މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ

އިސްލާމިކް މިިނިސްޓްރީން ދިން ދައުވަތަކަށް މަދީނާގެ ހަރަމްފުޅުގެ އިމާމު ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ހުއްދަ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުއްއަޒީޒު އައްސައުދީ ހުއްދަ ދެއްވައިފި އެވެ.
ވީކިިހިނެއް؟ - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ލިޔުއްވި ގޮތުގައި އެއީ ރައީސް މުހައްމަދު މުއިއްޒުގެ ލަފާގެ ދަށުން އިސްލާމީ އުންމަތުގެ އިސް ޝަހުސިއްޔަތު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން އެރުވި ދައުވަތެކެވެ.
ތަފްސީލް - ޝަހީމްގެ ޕޯސްޓްގައި ލިޔުއްވި ގޮތުގައި މަދީނާ ހަރަމްފުޅުގެ އިމާމުގެ ދަތުރުފުޅުގައި ހަމަޖެހިފައިވާ ކަންކަމަކީ:
އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުން
އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުން
ދިވެހި ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުން
ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުން
އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުން
ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ޑރ. ސަލާހުއްބުދައިރު ވަޑައިގަންނަވާ އިރެއް ޝަހީމް ލިޔުއްވާފައެއް ނުވެ އެވެ.
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެވަޑައިގެންވުމުގެ ކަންކަން ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީ އަހުދު މުހައްމަދު ބުން ސަލްމާނަށް ޝުކުރު އަދާކުރައްވާ ކަމަށް ޝަހީމް ލިޔުއްވި އެވެ.
ފާހަގަކުރެވޭ - މިއީ ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަތީ މީގެ 40 އަހަރު ކުރިންނެވެ. އެ ގޮތުން:
ހަރަމްފުޅެއްގެ އިމާމަކު ފުރަތަމަ ރާއްޖެ ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް
އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައަމަދު އައްސުބައްޔިލް
ޝަހީމް ވިދާޅުވި ގޮތުގައި މި ފަހަރު ވަޑައިގަންނަވާ އިމާމަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. އަދިު އިސްލާމީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ