”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ހާޒިރުކުރި ސ. މީދޫ/ އައިޝަތު އީޝާ އަޝްރަފަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފުލުހުން ދީފައިނުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މި ތަހުގީގަށް އީޝާ ރޭ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައިވާ އިރު، މިއަދު ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައެވެ. ޝަމީމް މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން އީޝާއަށް މައިގަނޑު ގޮތެއްގައި ތިން ސުވާލެއް ކޮށްފައިވާ ކަމަށެވެ. އެ ސުވާލުތަކަކީ ކޮބައިކަން ޝަމީމު ހާމަނުކުރެއްވި ނަމަވެސް، ސުވާލުގައި ފާހަގަކުރި ކަންކަމަށް އީޝާ އިންކާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ގަޒްފުކުރިކަމަށް ތުހުމަތުކުރަނީ ކާކު އެކަމެއް ކޮށްގެންތޯ ސުވާލުކޮށްފައިވާނެ ކަމަށާއި ނަމަވެސް އެ ސުވާލަކަށް ފުލުހުން ޖަވާބުދީފައިނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
”ދެން އަޅުގަނޑުމެން ދިފާއުގައި ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުދެއްވާ،“ އޭނާ ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ ބަޔާނުގައި ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ނުދިން ކަމަށް ފުލުހުން ފާހަގަކުރި ކަމަށާއި، މި މައްސަލައިގައި އީޝާގެ ބަޔާން ނިމުނީ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޝަމީމް ރޭ ވިދާޅުވެފައިވާ ގޮތުގައި، އީޝާ ބޭނުންވަނީ ހުރިހާ ތަފްސީލެއް ތަހުގީގަށް ކިޔައިދޭށެވެ. އީޝާއަކީ މި މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތެއް ނުވަތަ ވިކްޓިމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމަކަށް ވީ ގޮތް ވެސް މީޑިއާތަކަށް ހާމަކުރައްވާނެ ކަމަށް ޝަމީމު ވިދާޅުވެފައިވެއެވެ.
މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ކުށާއި ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުން ހިމެނޭ ގޮތަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އެ ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ އީޝާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. ”އަދަދު“ ނޫހަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 27 ގައެވެ.
އީޝާއަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިން ކަމަށް ވަކީލު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ