ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން އޮތް މެޗަށް ގަސްދުގައި، ހާޒިރުނުވެ، ކްލަބް ގްރީން ސްޓްރީޓްސް އިން ކުރީ މެޗު ފިކްސް ކުރި ކަމުގެ އަމަލެއް ކަމަށް ބުނެ، ކްލަބް ވެލެންސިއާ އިން ކުރި ތުހުމަތު ގްރީން ސްޓްރީޓްސް އިން ދޮގުކޮށްފި އެވެ.
ގްރީން ސްޓްރީޓްސް އިން މި ގޮތަށް ބުނެފައިވަނީ، ވެލެންސިއާ އިން ނެރުނު ބަޔާނަކަށް ދިން ރައްދުގަ އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ. އެ ގޮތުން، މިދިޔަ ހަފްތާގައި ވެލެންސިއާއާ އެއްވަރުވެ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވަނީ 10 އަހަރަށް ފަހު ވަނީ ރެލިގޭޓްވެފަ އެވެ.
ވެލެންސިއާ އަށް އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި އިއްޔެ 2-0 އިން އީގަލްސް ބަލިކުރި އެވެ. ވެލެންސިއާ އަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި މިއަދު ނިއު އިން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ އެވެ. އެއީ، ވެލެންސިއާ އަށް ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލެވެ. އެ ޓީމަށް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ. ގްރީން ސްޓްރީޓްސް އިން މިއަދު މެޗަށް ހާޒިރުނުވުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން ނިއު އަށް މެޗު ލިބުނީ 2-0 އިންނެވެ. މާނަ އަކީ، ވެެލެންސިއާ ރެލިގޭޓްވުމެވެ.
ގްރީން ސްޓްރީޓްސް އިން ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވާހަކަ ދެކެވޭއިރު، އޭގެ ގެއްލުން ވެލެންސިއާ އަށް ކުރިމަތިވެފައިވާއިރު، އެފްއޭއެމް އިން މި މައްސަލަ ބަލާނެތޯ އެެއީ އުފެދޭ ސުވާލެކެވެ. އަދި، ގްރީން ސްޓްރީޓްސް އިން މިއަދު މެޗަށް ނައިސް ރެލިގޭޝަނުން ސަލާމަތްވުމަށް ގަވާއިދުން އޮތީ ފުރުސަތު ލިބޭ ގޮތަށެވެ. މީގެ ކުރިން، ލީގުގެ މެޗަކަށް ހާޒިރުނުވާ ޓީމުތަކަށް ގަވާއިދުގެ ތެރެއިން ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވަނީ 25،000 ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށެވެ.
ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ކުޅެން ޖެހިފައި އޮތް މެޗުތައް ނިމިފައިވަނިކޮށް ގްރީން ސްޓްރީޓްސް އިން އެ ޓީމުގެ ފަހު މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ކުރި "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި، މިއީ، ވެލެންސިއާގެ ހައްގަކަށް އަރައިގަތުމަށް ހިންގި އަމަލެއް ކަމަށާއި، މިއީ އިއްޔެ މެޗުގައި ގްރީން ސްޓްރީޓްސް އިން ވާދަކުރަން އޮތް ނިއު އާއި އެހެން ކްލަބްތަކާއި އެ ޓީމުގެ ކުޅުންތެރިންގެ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. އަދި، އެ ކަން ވެލެންސިއާ އިން ފީފާ/އޭއެފްސީ އަށް ހުށަހަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.
ގްރީން ސްޓްރީޓްސް އިން މި ކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ގަސްދުގައި މެޗަށް ހާޒިރުނުވެ، މެޗު ފިކްސް ކުރި ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި، މި ކަމުގައި ރަސްމީ ފަރާތްތަކުން ކަންތައްތައް ހިނގައިދިޔަ ގޮތް ރަނގަޅަށް ބަލައިނުނިމެނިސް މީޑިއާ އާއި އާންމުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެދޭކަމަށް ބުނެ، ގްރީން ސްޓްރީޓްސް އިން ވަނީ އެ ކްލަބުން ހެދިފައިވާ ގަވާއިދުތަކަށް އަބަދުވެސް ބޯލަނބާނެ ކަމަށާއި އަބަދުވެސް އަމަލުތައް ބަހައްޓަނީ ގަވާއިދުގެ ތެރެއިން ކުޅިވަރުގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތަށް ކަމަށެވެ.
ގްރީން ސްޓްރީޓްސް އިން އަންނަނީ 2017 ވަނަ އަހަރު ޕްރޮމޯޓްވި ފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންނެވެ.
މެޗު ފިކްސް ކުރި ކަމަށް ކުރާ ތުހުމަތު ގްރީން ސްޓްރީޓްސް އިން ދޮގުކޮށްފި މެޗު ފިކްސް ކުރި ކަމަށް ކުރާ ތުހުމަތު ގްރީން ސްޓްރީޓްސް އިން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ