ސިގިރޭޓް ގެއްލުނު ކޭސްގައި ސިރުހާން ހިއްސާވާ ކުންފުނިން 47 މިލިއަން ދައްކަން ހުކުމެއް
އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނު މައްސަލައިގައި، އެ ކުންފުނިން، ދެ ހަފްތާތެރޭ 47 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނު މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން އޮތީ މީޑިއާގެ ސަމާލު ކަމަށް އައިސްފައެވެ. އެކަން ހާމަވީ، ދެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލަ އާއި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ވަގަށް ބޭލި މައްސަލައިގައި މަޖިލީހުގެ 241 ކޮމިޓީގެ ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. ބޮންޑެޑް ވެއާހައުސް އިން ސިނގިރޭޓު ނެރުނު މައްސަލައިގައި، އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ރަޖިސްޓްރީ ވެސް އޮތީ ކުރިން ބާތިލުކޮށްފައެވެ. ގިނަ އަދަދެއްގެ ސިގިރޭޓް ގެއްލުނު މައްސަލައިގައި، ސިވިލް ކޯޓުން ހޯމަ ދުވަހު ހުކުމް ކުރީ، 47،182،011 ރުފިޔާ، ދެ ހަފްތާތެރޭގައި ދައުލަތަށް ދައްކާށެވެ. މި ހުކުމް ކުރީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ. ހުކުމް ކުރެއްވީ ފަނޑިޔާރު އައިޝަތު އަޒްފާ އަބްދުލްގަފޫރެވެ. އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނުކަން އެނގުނީ އެ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު ކަސްޓަމްސް އަށް އަންގައި އޭގެ ފަހުން ސްޓޮކް ގުނުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްވަނީ ކުރިން ވިދާޅުވެފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ދުރާލައި ރާވައިގެން ހިންގި "ޖަރީމާ" އެކެވެ. ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުންނަށް ތިބީ މުހައްމަދު ޝަރީފާއި އަބްދުލް އަހަދު އަދުނާނެވެ. އެ މީހުން އެ ކުންފުނީގެ ޑިރެކްޓަރުންނަށް އައްޔަންކުރީ ޖެނުއަރީ 14، 2024 ގައެވެ. ބޮންޑެޑް ވެއާ ހައުސްއަށް އަށް އެ ކުންފުނީގެ ދަށުން ހުއްދަ ދީފައި އޮތީ ނޮވެމްބަރު 2023 ގައެވެ. ކޯޓު އަމުރަކުން ހުއްޓުވައި، ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިޒަސް ކިޔާ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާންއަށް ދީފައިވާކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ހޯދުންތަކުންވަނީ އެނގިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ