މައުލޫމާތު ހޯދަން ކަމަށް ބުނެ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު ބައެއް މީހުން 'އެބިއުސްކުރާ' ކަމަށް ނުވަތަ ނަހަމަ ގޮތުގައި ބޭނުން ހިފާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެފައިވަނިކޮށް އެފަދަ ކަމެއް ފާހަގަނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް އޮފީސް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ގިނަ އިދާރާތަކުން މައުލޫމާތު ފޯރުކޮށް ނުދޭ މައްސަލާގައި ނޫސްވެރިޔަކު ސުވާލުކުރުމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އެ ގާނޫނު އެކުލަވާލީ ހާއްސަ މަގުސަދެއް ހާސިލްކުރުމަށް ކަމަށާއި ގާނޫނު 'ހެޔޮ ގޮތުގައި ހިފާ' މީހުންނަށް ގާނޫނުގައިވާ ގޮތަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ހެޔޮ ނޫން ގޮތަކަށް ވެސް ގާނޫނުގެ ބޭނުން ހިފާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"އާރުޓީއައި [ރައިޓް ޓު އިންފޮމޭޝަން] ގާނޫނު ހެޔޮ ގޮތުގައި ހިފާ ފަރާތްތަކަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ފެނިގެން މި ދަނީ މިހާރަކަށް އައިސް އަމުދުން، އާރުޓީއައި ގާނޫނު އެބިއުސްކުރާ ތަން ވެސް އެބަ ފެނޭ،" އުޝާމް ވިދާޅުވި އެވެ.
ތަފްސީލް - އުުޝާމްގެ އެ ވާހަކަތަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފާކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.
"އުނދަގޫ ކުރުމުގެ ނިޔަތުގައި ހުށަހަޅާ ހުށަހެޅުންތައް މަދު ފަހަރެއްގައި ހުރެދާނެ. ނަމަވެސް އެއީ އާންމުވަމުންދާ ކަމެއް ނޫން،" އާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ހުށަހެޅުންތަކަށް ވުރެ، މައުލޫމާތު ހޯދަން އެދުމުން ދައުލަތުގެ އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީ ހަނު ތިބުން މާ ބޮޑަށް ވެސް އާންމު ކަމަށެވެ.
ފާހަގަކޮށްލެވޭ - ބައެއް މީހުން 'ޖެއްސުމަށް' މައުލޫމާތަށް އެދޭ ކަމާއި އެދޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތަކީ ހަރަދުތަކެއް ވެސް ހިނގާ ކަމަކަށްވާތީ އަގެއް ނަގައިގެން ނޫނީ މައުލޫމާތު ފޯރުކޮށްދޭން ނުޖެހޭ ގޮތަށް ހަދަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އާރުޓީއައި ގާނޫނު ނަހަަމަ ގޮތުގައި ބޭނުން ހިފާ ކަމަށް ފާހަގައެއް ނުކުރެވޭ: އިންފޮމޭޝަން ކޮމިޝަނަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ