އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ދިރާސާ ކޮށް ލަސްނުވެ ފަރުވާދޭން ޖެހޭ: މެޑަމް ސާޖިދާ

އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ދިރާސާ ކޮށް ލަސްނުވެ ފަރުވާދޭން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވެފައިވަނީ އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ އެޕިސޯޑު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
އެގޮތުން ސާޖިދާ ވަނީ ފަރުވާދިނުމުގައި ހުރި ފުރުސަތުތަކާއި ބަލި ދެނެގަތުމުގެ އުކުޅުތަކާއި އެންމެ ފަހުގެ ދިރާސާތަކާމެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިހުތިޔާރެއް ނޫންކަމަށާއި އެއީ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން އެންޑޯމެޓްރިއޯސިސް ބަލި ތަހައްމަލުކުރަމުންދާ އަންހެނުންގެ ވިލުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްލާ ސާޖިދާ ވިދާޅުވީ އެފަދަ އަންހެނުން ގެވެށި ޒިންމާތައް އަދާކުރަމުންދަނީ އިންތިހާ ވޭން ތަހައްމަލުކުރަމުންކަމަށާއި، މި ބަލީގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކާ ކުރިމަތިވާކަމަށެވެ.
އެއާއެކު ސާޖިދާ ވަނީ މިފަދަ ބަލިތައް ދުރާލާ ދެނެގަނެ ފަރުވާ ދިނުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ސާޖިދާ ވިދާޅުވީ އެންޑޯމެޓްރިއޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމަށް ދޭ ފަރުވާ އާސަންދައިގައި ހިމެނުއްވުމަކީ ހަމަހަމަގޮތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލާ މައްސަރުކަންތަކާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވަމުން ސާޖިދާ ވިދާޅުވީ އަންހެނުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިބެން ޖެހޭ ކަމަށާއި އެކަށީގެންވާ މައުލޫމާތު ތަކާއި ހޭލުންތެރިކުރުވުމުގެ ކަންކަން ކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ