ސިރީއަށް ބޭނުންވާ އޭއައި މޮޑެލް އަމިއްލައަށް އިޚްތިޔާރުކުރުމުގެ ފުރުސަތު ދެނީ
އެޕަލްގެ އައިއޯއެސް 27 އަޕްޑޭޓާއެކު އައިފޯން ބޭނުންކުރާ ފަރާތްތަކަށް ސިރީއަށް ބޭނުންވާ އެހެން ތާޑް-ޕާޓީ އޭއައި މޮޑެލްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް އެކުންފުނިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ބްލޫމްބާގުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު އައިފޯން، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކުގައި އެޕަލްގެ އަމިއްލަ އޭއައިގެ އިތުރުން އެހެން ކުންފުނިތަކުގެ އޭއައި ވަސީލަތްތައް ބޭނުންކުރުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. https://sun.mv/220192 މި އައު ނިޒާމަށް އެޕަލްގެ އެތެރޭގައި "އެކްސްޓެންޝަންސް" ގެ ނަމުން ނަންދީފައިވާއިރު، މީގެ ސަބަބުން ސިރީގެ އިތުރުން ރައިޓިންގް ޓޫލްސް އާއި އިމޭޖް ޕްލޭގްރައުންޑް ފަދަ ފީޗާސްތަކުގައިވެސް އެމީހަކު ބޭނުންވާ އޭއައި މޮޑެލްއެއް ސެޓިންގްސް މެދުވެރިކޮށް ހިޔާރުކުރެވޭނެއެވެ. މިވަގުތު އެޕަލް އިންޓެލިޖެންސްގައި ހަމައެކަނި ޗެޓްޖީޕީޓީ ބޭނުންކުރެވުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ގޫގުލްގެ ޖެމިނައި އާއި އެންތްރޯޕިކް ފަދަ ކުންފުނިތަކުގެ އޭއައި މޮޑެލްތައްވެސް މީގެ ތެރެއަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. ޚަބަރުތައް ބުނާގޮތުގައި އެޕަލް އިން މިހާރުވެސް ދަނީ ގޫގުލް އާއި އެންތްރޯޕިކްއާއެކު މިކަމުގެ މަޝްވަރާތައް ކުރަމުންނެވެ. މި ބަދަލުގެ ސަބަބުން އެޕަލްގެ ދެ ބިލިއަނަށްވުރެ ގިނަ ޑިވައިސްތަކަށް އެހެން އޭއައި ކުންފުނިތަކަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާއިރު، މިއީ މިހާރު އޯޕަން އޭއައި (ޗެޓްޖީޕީޓީ) އަށް ލިބިފައިވާ ހާއްސަ އިމްތިޔާޒުތަކަށް އަންނާނެ ބޮޑު ލޮޅުމެއް ކަމަށްވެސް ފާހަގަކުރެވެއެވެ. މި އައު އަޕްޑޭޓާއެކު ސިރީގެ އަޑަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން ބޭނުންކުރާ އޭއައި މޮޑެލްއަކަށް ބިނާކޮށް ސިރީ ޖަވާބުދޭ އަޑު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ސިރީއަށް ހާއްސަ އެޕްލިކޭޝަނެއް އުފެއްދުމާއި، ކެމެރާ އެޕްގެ ތެރެއިން ސިރީ ބޭނުންކުރެވޭނެ ގޮތް ހެދުމާއި، އޭއައި ބޭނުންކޮށްގެން ފޮޓޯ އެޑިޓްކުރާ އައު ވަސީލަތްތަކެއް ތައާރަފްކުރުމަށްވެސް އެޕަލްއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން އެޕަލް ކުންފުނިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި އަހަރުގެ ފަހުކޮޅު ނެރޭ އައިއޯއެސް 27 އާއެކު މި ހުރިހާ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ބޮޑަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ