ފުވައްމުލަކަށް ދޫކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ފުވައްމުލަކަށް މިހާރު ދޫކުރާ ފެނަކީ ރައްކަތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
އެ ޓެސްޓުތަކުގެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
ފެނަކައިން މިހަރު ދޫކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުވައްމުލައް ސިޓީގެ މޭޔަރު އަދި ކައުންސިލަރުން ވަނީ ފެނަކައިން ފެން އުފައްދަ ފެން ޕްލާންޓަށް ޒިޔާރަތްކޮށް ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފަ އެވެ.
ފުވައްމުލައް ސިޓީ މިވަގުތު އޮތީ ފެނަށް ޖެހިފައި ކަމަށާއި އެ މައްސަލައަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ މިއަދު ވިދާޅުވެފަ އެވެ.
އެ ސިޓީގައި 1500 ޓަނުގެ ދެ ފެން ޕްލާންޓް ބެހެއްޓުމަށް މީގެ ކުރިން ވެސް ރާވާފައިވާ ކަމަށާއި އެކަށީގެންވާ ހައްލެއް ލިބޭނީ އެ ޕްލާންޓުތައް ބެހެއްޓުމުން ކަމަށް މޭޔަރު ވިދާޅުވި އެވެ. އެއީ ގިނަ ގެސްޓުހައުސްތަކެއް ވެސް ސިޓީގައި ހުޅުވަމުން ދިޔުމާއި އާންމުން ވެސް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ފުވައްމުލަކުގައި މިވަގުތު 150 އަށް ވުރެ ގިނަ ޓޫރިސްޓުން ވެސް އެބަ ތިބި ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ. އެ ރަށަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށެވެ.
ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަގައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ޝަކުވާ ތަކާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.
ފުވައްމުލަކަށް ދޫކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ކައުންސިލުން ބުނެފި ފުވައްމުލަކަށް ދޫކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ކައުންސިލުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ