ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީއަށް 10 މުވައްޒަފުން ހޯދަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީއަށް އެވްސެކް ޓްރެއިނީން ހޯދުމަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އިއްޔެ އިއުލާނުކޮށްފިއެވެ. އެ އިއުލާނުގައި ވަނީ، އެވްސެކް ޓްރެއިނީންގެ މަގާމަށް 10 މީހުން ބޭނުންވާ ކަމަށް ބުނެ، އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައެވެ. މިގޮތުން، އެ މަގާމަށް ކުރިމަތިލެވެނީ، 18 އަހަރުވެ، 35 އަހަރު ނުފުރޭ މީހުންނަށް ކަމަށްވާއިރު، އެ މީހެއްގެ ފަސް ފޫޓު ވެސް ހަމަވާން ޖެހެއެވެ. އިއުލާނުގައި ބުނި ގޮތުގައި، އެ މަގާމަށް ހޮވޭ މީހުންނަށް މަހަކު 7،670 ރުފިޔާ މުސާރައަށް ލިބޭއިރު، މަގާމުގެ އެލަވަންސްގެ ގޮތުގައި 2،300 ރުފިޔާ ލިބެއެވެ. މީގެއިތުރުން، ޑިއުޓީއަށް ނިކުންނަ ކޮންމެ ދުވަހަކަށް 160 ރުފިޔާ ލިބޭއިރު، އިތުރު ގަޑީގެ ފައިސާއާއި ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބެއެވެ. ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީއަށް 10 މުވައްޒަފުން ހޯދަނީ -- ފޮޓޯ/ އެމްއޭސީއެލް އެ މަގާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، އޯލެވެލްގެ ދެ މާއްދާއިން ދަށްވެގެން ސީއެއް ލިބިފައިވުމާއެކު، ދިވެހިން ދަށްވެގެން ސީއެއް ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލްގެ ސެޓްފިކެޓު ތިނެއް އޮތުން ހިމެނެއެވެ. އެ އިއުލާނުގައި ވަނީ، އެ މަގާމަށް ކުރިމަތިލާ މީހުންގެ ތަޖުރިބާ އާއި ތައުލީމަށް ބަލައި،އެ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ މީހުން ޝޯޓް ލިސްޓު ކުރެވޭނެ ކަމަށެވެ. އެ މަގާމަށް އެދި ފޯމު ހުށަހެޅޭނީ އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން އެންޑް ޕޯޓްސް ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓަސްއަށެވެ. އެއާއެކު، އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޓެސްޓު އޮންނާނީ މި މަހު 19އާއި 30އާ ދެމެދުގައެވެ. ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި, އިންޑިއާއިން ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫގައި ތަރައްގީ ކުރި ޒަމާނީ އެއާޕޯޓް ހުޅުވީ, މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ. މި އެއާޕޯޓު ހުޅުވީ، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގައެވެ. އެ އެއާޕޯޓުގެ 2،465 މީޓަރު ދިގު ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލްއެއް ވަނީ ތަރައްގީކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ