އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި ދުވަހު ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 67 އަށް އަރައިފިއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 21 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު ކަމަށް ބެލެވޭ ސަމަރ ކޭމްޕެއްގެ އަންހެން ކުދިން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ތިންވަނަ ދުވަހަށް ދިގުދެމިފައެވެ.
އެންމެ ބޮޑަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ޓެކްސަސް ހިލް ކަންޓްރީގެ ކެރް ކައުންޓީގެ ޝެރިފް ލެރީ ލެއިތާ ވިދާޅުވި ގޮތުގައި، އެ ކައުންޓީގައި އެކަނިވެސް 59 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 21 ކުޑަކުދިން ހިމެނެއެވެ. ޝެރިފް ލެއިތާ އިތުރަށް ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ގުއަޑަލޫޕް ރިވަރު ކައިރީގައި ހުރި ސަމަރ ކޭމްޕަކުން 11 އަންހެން ކުދިންނާއި އެއް ކައުންސެލަރު އަދިވެސް ގެއްލިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ މިނިވަން ދުވަހު ޓެކްސަސްގެ މެދު ސަރަހައްދަށް ވަރަށް ބޮޑަށް ވާރޭވެހި، ގުއަޑަލޫޕް ރިވަރުގެ ފެން ބޭރުވެގެންދިއުމުގެ ސަބަބުންނެވެ. އެހެން ކައުންޓީތަކުންވެސް މަރުތައް ރިޕޯޓުކޮށްފައިވެއެވެ. ޓްރެވިސް ކައުންޓީގެ އޮފިޝަލެއް ވިދާޅުވި ގޮތުގައި އެ ކައުންޓީގައި 4 މީހުން މަރުވެފައިވާއިރު، 13 މީހުން ވަނީ ގެއްލިފައެވެ.
ކެންޑަލް ކައުންޓީގައި އިތުރު އެއް މަރު ރިޕޯޓުކޮށްފައިވާއިރު، ބަރނެޓް ކައުންޓީ ޝެރިފްގެ އޮފީހުން ބުނެފައިވަނީ އެ ކައުންޓީގައި ދެ މީހުން މަރުވެފައިވާ ކަމަށެވެ. ޓޮމް ގްރީން ކައުންޓީގެ ސަން އެންޖެލޯ ސިޓީގައި އަންހެނެއްގެ ހަށިގަނޑު ފެނިފައިވަނީ ފެނުގެ އަޑީގައިވާ އޭނާގެ ކާރުންނެވެ.
ޝެރިފް ލެއިތާ ވިދާޅުވި ގޮތުގައި ކެރް ކައުންޓީގައި އަދިވެސް 18 މީހުންނާއި 4 ކުޑަކުދިން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދެއެވެ. ނަމަވެސް މި 22 މީހުން 59 މަރުގެ ތެރޭގައި ހިމެނޭކަން ނުވަތަ ނޫންކަން އޭނާ ސާފުކޮށް ވިދާޅެއް ނުވިއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު 850 އަށްވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވެއެވެ. މީގެ ތެރޭގައި ގަސްތަކުގައި ހިފަހައްޓައިގެން ތިބި މީހުންވެސް ހިމެނެއެވެ. މި ސަރަހައްދަކީ ސަން އެންޓޯނިއޯއިން 140 ކިލޯމީޓަރު (85 މޭލު) އުތުރު-ހުޅަނގުގައިވާ ސަރަހައްދެކެވެ. ކުއްލިއަކަށް އައި ވިއްސާރައިގައި މި ސަރަހައްދަށް 38 ސެންޓިމީޓަރު (15 އިންޗި) އަށްވުރެ ގިނައިން ވާރޭވެހުނެވެ. އަދިވެސް މި ސަރަހައްދުގައި ކިތައް މީހުން ގެއްލިފައިވާކަން ސާފުކޮށް އެނގިފައެއް ނުވެއެވެ.
"މުޅި މުޖުތަމަޢު މިވަގުތު ވޭނުގައި" ކަމަށް ޝެރިފް ލެއިތާ ނޫސްވެރިންނަށް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހާދިސާއަކީ ބޮޑު ކާރިސާއެއްކަމަށް އިޢުލާނުކުރައްވާފައެވެ. މިއާ ގުޅިގެން އާދީއްތަ ދުވަހު، ފެޑެރަލް އިމަރޖެންސީ މެނޭޖްމަންޓް އޭޖެންސީ (ފެމާ) އެކްޓިވޭޓްކޮށް، ޓެކްސަސްގެ ފުރަތަމަ އިޖާބަދޭ ފަރާތްތަކަށް ވަސީލަތްތައް ފޯރުކޮށްދޭން ފަށާފައިވާކަމަށް އެ ގައުމުގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބަޔާނެއްގައި ބުނެފައިވެއެވެ.
އެމެރިކާގެ ކޯސްޓް ގާޑުގެ ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތައް ވެސް ވަނީ މީހުން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ. ކުރިން ރައީސް ޓްރަމްޕް ވަނީ ގުދުރަތީ ކާރިސާތަކަށް އިޖާބަދިނުމުގައި ފެޑެރަލް ސަރުކާރުގެ ދައުރު ކުޑަކޮށް، އިތުރު ޒިންމާތަކެއް ސްޓޭޓްތަކުން ނެގުމަށް ރޭވުންތަކެއް އެކުލަވާލާފައެވެ.
ބައެއް މާހިރުން ސުވާލު އުފައްދާފައިވަނީ ޓްރަމްޕް އިދާރާއިން ފެޑެރަލް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ސަބަބުން، ނެޝަނަލް ވެދަރ ސަރވިސް ބަލަހައްޓާ އިދާރާއަށްވެސް އޭގެ އަސަރުކޮށް، މި ފެންބޮޑުވުމުގެ ނުރައްކާތެރިކަން ސީރިއަސްކަމާއެކު ލަފާކޮށް، އެކަށީގެންވާ އިންޒާރުތައް ކުރިއާލާ ދިނުމަށް ހުރަސްއެޅުނު ކަމަށް ބެލެވިދާނެތޯއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ