އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެމެރިކާގައި ޕެޓްރޯލްގެ އަގު 50 ޕަސެންޓް ބޮޑުވެއްޖެ
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގައި ޕެޓްރޯލުގެ އަގު 50 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި އީރާނަށް އިންޒާރުތަކެއް ދިނުމަށް ފަހު، އެ ގައުމާ ދެކޮޅަށް ހަނގުރާމައެއް ފެށީ މިދިޔަ ފެބްރުވަރީ މަހު 28ގައެވެ. އޭގެ ސަބަބުން އީރާނުން ވެސް އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާ ދޭން ފެށިއެވެ. އީރާނުން ރައްދު ހަމަލާ ދިނުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ ގިނަ ޝިޕްމެންޓުތައް އުފުލާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރިއެވެ. އޭގެ ސަބަބުން ތެޔޮ އުފުލުމަށް ބުރޫ އަރައި، ތެލުގެ އަގުތައް ވަނީ ރެކޯޑު އަގުތަކަށް އުފުލިފައެވެ. އެމެރިކާގެ އުޅަނދުތައް ބޭނުންކުރާ މީހުންނަށް ޚިދުމަތްތައް ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ އޮޓޯމޮބައިލް އެސޯސިއޭޝަން (އޭއޭއޭ)އިން ބުނި ގޮތުގައި، ފާއިތުވި ހަފުތާގައި އެ ގައުމުގައި ޕެޓްރޯލް ގެލަންއެއް ނުވަތަ 4.5 ލީޓަރުގެ ޕެޓްރޯލްގެ އަގު ވަނީ 4.48 ޑޮލަރަށް އުފުލިފައެވެ. އެއީ ހަނގުރާމައިގެ ކުރިން ޕެޓްރޯލް ލިބެން ހުރި އަގާ އަޅައިބަލާއިރު 50 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެމެރިކާގެ ރައީސް ޓްރަމްޕް: އެމެރިކާއިން ހަނގުރާމަ ފެށި ފަހުން، އެ ގައުމުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި -- ފޮޓޯ/ އޭޕީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ މެދުކަނޑާލަން މިދިޔަ މަހު އެއްބަސްވުމުން އެމެރިކާގައި ޕެޓްރޯލުގެ އަގު ގާތްގަނޑަަކަށް ދެ ހަފުތާ ވަންދެން ދަށަށް ދިޔައެވެ. ނަަމަވެސް ހަނގުރާމަ އަނެއްކާވެސް ފަށައިފައިވާތީ އާއި ހުރްމުޒް ކަނޑުއޮޅިން ބޯޓުތަކަށް ދަތުރުކުރެވޭނެ ކަމުގެ ޔަގީންކަން ކުޑަވާތީ، އަގު އަނެއްކާވެސް ވަނީ އުފުލިފައެވެ. "ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބޭނަމަ، އަގުތައް މައްޗަށް ދާނެ. ސަރުކާރަކުން ކޮންމެ އެއްޗެއް ބުނި ނަމަވެސް ހޮރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮންނަ ކޮންމެ ދުވަހަކު އަގުތައް އުފުލޭނެ." އެސް އެންޑް ޕީ ގްލޯބަލް އެނާޖީގެ ގްލޯބަލް ފިއުލް ރީޓެއިލްގެ ޑިރެކްޓަރު ރޮބް ސްމިތު ދަ އެސޯސިއޭޓެޑް ޕްރެސް ނިއުސް ވިދާޅުވިއެވެ. މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ވަނީ، ހަކަތައިގެ އަގު ބޮޑުވެ، ގައުމުގެ އިންފްލޭޝަން މަތިވުމުން ޓްރަމްޕްގެ ސިޔާސީ ހަޔާތަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައެވެ. އަދި އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ވެސް ވަނީ، ޓްރަމްޕަށް ރުހުން އޮތް މިންވަރު ދަށަށް ދާ ކަމަށް ދައްކައިފައެވެ. އަގުތައް އުފުލުމާ ގުޅޭ ގޮތުން ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ، އެއީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ވަންދެން ވަގުތީ ގޮތުން ކުރިމަތިވާ ކަމެއް ކަމަށެވެ. ނަމަވެސް ހަނގުރާމަ ނުނިމޭތީއާއި އަގުތައް އުފުލެމުންދާތީ ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނުމާ ގުޅިގެން އިއްޔެ ވެސް ތެލުގެ އަގު ހަ ޕަސަންޓަށް އުފުލިފައިވެއެވެ. https://sun.mv/221617 އެއީ އޭޕްރީލް މަހުގެ ކުރީކޮޅު އެމެރިކާ އާއި އީރާނުގެ ހަނގުރާމަ މެދުކަނޑާލުމަށް ހެދި އެއްބަސްވުމަށ އަމަލުކުރަން ފެށި ފަހުން ތެލުގެ އަގު މިވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ. ބައިނަލްއަގުވާމީ ބެންޗްމާކެއް ކަމަށްވާ ބްރެންޓް ކްރޫޑް އޮއިލް، 6.3 ޕަސަންޓް އިތުރުވެ ފީފާއެއްގެ އަގު ވަނީ 114.96 ޑޮލަރަށް އުފުލިފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކްރޫޑް އޮއިލް، 4.2 ޕަސަންޓަށް އުފުލި ތެޔޮ ފީފާއެއް 106.17 ޑޮލަރަށް ވަނީ އުފުލިފައެވެ. އެމެރިކާ ސަރުކާރުން މިހާރު ވަނީ އީރާނާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައިގެ އަސްކަރީ އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން އެޕިކް ރޭޖް" ނިންމާލާފައިވާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ