިވޭ ޑި ބްރޭނާ އަށް އިންޓަ މިއާމީން ވެސް ޝައުގުވެރިވޭ

ލަންޑަން (އޭޕްރީލް 14) - ދިހަ އަހަރަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމާފައިވާ ބެލްޖިއަމްގެ ޕްލޭމޭކަރު، ކެވިން ޑި ބްރޭނާގެ ސޮއި ހޯދަން ޑޭވިޑް ބެކަމްގެ ކްލަބް، އިންޓަ މިއާމީން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސިޓީއާ އެކު، ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޑި ބްރޭނާ، 33، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ މި ސީޒަނުގެ ނިޔަަލަށެވެ. ޑި ބްރޭނާއާ އެކު، ސިޓީން އެއް އަހަރުގެ އެއްބަސްވުމެއް ހަދަން ކޮންމެ ވެސް ވަރަކަށް މަޝްވަރާ ކުރި ނަމަވެސް، އެ ކަންކަން މަޑުޖެހި، އޭނާ އެ ކްލަބް ދޫކޮށްލަން ނިންމީ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ލިއޮނަލް މެސީ ކެޕްޓަންކަން ކުރަމުން އަންނަ އިންޓަ މިއާމީގެ އިތުރުން ޑި ބްރޭނާގެ ސޮއި ހޯދުމުގެ ރޭހުގައި އުޅެނީ ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގުގެ) ކްލަބްތަކުންނެވެ.
"އިންޓަ މިއާމީން ޑި ބްރޭނާ އަށް ވަރަށް ޝައުގުވެރިވޭ. ސީޒަން ނުނިމެނިސް ވެސް އިންޓަ މިއާމީން ޑި ބްރޭނާއާ މަޝްވަރާތައް ފެށުމުގެ ފުރުސަތު އެބައޮތް،" އިންޓަ މިއާމީގެ އޮފިޝަލަކާ ހަވާލާދީ އެމެރިކާ ނޫހެއްގައި ރިޕޯޓްކޮށްފައިވެ އެވެ.
ޖަރުމަނުގެ ކުލަބް، ވުލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ.
ސިޓީގައި މި ވަގުތު ޑި ބްރޭނާ ހުރީ ހަފްތާ އަކު، 420،000 ޑޮލަރު ލިބޭ ގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ޑި ބްރޭނާ އަށް ދެ ސީޒަނަށް ޖުމްލަ މުސާރަ 80 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއް ދޭން ވެސް ތައްޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ