ލ. އަތޮޅުގައި ޓްރެއިނިން ރިޒޯޓު ތަރައްގީކުރުމަށް ޕްރިމިއަރ އެކުއިޓީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރިތާ 13 އަހަރުވީއިރުވެސް އެކަން ވެފައިނުވާތީ އެކަމުގެ ބަދަލު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަމު ދާއިރާގެ މެމްބަރު އަބްދުﷲ ވިސާމް ވަނީ ޕްރިމިއަރ އެކުއިޓީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 13 އަހަރުވީއިރުވެސް ޓްރެއިނިން ރިޒޯޓް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިނުވާތީ މިނިސްޓަރ މައުސޫމާއި އެކަމާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
މެމްބަރު ވިސާމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެކަމަކީ މިނިސްޓްރީގެ ކަންބޮޑުވުން އޮތްކަމެއް ކަމަށާއި ލ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުންނާއި އެންމެ ގިނައިން މަޝްވަރާކުރެވުނީ މިކަމާއި ގުޅޭގޮތުންކަމަށް ވިދާޅުވިއެވެ. އެކުންފުންޏަށް ގަމުންނާއި ބޮޑުފިނޮޅުން ދޫކޮށްފައިވާ ބިންތައް ތަރައްގީ ކުރެވިދާނެކަމަށް އެމެމްބަރުން ދެކިނުލައްވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް މަސައްކަތްކުރީ ކޯޓުން ބޭރުންކަމަށެވެ. އެހެންނަމަވެސް ބަދަލުގެ ގޮތުގައި ސަރުކާރުން ދިނުމަށް ބޭނުންވާ އަގާއި އެކުންފުނިން އެއްބަސްނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޯޓުން ބޭރުން އެކަން ކާމިޔާބުކުރެވިދާނެކަމާއިމެދު ސުވާލު އުފެދޭކަމެއްކަމަށް ވިދާޅުވިއެވެ.
"އެކުންފުނިން ދައުލަތަށް ދައްކާފައިވާ 2.7 މިލިއަން ޑޮލަރަށްވާ ބަދަލު ދޭނެ ގޮތެއް ވިސްނަންޖެހޭ، ވަކިކޮށްލެވިދާނެ. އެކަމަކު އެކަން ކުރުމުގެ ކުރިން ވިސްނަންޖެހޭ ކަންކަން އެބަހުރި. މިހާރު މިއޮތީ ދޭންޖެހޭ އެއްޗެއް ދީގެންވިޔަސް ވަކިކުރާ ހިސާބަށް ކަންކަން ގޮސްފައި"
ކައްދޫ އެއާޕޯޓް ހަގީގީ މާނައިގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްގީވަމުން އަންނައިރު އިންޓަނޭޝަނަލް ޓްރެއިނިން ކޮލެޖެއް ހުރުން މުހިންމު ކަމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށްވެސް މިފަދަ ތަނެއް ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.
އިތުރު މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެތައް ރަށްތަކެއް ނުހެދި ދިގުލައިގެން ދިޔަނަމަވެސް، ސަރުކާރުން އެމަސައްކަތުން ކުންފުންޏެއް ވަކިކުރާއިރު ދެންވެސް ސަރުކާރު ބަދަލު ދޭންޖެހުމަކީ އޮތް ގޮންޖެހުންކަމަށެވެ. ބިމެއް ތަރައްގީނުކުރެވި 13 އަހަރުވެގެންދާއިރު ދައުލަތަށް ދިމާވާ ގެއްލުމުގެ ބަދަލު ހޯދޭނެ ގޮތެއްވުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.
ޓްރެއިނިން ރިސޯޓު ނުހެދި 13 އަހަރު، ކޯޓުން ބޭރުން މައްސަލަ ހައްލެއްނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ