ފަލާހް ލާދީނީއަށް ގޮވުމުން އެމްޑީޕީން ކަންބޮޑުވެއްޖެ، އަބްދުއްރަހީމް ވިދާޅުވީ ހުއްޓުވެން ނެތް ކަމަށް
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ބޮލުގައި "ލާދީނީ" ޓެގު އަޅުވާތީ އެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، ގާނޫނަކުން ނޫނީ އެކަން މަޖިލީހުގައި ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖަލްސާގައި މިއަދު އެންމެ ފުރަތަމަ ބަހުސްކުރަން އޮތީ، މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް މިދިޔަ ނޮވެންބަރު މަހު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް ބަހުސްކުރުމެވެ. އެ ބިލަށް ބަހުސްކުރައްވަމުން ބިލަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމަށް ފަހު، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، އެމްޑީޕީގެ މިދިޔަ ސަރުކާރުގައި މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް ރާ ބޮއެ މީހުން ނިދާ ދަރަޖައަށް ދިޔަ ކަމަށާއި، ނަމަވެސް ކޯޓުން ވެސް އެ ކުށްތަކުގެ ތުހުމަތުވާ ފަރާތްތައް ދޫކޮށްލީ ކަމަށެވެ. "އެމްޑީޕީގެ ވެރިކަން ބަދަލުވުމަކީ ގައުމަށް ލިބުނު ހެޔޮ ނަސީބެއް، މި އިސްލާމީ ގައުމެއްގައި އިސްލާމްދީން ދެމެހެއްޓުމަށް ވެސް ލިބުނު ބޮޑު ރަހުމަތެއް، އެމްޑީޕީއަކީ އަބަދު ވެސް ލާދީނީ ފިކުރުގެ ބައެއް،" ފަލާޙް ވިދާޅުވިއެވެ. ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު -- ފޮޓޯ/ މަޖިލިސް އެމްޑީޕީގެ މެންބަރުންނަކީ ލާދީނީ ބައެއްގެ ގޮތުގައި ފަލާޙް ސިފަކުރެއްވުމުން، އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކުޑޫ ވަނީ އެކަން ހުއްޓުވައިދިނުމަށް ރިޔާސަތުގައި އެދިވަޑައިގެންފައެވެ. "ވަރަށް އަދަބުވެރިކަމާއި އިޚުލާސްތެރިކަމާ އެކު އަޅުގަނޑު ދަންނަވަން، އެކަކު އަނެކަކަށް މިގޮވާ ލާދީނީ މިއީ އަނގަހައްދު ޖަހަން ޖެހޭ ވަރުގެ، ދީނުން ބޭރުވާ ވަރުގެ ވާހަކަ. އެކަކު އަނެކަކާ ދިމާލަށް [ލާދީނީ] ގޮވުން އަޅުގަނޑު ވަރަށް އިހުތިރާމާއެކު ދަންނަވަން މިކަން ހުއްޓުވައިދެއްވަން،" ކުޑޫ ވިދާޅުވިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް --- ފޮޓޯ/ މަޖިލިސް އޭނާ ވިދާޅުވީ، "ލާދީނީ" ޓެގު އެޅުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ޢަބްދުއްރަޙީމް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ކުޑޫ އެހެން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި ޢަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގައި "ލާދީނީ"އަށް ގޮވުން ހުއްޓުވޭނީ ގާނޫނުގައި އެކަން ބަޔާންކުރުމުން ކަމަށާއި އެހެންކަމުން މިހާރު އޮތް ގޮތުން އެކަން ނުހުއްޓުވޭނެ ކަމަށެވެ. ނަމަވެސް، އެއް މެންބަރަކު އަނެއް މެންބަރަކަށް "ލާދީނީ" ނުކިއުމަށް ޢަބްދުއްރަޙީމް އެދިވަޑައިގަތެވެ. އޭގެ ފަހުން ވެސް ފަލާޙް ވަނީ "އެމްޑީޕީން ދައްކާފައި ހުރި ލާދީނީ ވާހަކަ ނުފޮރުވޭނެ" ކަމަށް ވިދާޅުވެ، އިތުރު ފުރުސަތެއްގައި ވާހަކަދައްކަވައިފައެވެ. "އެމްޑީޕީއަށް ވެރިކަން ލިބޭ ފަހަރު ފަހަރު ދީނަށް ދީފައި ހުރި ގެއްލުމަށް، މި ކަންކަން އެމްޑީޕީއަށް ޒަމާނެއްގެ ކޮޅުން ވެރިކަން ލިބުނަސް އެއިން ސަލާމަތްކުރެވޭނެ ގޮތަށް ގާނޫނުތަކަށް އެ ދަނީ އިސްލާހު ގެންނަމުން އިއްޒަތްތެރި ރައީސް،" ފަލާޙް ވިދާޅުވިއެވެ. މެންބަރު ޙުސައިން ޒިޔާދު -- ފޮޓޯ/ މަޖިލީސް ފަލާޙަށް ފަހު ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާަލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ، އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާލަށް "ލާދީނީ" ގޮވުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތްގޮތުން އިސްލާމްދީނާ ޚިލާފު އެއްވެސް ވާހަކައެއް ނުދެއްކޭނެކަން ޒިޔާދު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އިސްލާމްދީން ތާ އަބަދަށް ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ތިހެން ނުދެންނެވޭނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނެތް ދުނިޔެއެއްގައި އިސްލާމްދީން ނޯންނާނެ ކަމަކަށް. އެހެނެއް ނޫން އިއްޒަތްތެރި ރައީސް، އެކަން އޮތީކީ، އެ ބޭފުޅާ ވެސް ރަނގަޅު ކަންތައް ކުރައްވާ، އެހެން ބޭފުޅުން ވެސް ރަނގަޅު ކަންތައް ކުރައްވާ، ދެން އަރާ އެންމެންނަކީ ލާދީނީ މީހުން ކަމަށް ނިންމުމުގެ ޖާގައެއް ޕީއެންސީ ޕީޖީ ލީޑަރަކަށް ނޯންނާނެ،" ފަލާޙަށް ރައްދުދެއްވައި ޒިޔާދު ވިދާޅުވިއެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިއަކީ ޢަބްދުއްރަޙީމްކަން ފާހަގަކުރައްވައި، ކުޑޫގެ ނުކުތާއަށް ބާރުދެއްވައި ޒިޔާދު ވިދާޅުވީ ގައުމުގައި ހިނގާ ކަންކަމުގެ ޒިންމާ ޢަބްދުއްރަޙީމް ވެސް ނަންގަވަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ