ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ގެއްލުވާލުމުން 47 މިލިއަން ރުފިޔާ ދައްކަން އެގްޒޯޓިކްގެ މައްޗަށް ހުކުމެއް ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ގެއްލުވާލުމުން 47 މިލިއަން ރުފިޔާ ދައްކަން އެގްޒޯޓިކްގެ މައްޗަށް ހުކުމެއް

އެގްޒޯޓިކް އެންޓަޕްރައިޒަސް ލިމިޓެޑުގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުވާލި މައްސަލާގައި ދައުލަތަށް 47 މިލިއަން ރުފިޔާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މިއީ ވައިގެ މަގުން ގެނައި ސިނގިރޭޓުތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކެމަލް ޔެލޯ ބްރޭންޑުގެ 180 ކޭސް ސިނގިރޭޓާއި، މެންޗެސްޓާ ރެޑް ބްރޭންޑުގެ 300 ކޭސް ސިނގިރޭޓާއި އެމެރިކަން ލެޖެންޑުގެ 110 ކޭސް ސިނގިރޭޓެވެ.
އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްގައި މި ތަކެތި ބެހެއްޓި ނަމަވެސް 15 ކޭސް ފިޔަވައި އިތުރު ސިނގިރޭޓެއް ނެރުނުކަން ކަސްޓަމްސްގައި ރެކޯޑު ކޮށްފައި ނުވެ އެވެ. ވަގަށް ނެރުނު މުދަލުގެ ޑިއުޓީގެ ގޮތުގައި 47،182،011ރ. ދައްކަން ޖެހެ އެވެ.
އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެގްޒޯޓިކް އެންޓަޕްރައިޒަސްއިން ދައްކާފައި ނުވެ އެވެ.
ސިވިލް ކޯޓުން އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކުރީ އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.
މިފަދަ އިތުރު މައްސަލައެއް ވެސް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން އެމެރިކަން ލެޖެންޑް މަރުކާގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް މަރުކާގެ 130 ކޭސް ޕައިޕް ޓޮބޭކޯގެ ވަގަށް ނެރުނު މައްސަލާގައި 20.7 މިލިއަން ރުފިޔާ ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ