ރާއްޖޭގެ ތިން ސަރަހައްދެއްގައި ހުރިހާ ބަލިތަކަށް ފަރުވާ ކުރެވޭނެ ވަސީލަތް ގާއިމު ކުރާނަން: ގާސިމް

ރާއްޖޭން ބޭރަށް ދާން ޖެހޭ ދިއުން މަދު ކުރުމަށް، ރާއްޖޭގެ ތިން ސަރަހައްދެއްގައި ހުރިހާ ބަލިތަކަށް ފަރުވާ ކުރެވޭ ގޮތަށް ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ވަސީލަތްތައް ގާއިމް ކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ ޕާޓީން ކުރިޔަށް ގެންދިޔަ ހަރަކާތުގައި، ގާސިމް ވިދާޅުވީ ޖޭޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ޕާޓީން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ހާއްސަކޮށް ޒުވާނުން ކުރިޔަށް ދާން ބޭނުންވާ މަގުތައް ފަހިކޮށްދީ އެކަމަށް، ބޭނުންވާ މާލީ އެހީގެ މަގު ތަނަވަސް ކުރެވިގެން ދާނެކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޒުވާނުންނަކީ، މާލީ ގޮތުން ފުދުންތެރި ބަޔަކަށް ވާން ޖެހޭކަމަށާއި ޒުވާނުން ކުރިޔަށް ދާން ބޭނުންވާ ދާއިރާއަކުން ހުނަރުތައް ދިރުވައި އާލާ ކުރުމަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ތައުލީމީ ފެންވަރަށް ބަލައި، އެ ޒުވާނެއް އެއީ ވަޒީފާގެ ފުރުސަތުން މަހުރޫމްވެފައި ހުންނަ މީހަކަށް ވެގެން ނުވާނެކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ތައުލީމުގެ ފުރުސަތުތައް އެފަދަ ޒުވާނުންނަށް ހޯދައިދޭނެ ކަމަށެވެ.
މީގެއިތުރުން ގާސިމް ވަނީ، ޒުވާން އުމުރުގެ ކުދިން ވެސް ސިއްހީ ގޮތުން ތަފާތު އެކި ބަލިތަކާއި ކުރިމަތިލާން ޖެހި އެކަމުގެ އެހީއަށް ބޭނުންވެފައިވާކަން ފާހަގަ ކުރައްވާފަ އެވެ. ކޮންމެ މީހަކީ ވެސް އެ މީހެއްގެ ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ލިބެން ޖެހޭނެ މީހެއްކަމަށާއި ރާއްޖެއިން ބޭރުންނާއި ރާއްޖޭގައި ވެސް އެކަމަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައިދީ އެހީތެރިޔާއަށް ވެސް ބޭނުންވާ ހަރަދުތައް ހޯދައިދެއްވާނެކަމަށް ގާސިމް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހޭ އަދަދުތައް ދުވަހުން ދުވަހަށް ގިނަވަމުން އަންނައިރު، ގާސިމް ވިދާޅުވި ގޮތުގައި އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ހަރުދަނާ ވާން ޖެހެ އެވެ. އެހެންކަމުން، ރާއްޖޭން ބޭރަށް ދާން ޖެހޭ ދިއުން މަދު ކުރުމަށް، ރާއްޖޭގެ ތިން ސަރަހައްދެއްގައި ހުރިހާ ބަލިތަކަށް ފަރުވާ ކުރެވޭ ގޮތަށް ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށް ގާސިމް ވިދާޅުވި އެވެ. މިފަދަ ވަސީލަތްތައް ގާއިމު ކުރެވުމުން، ރާއްޖެއިން ބޭރަށް ދިއުން ފަދަ ދަތި އުނދަގޫތައް އުފުލަން ޖެހުން ކޮންމެވެސް ވަރަކަށް ކުޑަ ކުރެވިގެންދާނެކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ