ޕާކިސްތާނުގެ ޝީޢީ މިސްކިތެއްގައި ބޮމެއް ގޮވައި 15 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝީޢީ މިސްކިތެއްގައި މިއަދު ހުކުރު ނަމާދު ވަގުތު އެއްޗެއް ގޮވައި، މަދުވެގެން 15 މީހުން މަރުވެ 80 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ. 
މި ހާދިސާ ހިނގާފައިވަނީ އިސްލާމްއާބާދުގެ އިރުދެކުނު ސަރަހައްދެއް ކަމަށްވާ ތަރުލައި ކަލާންގައި ހުންނަ ޚަދީޖަތުލް ކުބްރާ މިސްކިތުގައެވެ. ގޮވުން ގޮވި ވަގުތަކީ މިސްކިތުގައި ގިނަ އަދަދެއްގެ ބަޔަކު ހުކުރު ނަމާދަށް ތިބި ވަގުތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހާދިސާ ހިނގި ސަރަހައްދަށް ރެސްކިއު ޓީމުތަކުން ގޮސް، ޒަޚަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރެސްކިއު އޮފިޝަލެއް ކަމަށްވާ މުޙައްމަދު އާމިރު ޑީޕީއޭ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެއްވި ގޮތުގައި، ޒަޚަމްވި މީހުންގެ ތެރެއިން 15 މީހަކު ހޮސްޕިޓަލަށް ގެންދެވުނު އިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ނާޒުކެވެ.
އިސްލާމްއާބާދު ފުލުހުންގެ ތަރުޖަމާނު ތަގީ ޖަވާދު ވިދާޅުވި ގޮތުގައި، މި ގޮވުން ގޮވަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް އިސްލާމްއާބާދުގައި ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. އެފަހަރު އިސްލާމްއާބާދު ޑިސްޓްރިކްޓް ޖުޑީޝަލް ކޮމްޕްލެކްސްގެ ދޮރުމަތީގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ