މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވިގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި، ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ވަޑައިގަތުމަށް ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވާފައިވެއެވެ. މި ދަތުރުފުޅުގައި ޑރ. ޞަލާޙުލްބުދައިރު އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން ޢާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި، އިސްލާމީ މުއައްސުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޑރ. ޝަހީމް ފާހަގަކުރެއްވިގޮތުގައި، މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެއްކަމަށާއި، މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނަކީ އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެވަޑައިގެންވުމުގެ ކަންކަން ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ އިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީ އަހުދު މުޙައްމަދު ބުން ސަލްމާނަށް ޝުކުރު ދަންނަވަމެވެ. އަދި ޒިޔާރަތުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމުގައި ޑރ. ޝަހީމް ވަނީ ޝުކުރު ދަންނަވާފައެވެ.
މަދީނާގެ ޙަރަމްފުޅުގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ