ގްލާސްގޯ، ސްކޮޓްލެންޑް (އޮކްޓޫބަރު 28) - ކްލަބްގެ މޯޑު މެމްބަރުންނާ މައްސަލަތަކެއް ޖެހި، ސެލްޓިކްގެ ކޯޗުގެ މަގާމުން ބްރެންޑަން ރޮޖާސް އިސްތިއުފާދީފި އެވެ.
ކުރިން ސެލްޓިކްގެ ކޯޗުކަމާ ހަވާލުވެ، ރޮޖާސް، 52، ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަންގެ މެދުތެރެއިން ސެލްޓިކްގެ ކޯޗުކަން ދޫކޮށް، ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވެފަ އެވެ. އެކަމާ ގުޅިގެން ސެލްޓިކްގެ ސަޕޯޓަރުން ރޮޖާސްއާ މެދު ހިތްހަަމަނުޖެހުނެވެ. ލެސްޓާގެ ކޯޗުކަމުން ވަކިކުރުމުން، ރޮޖާސް އަލުން ސެލްޓިކަށް ދިޔައީ، 2023 ވަނަ އަހަރުގެ ޖޫން މަހުގައި، ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ތިން އަހަރުގެ ކޮންޓްރެކްޓް އެއްކޮށް ސެލްޓިކްގައި ފުރިހަމަކުރާނެ ކަމަށް ބުނި، ރޮޖާސް، އެ ޓީމު ދޫކޮށްލަން ޖެހުނީ، ކްލަބްގެ މެޖޯރިޓީ ހިއްސާދާރު، ޑާމޮޓް ޑެސްމޯންޑްއާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން، މައްސަލަ ހޫނުވެގެން ގޮހެވެ. ސެލްޓިކުން ރޮޖާސް ވަކިވިކަން އިއުލާނުކުރިތާ 15 މިނިޓް ފަހުން، ޑެސްމޯންޑް، އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރޮޖާސް، ބަހާއި އަމަލު ދިމާވެފައިނުވާ ކަމަށާއި ކްލަބްގެ މެދުގައި މައްސަލަތައް ގޮސްވާތީ އޭނާ މަގާމުން ވަކިވާން ޖެހުނީ ކަމަށެވެ.
ސެލްޓިކުން ވަގުތީ ކޯޗަކަށް ގެނައީ، ކުރިން އެ ޓީމަށް އިރުޝާދުދިން މާޓިން އޮނީލް އެެވެ. ދާއިމީ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ސެލްޓިކުން ފަށާފައިވާއިރު، އެ ކްލަބްގެ ލިސްޓުގައި އޮތް އެއް ނަމަކީ، މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގަައި، ޓޮޓެންހަމް ހޮޓްސްޕާސް އާއި ނޮޓިންހަމް ފޮރެސްޓުން ވަކިކުރި އޮސްޓްރޭލިއާގެ ކޯޗު، އަންޖް ޕޮސްޓެކޮގްލޫ އެވެ. އޭނާ އަކީ، ރޮޖާސް ހަވާލުވުމުގެ ކުރިން ސެލްޓިކްގެ ކޯޗެވެ.
މި ފަހަރުގެ ސްކޮޓިޝް ޕްރިމިއާޝިޕްގައި މި ވަގުތު ސެލްޓިކް އޮތީ އެއް ވަނައިގައި އޮތް ހާޓްސް އަށް ވުރެން އަށް ޕޮއިންޓް ފަހަތުގަ އެވެ.
އިތުރު ގޮތެއް ނެތުމުން ސެލްޓިކް ކޯޗުކަމުން ރޮޖާސް އިސްތިއުފާދީފި އިތުރު ގޮތެއް ނެތުމުން ސެލްޓިކް ކޯޗުކަމުން ރޮޖާސް އިސްތިއުފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ