ސައުދީ ސަރުކާރުން ރާއްޖެއަށް އައު ސަފީރެއް އައްޔަންކުރައްވައިފި

ސައުދީ އަރަބިއްޔާއިން ދިވެހި ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޔަހްޔާ ހަސަން އަލްގަތާނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް މިއަދު އަރުވައިފިއެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ، ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ. ފަތްކޮޅު އެރުއްވުމަށްފަހު ދެ ބޭފުޅުން ވަނީ ދެގައުމުގެ ގުޅުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ރައީސް ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދާއި އެ ގައުމުގެ ވަލީއުލް އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަލް ސައުދު ރާއްޖެއާ މެދު ބަހައްޓަވައި ގާތްކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ހައްޖުވެރިންނަށް އެތައް ތަކުލީފެއް ލުއިވި މައްކާ ރޫޓް އިނީޝިއޭޓިވްގައި މިއަހަރު ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ދިނުމުން ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއިން ލިބުނު ހޫނު މަރުހަބާ ފާހަގަ ކުރައްވައި ސަފީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެ ގައުމުގެ ގުޅުންތައް ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާނެ ކަމުގައި ސަފީރު ވަނީ ވިދާޅުވެފައެވެ. ސައުދީ ސަފީރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މަތުރެކް ބިން އަބްދުالله އަލް އަޖަލިން އަލް ދޮސާރީގެ ދައުރު ހަމަވުމުންނެވެ. https://sun.mv/207022 މިއަހަރު ރައީސް ވަނީ ސައުދީގެ ރަސްގެފާނުގެ ދައުވަތުފުޅަކަށް މައްކާއަށް ވަޑައިގެން ހައްޖުގެ އަޅުކަން އަދާކުރައްވައިފައެވެ. މި ދަތުރުފުޅުގައި ސައުދީގެ ވަލީއަހުދާއި އެ ގައުމުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއެވެ. ސައުދީގެ ޝާހީ އާއިލާގެ 'ޕްރިންސް'އަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް، އެ މީހާއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ 'ޕްރިންސް'އެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަނިކޮށް ރައީސް އޮފީސް ވެބްސައިޓުގައި މިކަމާ ގުޅޭގޮތުން ޝައިއިކުރި ޚަބަރު ވަނީ "ގެއްލިފަ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ