ވިސާ ނެތް 83 ބިދޭސީން އައްޑުއިން ހިފަހައްޓައި، އެމީހުންނަށް ވަޒީފާ ދިން 75 މީހަކަށް ނޯޓިސްދީފި
"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި އިމިގްރޭޝަނުން އައްޑޫ ސިޓީގައި އިއްޔެ ހިންގި ރެއިޑް ހަރަކާތުގައި 678 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި، އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދާ 83 މީހަކު ހިފަހައްޓައިފިއެވެ. އިމިގްރޭޝަނުން އައްޑޫގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަކީ، އެ ސިޓީގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގާނޫނީ ގޮތުން ހަމަމަގަށް އެޅުވުމަށް ހިންގި ޚާއްސަ މަސައްކަތެކެވެ. އިއްޔެ އެ އޮޕަރޭޝަން ހިންގީ ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށެވެ. "އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި އިމިގްރޭޝަނުން އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން އެ ހަރަކާތުގައި އިމިގްރޭޝަންގެ ޓާސްކް ފޯހުގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންއާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވިއެވެ. މިއީ އައްޑޫ ސިޓީގައި އެ މުއައްސަސާއިން ކުރިޔަށް ގެންދިޔަ މި ފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ. https://sun.mv/207753 އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގެ ތެރެއިން ވިސާ ނެތި އުޅެމުންދިޔަ 83 ބިދޭސީން ހިފެހެއްޓިއިރު، އެ މީހުން ލައްވައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުވާ 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށެވެ. ވިސާނެތި އުޅޭ ބިދޭސީން ފުރުވައިލުމުގެ ކުރިން އެ މީހުން ބައިތިއްބަނީ މާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައެވެ. އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނަކަށްވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ. "އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި އިމިގްރޭޝަނުން އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ޓަކައި އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚާއްސަކޮށްގެން ރެއިޑު އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ. ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ އަދި ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. މި ކަން ހައްލުކުރުމަށް ޓަކައި އިމިގްރޭޝަނުން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމާއި، ގާނޫނުގެ ދަށުން އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ މީހުން ލައްވައި ނުގަވާއިދުން މަސައްކަތް ކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ