ޔުނައިޓެޑުން ބެލްޖިއަމްގެ ކީޕަރު ލަމެންސް ގަންނަން އެއްބަސްވުމަކަށް ޔުނައިޓެޑުން ބެލްޖިއަމްގެ ކީޕަރު ލަމެންސް ގަންނަން އެއްބަސްވުމަކަށް

މެންޗެސްޓާ (ސެޕްޓެމްބަރު 1) - ބެލްޖިއަމްގެ ރޯޔަލް އަންޓްވާޕް އަށް ކުޅެމުން އަންނަ ގޯލްކީޕަރު، ސެން ލަމެންސް ގަންނަން އެ ކްލަބާ އެކު، މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ޔުނައިޓެޑްގެ ގޯލްކީޕަރުންގެ ގޮތުގައި ހުރި ކެމަރޫންގެ އަންދްރޭ އޮނާނާ އާއި ތުރުކީގެ އަލްޓޭ ބަޔިންދީރަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްގެ އިތުބާރު ނެތް ކަމަށް މީގެ ކުރިން ދައްކާފައިވާ ވާހަކަތަކުން ހާމަވެ އެވެ. މި ސީޒަނަށް ޔުނައިޓެޑުން ގޯލްކީޕަރެއް ހޯދާނެ ކަމަށް ކުރިން ބެލެވުނުއިރު، އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އާއި ޕީއެސްޖީގެ ޖިއަންލުއީޖީ ޑޮނަރުންމާ ގެންނަން ޔުނައިޓެޑުން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ.
އެކަމަކު، ސީޒަން ފެށިގެން ޔުނައިޓެޑުން ތިން މެޗު ކުޅުނު ފަހުން، ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު، ޔުނައިޓެޑުން މި ވަނީ، 20 މިލިއަން ޑޮލަރު ދީފައި، 23 އަހަރުގެ ލަމެންސް ގަންނަން ނިންމައިފަ އެވެ.
ތިބޯ ކޯޓުއާ އަށް ފަހު ބެލްޖިއަމްގެ ގައުމީ ޓީމުގެ ގޯލު ބަލަހައްޓާނެ ކަމަށް ބެލެވޭ ލަމެންސް އަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެކެވެ. މީގެ ދެ އަހަރު ކުރިން، އޭނާ އަންޓްވާޕަށް ސޮއިކުރީ ކްލަބް ބްރޫޖް ދޫކޮށް ހިލޭ ޓްރާންސްފާއެއްގަ އެވެ. އެ ޓީމަށް 64 މެޗު ކުޅެދިން ލަމެންސް ވަނީ އެ ކްލަބާ އެކު، ބެލްޖިއަމް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
ޓްރާންސްފާގެ ފަހު ދުވަހު ޔުނައިޓެޑުން އަންނަނީ ޖޭޑަން ސަންޗޯ އާއި ވިކްޓަ ލިންޑެލޯފް އެސްޓަން ވިލާ އަށް ދޫކޮށްލުމުގެ އިތުރުން، ރެއާލް ބެޓިސް އަށް އެންޓޮނީ ވިއްކާލާނެ ޑީލެއް ނިންމަން މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ